ސޯޝަލް ސެންޓަރުގައި ބާރުބޮޑުވެ މިއަދަށް ކޯވިޑް-19 ވެކްސިނަށް ރެޖިސްޓްރީ ކުރުން މެދުކަނޑާލައިފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޯވިޑް-19 ވެކްސިން ޖެހުމަށް ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމާއި ތަރުހީބު ލިބެމުންދާ ކަމަށެވެ. އެގޮތުން ސޯޝަލް ސެންޓަރުގައި ގާއިމްކޮށްފައިވާ ވެކްސިން ސެންޓަރަށް އެކަނިވެސް ގިނަ އަދަދެއްގެ ބަޔަކު ޖަމާވެ ކިޔޫ ހަދާފައިވާ ކަމަށެވެ.
އެޗްޕީއޭއިން ބުނީ އެ ސެންޓަރަށް މާބޮޑަށް ބާރުބޮޑުވެފައިވާތީ މިއަދު މެންދުރު 2:30 ގައި ރެޖިސްޓްރީ ކޮށްދިނުން ހުއްޓާލާނެ ކަމަށެވެ. އަދި މިހާރު ވެކްސިން ޖަހަން ދާން ރާވަމުންދާ މީހުން މާދަމާއަށް ބަދަލު ކުރުމަށް އިލްތިމާސްކޮށްފައިވެ އެވެ.
މާލޭ ސަރަހައްދުގައި މިހާރު ވެކްސިން ދެމުންދަނީ ފްރޮންޓްލައިނާއި، އުމުރުން 55 އަހަރުން މަތީގެ މީހުންނާއި ޓީޗަރުންނާއި ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށެވެ. އެ ފަރާތްތަކަށް ސޯޝަލް ސެންޓަރުގެ އިތުރުން ފަސް ހޮސްޕިޓަލެއްގައި ދަނީ ވެކްސިން ޖަހައިދެމުންނެވެ.
ޕޯޓަލްގައި ރެޖިސްޓްރީ ނުކުރާ އެ ކެޓަގަރީތަކަށް ފެތޭ މީހުން ވެކްސިން ސެންޓަރުތަކަށް ދިޔުމުން ޕޯޓަލްގައި ރެޖިސްޓްރީކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދެ އެވެ. އެޗްޕީއޭއިން ވަނީ ވެކްސިން ޖަހައި ރެޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކުން އައިޑީކާޑާއި ދިގު މުއްދަތަކަށް ފަރުވާ ކުރާނަމަ އެ ކަމުގެ ލިޔުންތައް ގެންދިޔުމަށް އިލްތިމާސްކޮށްފައި އެވެ.
https://twitter.com/HPA_MV/status/1357982663399809024
މިހާތަނަށް ރާއްޖޭގައި ކޯވިޑް-19 ވެކްސިން 4،269 މީހުންނަށް ދީފައިވެ އެވެ. އޭގެ ތެރެއިން 3،573 މީހުންނަށް މާލޭގައި ވެކްސިން ދީފައިވާއިރު އަތޮޅު ތެރޭގައި 696 މީހުންނަށް ވެކްސިން ދީފައިވެ އެވެ.
ވެކްސިން ޖަހައިދެމުން ދަނި މާލޭގެ ހަ ސެންޓަރަކާއި އަތޮޅު ތެރޭގެ ހަތް ސެންޓަރެއްގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް