އެމްޕީއެލް އެކްސިޑެންޓުގައި ކާޕެޓް ރޯލުން ޖެހި އަނިޔާވި މީހާ އަދިވެސް ސީރިއަސް ހާލަތުގައި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހިންގާ މާލޭ ވިޔަފާރި ބަނދަރުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ހިނގި އެކްސިޑެންޓުގައި ޒަހަމްވި މީހާގެ ހާލު އަދިވެސް ސީރިއަސް ކަމަށް އައިޖީއެމްއެޗު...

06 Feb 2021 | 10:31

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހިންގާ މާލޭ ވިޔަފާރި ބަނދަރުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ހިނގި އެކްސިޑެންޓުގައި ޒަހަމްވި މީހާގެ ހާލު އަދިވެސް ސީރިއަސް ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

މި ހާދިސާގައި ޒަހަމްވެފައިވަނީ ހދ. ނޮޅިވަރަމް އުމުރުން 28 އަހަރުގެ އިމްރާން އަލީ އެވެ. އިމްރާނަށް މިހާދިސާގައި އަނިޔާވީ ކެރޭނެއް ބޭނުންކޮށްގެން ކާޕެޓު ރޯޯލެއް ދޯންޏަކަށް އަރުވަނިކޮށް އޭތި އޭނާ ގައިމައްޗަށް ވެއްޓިގެންނެވެ.

އިމްރާނަކީ މިނާ އިންވެސްޓްމެންޓް ކްލިއަރެންސް ގްރޫޕުގައި މަސައްކަތްކުރާ މަޖޫރީ އެކެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލު މީޑިއާގައި ވިދާޅުވީ އިމްރާންގެ ހަށިގަނޑަށް ލިބިފައިވާ ސީރިއަސް އަނިޔާތަކާއި ގުޅިގެން ގިނަ އޮޕަރޭޝަންތަކެއް ކޮށްފައި ވާކަމަށެވެ. އެކަމަކު އޭނާގެ ހާލަތަށް އަދި އިތުރު ބަދަލެއް ނާންނަ ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ އިމްރާނަށް ފަރުވާ ދެމުން ދަނީ އެ ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށާއި އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ.

މި އެކްސިޑެންޓު އެމްޕީއެލްގެ އެކްސިޑެންޓް އެންޑް އިންވެސްޓިގޭޝަން ކޮމިޓީން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެގޮތުން މައްސަލަ ބަލާ ނިމެންދެން މި މަސައްކަތުގައި ބައިވެރިވެފައިވާ އެ ކުންފުނީގެ މުވައްޒަފުން ވަނީ ސަސްޕެންޑު ކޮށްފައި އެވެ.

އިމްރާނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލް އައިޖީއެމްއެޗުން އަދި ހާމައެއް ނުކުރެ އެވެ.

އެކަމަކު އޭނާގެ އާއިލާ މީހަކު މީޑިއާގައި ބުނެފައިވާ ގޮތުގައި މި ހާދިސާގައި އިމްރާންގެ ޅިނދު ކަށިގަނޑު ބިންދައިގެން ގޮސް އަލުން ހިނގޭނެ ކަމުގެ އުއްމީދެއް ނެތެވެ. އަދި ކޯކަށިގަނޑު ބިންދައިގެންގޮސްފައިވާއިރު އަނގައިގެ ދަތްތައްވެސް ބިންދައިގެން ގޮސްފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުނެފައިވެ އެވެ.

މާލޭ ވިޔަފާރި ބަނދަރުގައި މިދިޔަ މަހުވެސް މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގާފައިވެ އެވެ. އެ ހާދިސާގައި އެމީހާ މަރުވީ ބިއްލޫރި ޕެލެޓެއް ވެއްޓި އޭގެ ދަށުވުމުން ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް