ކޯވިޑް-19 ޖެހިގެން މަރުވި މުސްލިމަކު ފުރަތަމަ ފަހަރަށް އަވައްޓެރި ސްރީލަންކާގައި ވަޅުލައިފި އެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ކުރެވުނު މަޝްވަރާތަކަށް ފަހު ލަންކާއިން ވަނީ ކޯވިޑްގައި މަރުވާ މީހުން ވަޅުލުމުގެ ހުއްދަ ދީފަ އެވެ. ރިޕޯޓުތައް ބުނާގޮތުގައި ގޮތް ދޫކޮށް ލަންކާއިން އެ ހުއްދަ ދިނީ އދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލުން އެ ގައުމާއި ދެކޮޅަށް ފިޔަވަޅެއް އަޅާފާނެތީ ބިރުންނެވެ.
އެ ހުއްދަ ދޭން ނިންމި ފަހުން އިއްޔެ ވަނީ ފުރަތަމަ ފަހަރަށް ލަންކާގައި މަރުވި މުސްލިމުން ވަޅުލާފަ އެވެ. ކޯވިޑްގައި އިއްޔެ މަރުވީ 55 އަހަރުގެ މުސްލިމް ފިރިހެނަކާއި 66 އަހަރުގެ މުސްލިމް އަންހެނަކެވެ.
އެ ދެމީހުންގެ ހަށިގަނޑު ވަޅުލާފައިވަނީ ވެރިރަށް ކޮލަމްބޯގެ އިރުން 187 މޭލު ދުރުގައި އޮންނަ ބަޓިކަލޯގެ އޮއްޑަމަވަޑީގައި އެވެ. އެއީ އެންމެ ފުރަތަމަ ކޯވިޑްގައި މަރުވާ މީހުން ވަޅުލާން ހަމަޖެއްސި ރަށެއް ނޫނެވެ.
ލަންކާ ސަރުކާރުން އެންމެ ފުރަތަމަ ކޯވިޑްގައި މަރުވާ މީހުން ވަޅުލާން ހަމަޖެއްސީ ކޮލަމްބޯއާ 186 މޭލު ދުރުގައި ވަކިން އޮންނަ ރަށެއްކަމަށްވާ އިރަނައިތީވުގައި އެވެ. އެކަމަކު އެކި ރަށްރަށުގައި ވަޅުލުމުގެ ހުއްދަ ދޭން ނިންމީ ހަމައެކަނި އެ ރަށުގައި ވަޅުލާން ނިންމުމުން އިރަނައިތީވުގެ ރައްޔިތުން އެކަމާއި ދެކޮޅަށް މުޒާހަރާ ކުރަން ފެށުމުންނެވެ.
ބުދިސްޓް މެޖޯރިޓީ އޮންނަ ލަންކާގައި ކޯވިޑް ޖެހިގެން މަރުވާ މީހުން ވަޅު ނުލާން ނިންމީ އެ ދީނުގެ ހާމުދުރުން އެކަމާއި ދެކޮޅު ހަދާތީ ސަރުކާރަށް ނުކެރިގެންނެވެ. ބުދިސްޓު ހާމުދުރުން ގަބޫލު ކުރާ ގޮތުގައި ކޯވިޑްގައި މަރުވާ މީހުން ވަޅުލުމުން ބިމުގެ ފެން ފަށަލަ ހަލާކުވެ ފަސްގަނޑުތެރެއިން ޖަރާސީމު ދައުރުވެ ދިރިތިބި މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮންނާނެ އެވެ.
21 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ލަންކާގައި މުސްލިމުންގެ އާބާދީއަކީ 10 ޕަސެންޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް