ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020 އަށް އިސްލާހު ގެންނަން ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ.
ކޯވިޑް-19 އާއި ގުޅިގެން ކައުންސިލް އިންތިހާބު ދެ ފަހަރަށް ފަސް ކުރަން ޖެހިފައިވާއިރު އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ތިން ވަނަ ތާރީހެއްގެ ގޮތުގައި އޭޕްރިލް ތިނެއްގައި އިންތިހާބު ބާއްވަން ނިންމާފައިވާކަން އިއުލާނުކޮށްފައި އެވެ. އެކަމަކު އެ ތާރީހުގައި އިންތިހާބު ބޭއްވޭނީ މިމަހުގެ3 1 ގެ ކުރިން އިންތިހާބާ ބެހޭ ހާއްސަ ގާނޫނަށް އިސްލާހު ގެނެސްގެންނެވެ.
އެޓާނީ ޖެނެރަލް ރިފްއަތު މިއަދު ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށް ބައެއް ގާނޫނީ ހުރަސްތައް އެބަހުރި ކަމަށެވެ. ރިފްއަތު ވިދާޅުވީ އެ ހުރަސްތަކަށް ޙައްލު ހޯދުމަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020 އަށް އިޞްލާހު ގެނައުމަށް ކަމާބެހޭ ބިލެއް ސަރުކާރުން ދަނީ އެކުލަވާލަމުން ކަމަށެވެ.
އަދި އެބިލު ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނެ ކަމަށް ވިދާޅުވި އެވެ.
https://twitter.com/ibriffath/status/1346766517942140929
ކައުންސިލް އިންތިހާބު އަވަސް ކުރުމަށް މަޖިލީހުގެ ޖަލްސާއެއް ދައުރުން ބޭރުގައި ބޭއްވުމުގެ މަޝްވަރާތައް ދަނީ ކުރެވެމުންނެވެ. އަދި މި ޖަލްސާ ބޭއްވުމަށް ސަރުކާރާއި އިދިކޮޅު ޕާޓީތަކުން ވަނީ ތާއީދު ކޮށްފައި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިމަހުގެ 15 ވަނަ ދުވަހު ދައުރުން ބޭރުގައި ބާއްވާ ޖަލްސާ ބޭއްވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް