އަހުމަދު ރިޒުވާން (ރިޒޭ)ގެ ކަކުލަށް އަނިޔާވެ، ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.
ގައުމީ ޓީމު އަދި އީގަލްސްގެ ހުނަރުވެރި ކުޅުންތެރިޔާގެ ކަކުލަށް އަނިޔާވެ، މިސީޒަންގެ ކުރީކޮޅުގައި ވެސް ބައެއް މެޗުތައް ވަނީ ގެއްލިފައެވެ.
އެންމެފަހުން އޭނާއަށް އަނިޔާވީ އީގަލްސްއިން ކްލަބު ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.
އެ މެޗަށްފަހު ސްކޭން ކޮށް، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ސޯޝަލް މީޑިއާ ވިދާޅުވެފައިވަނީ ރިޒޭގެ ކަކުލުގެ މައި ލިގަމެންޓް، އޭސީއެލް ވީދައިގެން ގޮސްފައިވާ ކަމަށެވެ.
ރިޒޭގެ ވާތުފައިގެ ލިގަމެންޓަށް ލިބިފައިވާ އަނިޔާގެ ސަބަބުން ސާޖަރީއަކަށް ދާން ޖެހޭކަން ނުވަތަ ނޫންކަން އަދިހާމައެއް ނުކުރެއެވެ. ނަމަވެސް އެފަދަ އަނިޔާތަކުގެ ސަބަބުން އާންމުކޮށް އެންމެ މަދުވެގެން ހަ މަސް ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހެއެވެ.
މިވަގުތު ރާއްޖޭގައި ތިބި ކުޅުންތެރިންގެ ތެރެއިން އެންމެ ރަނގަޅު ފޯމުގައި ކުޅެމުން އަންނަ ރިޒޭ ވަނީ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފަ އެވެ. 2015 ވަނަ އަހަރުން ފެށިގެން އީގަލްސްއަށް ކުޅެމުން އަންނަ އިރު، އޭނާ ވަނީ ކްލަބާއެކު ޕްރެސިޑެންޓްސް ކަޕެއްވެސް ކާމިޔާބުކޮށްފައެވެ.
2018 ވަނަ އަހަރުގެ ސީޒަންގައި ޖެހިޖެހިގެން ފަސް މެޗުގައި ހެޓްރިކް ހަދައި، އޭނާ ވަނީ ދުނިޔޭގެ ރެކޯޑަކާވެސް ހަމަކޮށްފައެވެ. ކ. ދިއްފުއްޓަށް އުފަން ރިޒޭއަކީ އުމުރުން 25 އަހަރުގެ ޒުވާން ތަރިއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް