ބޮރިސް ޖޯންސަންގެ އިންޑިއާ ދަތުރުފުޅު ކެންސަލް ކުރައްވައިފި

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ އިންޑިއާ ދަތުރުފުޅު ކެންސަލް ކުރައްވައިފި އެވެ. އިނގިރޭސި ބޮޑުވަޒީރުގެ ރަސްމީ އޮފީހުން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ މި ދަތުރުފުޅު ކެންސަލް ކުރެއ...

06 Jan 2021 | 13:37

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ އިންޑިއާ ދަތުރުފުޅު ކެންސަލް ކުރައްވައިފި އެވެ.

އިނގިރޭސި ބޮޑުވަޒީރުގެ ރަސްމީ އޮފީހުން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ މި ދަތުރުފުޅު ކެންސަލް ކުރެއްވީ އިނގިރޭސިވިލާތުގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން ދިއުމާއެކު އިއުލާން ކޮށްފައިވާ ލޮކްޑައުންގެ ހަރުކަށި އަމުރުގެ ސަބަބުން ކަމަށެވެ. އަދި މިފަދަ ހައްސާސީ ވަގުތެއްގައި ގައުމުގައި މަޑު ކުރެއްވުން މުހިންމު ކަމަށް ބޮޑުވަޒީރަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.

ބޮރިސް ޖޯންސަން، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއާ މިއަދުގެ ވަގުތެއްގައި ފޯނުން ގުޅުއްވާ ވިދާޅުވީ މިހިނގާ 2021 ވަނަ އަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި އިންޑިއާއަށް ވަޑައިގެންނެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އެއީ އިގުތިސޯދީ ގޮތުން އެންމެ ކުރިއަރާފައިވާ 7 ގައުމު ބައިވެރިވާ ޖީ-7 ސަމިޓްގެ ކުރިން ކުރެއްވޭނެ ދަތުރުފުޅަކަށް ވުމަށް ޖޯންސަން އުއްމީދު ކުރައްވާ ކަމަށް ވެސް އިނގިރޭސި ބޮޑުވަޒީރުގެ އޮފީހުން އާންމު ކުރި ބަޔާނުގައި ވަނީ ބުނެފަ އެވެ.

ޖީ-7 ސަމިޓްގައި، ޚާއްސަ މެހެމާނެއްގެ ގޮތުގައި މޯދީ ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އިނގިރޭސި ސަރުކާރުން ވަނީ، އެ ގައުމުން ކުރާ ބައިނަލްއަގުވާމީ ދަތުރުފަތުރު މަޑުޖައްސާލުމާއި ގުޅޭ ކަންކަން މުރާޖާ ކުރަމުން އަންނަކަން ހާމަކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް