ވ. ތިނަދޫ އާއި ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރި އިޓަލީގެ ދެ ޓޫރިސްޓެއްގެ ގައިން ކޮރޮނާ ވައިރަސްއަށް ޝައްކު ކުރެވޭ ކަންކަން ފެނިފައިވާތީ އެ ދެ ރަށަށް އަރައި ފޭބުން މަނާކޮށްފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ތިނަދޫގައި ޗުއްޓީ ހޭދަ ކުރަމުންދިޔަ އިޓަލީ ޓޫރިސްޓެއްގެ ކިބައިން ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިފައިވާ ކަމަށެވެ. އެމީހާ މިހާރު ފަރުކޮޅުފުށީގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީއަށް ގެނެސް މޮނިޓާ ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކުރެއްދޫ ރިސޯޓުގައި ޗުއްޓި ހޭދަކޮށްފައި ދިޔަ ފަހުން ކޮރޯނާ ވައިރަސްއަށް ޕޮސިޓިވްވިކަން ރާއްޖެއަށް އެންގީ އިޓަލީ ޓޫރިސްޓެެވެ. މިނިސްޓަރު ވިދާޅުވީ އެމީހާ އެންގި ފަހުން އެ ރިސޯޓުގައި މަސައްކަތް ކުރާ ޑޮކްޓަރުގެ ފަރާތުން ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން އޭނާ ފަރުކޮޅުފުށީގައި ކަރަންޓީން ކޮށްފައިވާ ކަމަށެވެ.
އަމީން ވިދާޅުވީ ކުރެއްދޫގައި ޗުއްޓީ ހޭދަކުރި ޓޫރިސްޓު ރާއްޖެއިން ފުރީ މިމަހުގެ އެއް ވަނަ ދުވަހު އެވެ. އަދި ބައްޔަށް ޕޮސިޓިވްވިކަން އެންގީ މިމަހުގެ ހަވަނަ ދުވަހު އެވެ. އެހެންވެ ސަރުކާރުންދަނީ އެމީހާ ރާއްޖެއިން ފުރި އިރު ހުރި ސިއްހީ ހާލަތާއި ފުރި އިރު އެއާޕޯޓުގައި އަމަލުކޮށްފައިވާ ގޮތް ތަހުގީގު ކުރަމުންނެވެ.
މި ދެމީހުން މިހާރު ވަނީ ކޮރޯނާ ވައިރަސްއަށް ޓެސްޓު ކޮށްފައި އެވެ. އެމީހުންގެ ޓެސްޓުގެ ނަތީޖާ ލިބޭނީ މާދަމާ ކަމަށް ހެލްތް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ލޭގެ ސާމްޕަލް ޓެސްޓު ކުރަން ފަށާތާ ހަ ގަޑިއިރާއި12 ގަޑިއިރާ ދެމެދުގައި ނަތީޖާ ލިބޭނެ އެވެ.
މި ދެމީހުންގެ އިތުރުން އިޓަލީން ރާއްޖެ އައި އަންހެނަކާއި ކުޑަ ކުއްޖަކު ފަރުކޮޅު ފުށީގައި ކަރަންޓިންކޮށްފައި އެބަތިއްބެވެ. އަދި ވ. ތިނަދޫއިން ގެންދިޔަ އިތުރު ދެ އިޓަލީ ޓޫރިސްޓަކުވެސް އެބަތިއްބެވެ.
މިއާއެކު ޖުމްލަ ހަ މީހުން ފަރުކޮޅުފުށީ ކަރަންޓީން ފެސިލިޓީގައި އެބަތިއްބެވެ. އެމީހުން ބައްޔަށް ނެގެޓިވް ވިޔަސް ކަރަންޓީން ފެސިލިޓީގައި14 ދުވަސް ހޭދަ ކުރަން ޖެހޭނެ އެވެ.
ތިނަދޫ އާއި ކުރެއްދޫ ރިސޯޓަށް އަރައި ފޭބުން ވަގުތީ ގޮތުން މަނާ ކުރުމަށް ފަހު މިހާރުު ކުރިޔަށް ގެންދަނީ ބައްޔަށް ޝައްކު ކުރެވުނު މީހުންނާއި މުއާމަލާތް ކުރި މީހުންގެ ހާލަތު ދެނެގަންނާށެވެ. ހެލްތް މިނިސްޓްރީން ވަނީ މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެ ރަށްރަށުން ގޮސްފައިވާ ނުވަތަ އެރަށަށް ދިޔަ މީހެއްގެ ފަރާތުން ރޯގާ ފަދަ އަލާމާތެއް ހުރި ނަމަ އެކަމުގެ މައުލޫމާތު ހެލްތް މިނިސްޓްރީ އާއި ހިއްސާ ކުރުމަށް އެދިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް