ކޮވިޑްގެ ދަތި ހާލަތުގައި ވަރުބަލުވުމެއް ނެތި ދެމިތިބި ޚިދުމަތްތެރިން އެތައް ބައިވަރެވެ. އެކި ގޮތްގޮތުން ރައްޔިތުންނަށް ޚިދުމަތް ދެ ފަރާތްތައް ހިމެނެއެވެ. ކޮވިޑް ފެތުރިގެން ދިޔައިރު މީގެ ކުރިންވެސް އަހަރެމެން އެކަމަށް ޝުކުރުވެރި ވީމެވެ. އެކަން ފާހަގަ ކުރީމެވެ. ނަމަވެސް އަލުން އެފަރާތްތަކަށް ޝުކުރު އަދާކޮށްލަން ވަގުތުކޮޅެއް ހުސްކޮށްލަމާ ހެއްޔެވެ؟
ސިލްސިލާ ގޮތެއްގައި ރޭގަނޑު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުން ތަކުގައިވެސް ސިއްޙީ ޚިދުމަތްތެރިން ވެސް ފާހަގަ ކުރާ އެއް ކަމަކީ މިއެވެ. އާއިލާއަށް ދޭ ވަގުތު މަދުކޮށް، ރައްޔިތުންގެ ޚިދުމަތުގައި ގިނަ އަދަދެއްގެ ސިއްހީ އެހީތެރިންގެ ގިނަ ވަގުތުތަކެއް ހުސްކުރާކަމެވެ. އެކަމަށްޓަކައި ވެސް ކޮވިޑްގެ މި ހާލަތުން އަރައިގަތުމަށް ފަރުދީ ޒިންމާ އަދާކުރުމަށް އެ ބޭފުޅުން އާދޭހާއެކު އެދެމުންދެއެވެ.
މި ބަލިމަޑުކަމުގައި ރައްޔިތުންނަށް އެންމެ ބޮޑު ޚިދުމަތެއް ދޭ އެއް ބަޔަކީ ސިއްޙީ ޚިދުމަތްތެރިންނަށް ވާނެއެވެ. ކޮންމެ ދުވަހަކު އެތައް ހާސް މީހުންނަށް ވެކްސިން ދިނުމާއި، ކޮވިޑް ޓެސްޓު ކުރުމުގެ މަސައްކަތުގެ އިތުރުން، އެތައް އެތައް މަސައްކަތްތަކެއް އެ ބޭފުޅުން ކުރެއެވެ.
އެހެންކަމުން އަޅުގަނޑުމެން އެ ބޭބޭފުޅުންގެ ޚިދުމަތްތަކުގެ މަތިން ހަނދާން ކޮށްލަން ޖެހެއެވެ.
މީގެ އިތުރުން ފުލުހުންނާއި ސިފައިންނަކީ ވެސް މި ދަނޑިވަޅިގައި ވެސް ނަމޫނާ ދައްކަމުން އަންނަ ފަރާތްތަކެވެ. އެގޮތުން ފުލުހުންނަށް ދޭ އަހަރީ ޗުއްޓީ ވަނީ ކޮވިޑާ ގުޅިގެން ދިނުން ހުއްޓާލާފައެވެ. ކޮވިޑްގެ އެކި ކަންކަމާ ގުޅިގެންނާއި އެ ނޫންވެސް ކަންކަމުގައި އެންމެ އިސް ސަފެއްގައި މަސައްކަތް ކުރާ އެއް ބަޔަކީ ފުލުހުންނެވެ. އަހަރެމެން އެކަމަށް ޝުކުރުކޮށް އެ ޚިދުމަތުގެ އަގު ވަގަން ކުރަން ޖެހޭނެއެވެ.
ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކަކީ، އެބައެއްގެ ނަން ކޮންމެހެންވެސް މި ހާލަތުގައި ފާހަގަކޮށްލަން ޖެހޭ އެއް ދާއިރާއެވެ. އާއިލާއާއި އަނބިދަރިންނާ ދުރުގައި އެތައްމަހެއް ހޭދަކުރަން ޖެހިފައި ވަނީ ކޮވިޑްގެ ސަބަބުންނެވެ. ބައެއް ފަރާތްތައް އާއިލާއާ ބައްދަލު ނުވާތާ ހަ މަސް ވެސް ވެފައި އެބަހުއްޓެވެ. އެހެން ނަމަވެސް ރާއްޖޭގެ އިޤްތިޞާދަށް ލޮޅުން އެރިޔަ ނުދިނުމަށްޓަކައި އެ ވާ ޤުރުބާނީ އަކީ އެކަމަކަށްޓަކައި އެ ފަރާތްތަކަށް ޝުކުރު އަދާކޮށް، ހިތްވަރު ދޭން ޖެހޭ ކަމެކެވެ.
ސިއްޙީ ޚިދުމަތްތެރިންނާއި ފުލުހުން އަދި ރެސޯޓްތަކުގައި މަސައްކަތްކުރާ ފަރާތްތައް ނޫނަސް ކޮވިޑްގެ މި ހާލަތުގައި އިސް ސަފުގައި މަސައްކަތްކުރާ ވަރަށް ގިނަ ގުނަ ދާއިރާތަކުގެ މީހުން އެބަ އުޅެއެވެ. އެ އެންމެންނަށް ވެސް ހައްޤު ޝުކުރު އަދާކުރަން ހަނދާން ނައްތާލައިގެން ނުވާނެއެވެ.
އެހެންކަމުން މި ދަނޑިވަޅުގައި ވަރުބަލުވުމެއް ނެތި ދެމިތިބި ހުރިހާ ޚިދުމަތްތެރިންގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ހިތުގެ ފުންމިނުން ޝުކުރު އަދާކުރަން ްޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް