ހުއްޖަތް ނުދައްކާ، ދުވަހަށް އިންތިހާބު ބޭއްވޭނެ އިންތިޒާމް ހަމަޖެއްސުން އެދެން: ނަޝީދު

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ކަނޑައަޅާފައިވާ ތާރީހުގައި ބޭއްވުމުގެ އިންތިޒާމް ހަމަޖެއްސުމަށް އެދިވަޑައިގެންނަވާ ކަމަށް ރައްޔިތ...

06 Feb 2021 | 06:57

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ކަނޑައަޅާފައިވާ ތާރީހުގައި ބޭއްވުމުގެ އިންތިޒާމް ހަމަޖެއްސުމަށް އެދިވަޑައިގެންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކައުނސިލް އިންތިހާބު ބޭއްވުމަށް ގައިޑްލައިން އެކުލަވާލާ އެޗްޕީއޭއިން ވަނީ އާންމުކޮށްފައި އެވެ. މި ގައިޑްލައިންގައި ހުރި ބައެއް ކަންކަމަކީ ކުރަން ވަރަށް އުނދަގޫ ކަންކަމަށް ވާތީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އިންތިހާބު ތާރީހަށް ނުބޭއްވި ލަސްކުރަން ޖެހިދާނެތީ މަޖިލީހުގެ ސަމާލުކަމަށް ގެނެސްފަ އެވެ.

އީސީގެ މި ވާހަކަތަކާާއި ގުޅިގެން މިއަދު ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކައުންސިލް އިންތިހާބު ފަސް ކުރުމަށް ސަބަބުތަކާއި ހުއްޖަތް ހޯދުން ހުއްޓާލަން ޖެހޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އޭގެ ބަދަލުައި ބޮޑަށް އެެދެވެނީ މިހާރު އޮތް ދުވަހަށް އެކަން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކަމަށެވެ.

https://twitter.com/MohamedNasheed/status/1357925399410319360

އެޗްޕީއޭގެ ގައިޑްލައިނުގައި ބުނެފައިވާ ގޮތުގައި ކޯވިޑަށް ޕޮޒިޓިވް މީހުންނާއި ކަރަންޓީން ފެސިލިޓީސްތަކުގައި ތިބޭ މީހުން ވޯޓުލާ މަރުކަޒަށް ގެންގޮސް ވޯޓުލުމުގެ ފުރުސަތު ދޭން ޖެހޭނެ އެވެ. އެއީ އީސީން އަދާ ކުރަން ޖެހޭ ޒިންމާއެއް ކަމަށެވެ.

އަދި ކޯވިޑްގެ އެއްވެސް އަލާމާތެއް ހުރި އޮފިޝަލަށް ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރި ނުވެވޭއިރު ވޯޓުލާ ދުވަސް އަންނަ އިރު ޕޮސިޓިވްވެގެން މީހަކު ކަރަންޓީންކޮށްފައި ހުންނަ ތަނެއްގައި ވޯޓުލުމުގެ ފުރުސަތު ފަހިކޮށްދޭން ޖެހެ އެވެ. އަދި ރިސޯޓުތަކުގައި ވޯޓުލާން ރެޖިސްޓްރީ ކުރާ ފަރާތްތަކުގެ އަދަދު ހަމަ ނުވިޔަސް އެހެން ތަނަކަށް ވޯޓުލާން ނުދެވޭނެ ކަމަށް ބުނެފައިވެ އެވެ.

އިސީން ވަނީ މިކަންކަމަކީ އެޗްޕީއޭއިން ކަނޑައަޅާފައިިވާ ގޮތަށް ކުރަން ވަރަށް އުނދަގޫ ކަންކަން ކަމަށް ބުނެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް