އަންހެން އެކުވެރިންނާއި އެކު އާލިއާ ރަންދެލި ރިސޯޓުގައި

ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އަތުވެއްޖެ އެވެ. މީގެ ކުރިން އެތައް ފަހަރަކު އާލިއާ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެ. އެގޮތުން ލޯބިވެރިޔާ ރަންބީރު ކަޕ...

06 Feb 2021 | 16:51

ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އަތުވެއްޖެ އެވެ.

މީގެ ކުރިން އެތައް ފަހަރަކު އާލިއާ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެ. އެގޮތުން ލޯބިވެރިޔާ ރަންބީރު ކަޕޫރު އަދި އޭނާގެ އާއިލާ މެމްބަރުންނާއި އެކު ޗުއްޓި ހޭދަ ކުރުމަށް ރާއްޖެ އައިސްފައިވެ އެވެ.

މިފަހަރު އާލިއާ ރާއްޖެ އައިސް އުޅެނީ އޭނާގެ އެންމެ ގާތް ދެ އަންހެން އެކުވެރިންނާއި އެކު އެވެ. މި ތިން މީހުން ޗުއްޓި ހޭދަ ކުރަމުން ދަނީ ޝެވަލް ބްލޭންކް ރަންދެލި ރިސޯޓްގަ އެވެ.

ތިން މީހުން އެކުގައި ސްވިމިން ޕޫލްގައި ނަގާފަިވާ ފޮޓޯތަކެއް އާންމު ކުރި އެވެ. އަދި އާލިއާ ވަނީ ކޮފީ ތަށްޓަކާއި އެކު ރާއްޖޭގެ ހިތްގައިމު މަންޒަރު ފެންނަ ވީޑިއޯއެއް އޭނާގެ ރަސްމީ އިންސްޓަގްރާމް ސްޓޯރީގައި އާންމުކޮށްފައި އެވެ.

ބޮލީވުޑްގައި މިހާރު ތިބި އެންމެ ކާމިޔާބު އަދި އެންމެ ހުނަރުވެރި ބަތަލާއިންގެ ތެރޭގައި ހިމެނޭ އާލިއާ ބްރޭކެއް ނަގައިގެން ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުންދަނީ ސަންޖޭ ލީލާ ބަންސާލީގެ "ގަންގްބާއީ ކަތިއަވާޅީ" ގެ މަސައްކަތް ކުރިޔަށްދަނިކޮށެވެ. އެ ފިލްމު އެއްކޮށް ޝޫޓުކޮށް އަދި ނުނިމެ އެވެ.

ގަންގްބާއީ" ގެ އިތުރުން އާލިއާ ސޮއިކޮށް މަސައްކަތް ފަށާފައިވާ ފިލްމުތަކުގެ ތެރޭގައި އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" އާއި އަޔާން މުކަރްޖީގެ "ބުރައްމަސްތުރާ" ހިމެނެ އެވެ. އެންމެ އަވަހަށް ރިލީޒް ކުރާނެ ކަމަށް ބެލެވެނީ އާލިއާ އާއި ލޯބިވެރިޔާ ރަންބީރު އެއްކޮށް ފެނިގެންދާ "ބުރައްމަސްތުރާ" އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ރަންބީރާއި އާލިއާގެ ކައިވެނި މިއަހަރު އޮންނާނެ އެވެ. އެ ދެ ތަރިންގެ ކައިވެނި ލަސްވީ ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރު ބަލިވެ އުޅުމުގެ ސަބަބުންނެވެ. ރިޝީ ވަނީ މިދިޔަ އަހަރު ކެންސަރަށް ފަރުވާ ހޯދަނިކޮށް މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް