ޖެންޑާ މިނިސްޓްރީގެ ދަށުން ކ. ގުރައޫގައި ހިންގާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަވާނެ ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މިހާތަނަށް ފަރުވާއެއް ހޯދިފައިވާ ނުވާ ނުރައްކާތެރި ކޯވިޑް-19 ގައި އެންމެ ބޮޑު ނުރައްކަލަކާއި ކުރިމަތިލާން ޖެހެނީ އުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަކަށް ބޭސް ކުރާ މީހުންނަށެވެ. އެމަރުކަޒުގައި ދައުލަތުގެ ބެލުމުގެ ދަށުން ބަލަހައްޓަމުން ދަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންގެ ތެރެއިން އާއިލާއިން ދައުލަތާއި ހަވާލު ކުރާ މީހުންނެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އައިޝާ ވިދާޅުވީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ ތަންތަނުގެ ތެރެއިން ގުރައިދޫ މަރުކަޒުގައި އަޅާފައިވާ ފިޔަވަޅުތައް ހާއްސަވާނެ ކަމަށެވެ. އެއީ ބަލީގެ އަލާމާތްތަކާއި ބައްޔަށް ގުޅޭގޮތުން މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އެެ މަރުކަޒުގައި ބަލަހައްޓާ ފަރާތްތަކަށް އިތުރު ސަމާލު ކަމެއް ދޭނެޖެހޭތީ ކަމަށް ވިދާޅުވި އެވެ.
އަދި ބައްޔަށް ޝައްކު ކުރެވޭ ނުވަތަ ޕޮސިޓިވް މީހުން ތިބިނަމަ އަމަލު ކުރާނެ ގޮތުގެ ހާއްސަ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށެވެ. އެ ޕްލޭންގެ ދަށުން އެފަދަ ހާލަތަކަށް ތަން އަތުވެއްޖެ ނަމަ ކާއެއްޗެހި ފޯރުކޮށްދިނުމާއި މީހުން ބަލަހައްޓަން ދާނެ މުވައްޒަފުންނާއި އެނޫން ހިދުމަތްތައް ގުރައިދޫ މަރުކަޒުގައި ދޭނެ ގޮތްތަކެއް ނިންމާފައިވާކަމަށެވެ.
ކޯވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން ގުރައިދޫ މަރުކަޒުގައި ދެ އައިސޮލޭޝަން ރޫމާއި، އެމަޖެންސީ ހާލަތެއްގައި ފަރުވާ ދިނުމަށް ބޭނުންވާ މެޑިކަލް ފެސިލިޓީއެއް ވަނީ ގާއިމްކޮށްފައި އެވެ.
މީގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށުން ކުދަކުދިން ބައިތިއްބާ ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތީގައިވެސް ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން އައިިސޮލޭޝަން ފެސިލިޓީތަކެއް ގާއިމްކޮށް ގަވައިދުން ކުދިންނާއި މީހުންގެ ގައިން ހުމާއި ރޯގާގެ އަސަރު ފެނޭތޯ ބަލަމުންދާ ކަމަށެވެ.
ކުއްލި ހާލަތެއް މެދުވެރިވެއްޖެ ނަމަ ކާއެއްޗިއްސާއި އެތަނުގައި ބަލަހައްޓަމުންދާ ކުދިންނާއި މީހުންނަށް ބޭނުންވާނެ އެއް މަސްދުވަހުގެ ތަކެތި ތައްޔާރީ ހާލަތުގައި އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް