ގައުމީ އެއާލައިން މޯލްޑިވިއަންގެ ޓިކެޓު އޮފީސް ބަންދުކޮށް ހުރިހާ ހިދުމަތެއް އޮންލައިންކޮށް ދޭން ފަށައިފި އެވެ.
މޯލްޑިވިއަން އިން ބުނީ މިއަދުން ފެށިގެން ހުރިހާ ދުވަހެއްގަައިވެސް ޓިކެޓު އޮފީސް ބަންދުވާނެ ކަމަށެވެ. މިގޮތަށް ނިންމާފައިވަނީ ވަކި މުއްދަތެއް ނެތްގޮތަށެވެ.
އެކަމަކު ޓިކެޓު ގަންނަން ބޭނުންވާ ފަރާތްތަަކަށް ކޯލް ސެންޓަރު އަދި ވައިބާ މެދުވެރިކޮށް މައުލޫމާތު ދިނުމާއި ޓިކެޓު ގަތުމުގެ ކަންކަން ކުރެވޭނެ ކަމަށެވެ. އަދި އެ އެއާލައިންގެ ވެބްސަައިޓާއި އެޕް މެދުވެރިކޮށް ޓިކެޓު ގަނެވޭނެ ކަމަށް ބުނެ އެވެ.
ކޯލް ސެންޓަރާއި ވައިބާގެ ހިދުމަތް ލިބޭނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 9:00 ން ހަވީރު 5:00 އަށެވެ. ހުކުރު ދުވަސް ބަންދުވާނެ އެވެ.
މޯލްޑިވިއަންއިން މި ބަދަލު ގެނެސްފައި މިވަނީ މުވައްޒަފުން ލައްވައި ގޭގައި މަސައްކަތް ކުރުވަން އިސްކަންދީ މުވައްޒަފުން ވީހާވެސް މަދުން އޮފީހަށް ނެރެގެން މަސައްކަތް ކުރުމަަށް އެޗްޕީއޭ އާއި ރައީސް އޮފީހުން އިލްތިމާސް ކުރުމުންނެވެ.
މިދިޔަ އަހަރުވެސް ކޯވިޑް-19ގެ ހާލަތު ގޯސްވުމުން މޯލްޑިވިއަންގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށްދީފައިވެ އެވެ. ޓިކެޓު އޮފިސް ހުޅުވީ މާލޭގެ ކޯވިޑް ހާލަތަށް ބަދަލު އައުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް