2030 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖޭގެ ކާބަން އެމިޝަންސް، ނެޓް ޒީރޯއަށް ހެދުމަށް ދިވެހިރާއްޖެއިން އަމާޒު ހިފާފައިވާތީ އިނގިރޭސިވިލާތުން އެކަމަށް މަރުޙަބާ ކިޔައިފިއެވެ.
އެގައުމުން މިކަމަށް މަރުޙަބާ ކިޔާފައިވަނީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދުއާއި އިނގިރޭސިވިލާތުގެ ޚާރިޖިއްޔާގެ ދެކުނު އޭޝިއާ، ކޮމަންވެލްތު އަދި އދ ގެ ކަންތައްތަކާ ބެހޭ ވަޒީރު ލޯޑް އަހުމަދު އާއެކު މިދިޔަ ބުރާސްފަތި ކުރެއްވި މަޝްވަރާތަކުގައެވެ. ފޮރިން މިނިސްޓަރ ޝާހިދު އާއި ލޯޑް އަހުމަދު ބައްދަލުކުރައްވާފައިވަނީ ވަރޗުއަލްކޮށެވެ.
ދިވެހިރާއްޖެއިން ނެޓްޒީރޯއަށް ވާސިލްވުމަށް މަސައްކަތްކުރާކަން ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އިއުލާންކުރައްވާފައިވަނީ 2020 ޑިސެމްބަރު 22 ވަނަ ދުވަހު އދ އިން އިންތިޒާމްކޮށްގެން ބޭއްވި ކްލައިމެޓް އެމްބިޝަން ސަމިޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ. "ބޭރުގެ ޤައުމުތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިއްޖެނަމަ ރާއްޖެއަށް ގާތްގަނޑަކަށް 2030 ވަނަ އަހަރު "ނެޓް ޒީރޯ" އާއި ހަމައަށް ވާޞިލުވެވިދާނެ" ކަމަށް އެދުވަހު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި އޭގެ ފަހުން މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި، ރިޔާސީ ބަޔާނުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަމަށް އަލިއަޅުއްވާލައްވާފައެވެ.
ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ވިދާޅުވީ: "ތިމާވެށި ޙިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރާ މަސައްކަތްތަކުގައިވެސް، ރާއްޖެއިން މިއަންނަނީ ވަރަށް ޙަރަކާތްތެރި ގޮތެއްގައި ބައިވެރިވަމުން. މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް އެކުލަވައިލާފައިވާ ޕެރިސް އެގްރީމަންޓުގެ ދަށުން، ރާއްޖެއިން އެކުލަވައިލި، އެކްޝަން ޕްލޭން ތަންފީޒުކުރުމަށް ބައިނަލްއަޤްވާމީ އެހީ ކަށަވަރުވެއްޖެނަމަ، އަޅުގަނޑުމެންގެ އަމާޒަކީ، 2030 ވަނަ އަހަރުގެ ނިޔަލަށް، ދިވެހިރާއްޖޭގެ، ކާބަން އެމިޝަންސް، ނެޓް ޒީރޯއަށް ހެދުން."
ފޮރިން މިނިސްޓަރ ޝާހިދު އާއި ލޯޑް އަހުމަދު ވަނީ މި އަހަރުގެ ނޮވެމްބަރު މަހު އިނގިރޭސިވިލާތުގެ ގްލެސްގޯގައި އޮންނަ ކޮޕް26 ސަމިޓާއި ބެހޭ ގޮތުންނާއި، މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް