ވިލިނގިލީގައި ހުޅުޖެހި ދަނޑުގައި ޓާފު ނާޅާނެކަން ކުރިން ވާނީ އަންގާފައި: މަހްލޫފް

ގއ. ވިލިނގިލީ ފުޓްސެލް ދަނޑުގައި ބަޔަކު ރޯކޮށްލައި ގެއްލުން ދިނަސް އެ ދަނޑުގައި ޓާފް ނާޅާނެ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ. އެ ފުޓްސެލް ދަނޑުގައި ބަޔަކު އަލިފާން ރޯކޮށްލީ އ...

06 Jan 2021 | 10:40

ގއ. ވިލިނގިލީ ފުޓްސެލް ދަނޑުގައި ބަޔަކު ރޯކޮށްލައި ގެއްލުން ދިނަސް އެ ދަނޑުގައި ޓާފް ނާޅާނެ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

އެ ފުޓްސެލް ދަނޑުގައި ބަޔަކު އަލިފާން ރޯކޮށްލީ އެ ދަނޑުގައި އަޅާފައި އޮތް މެޓުގެ ބަދަލުގައި ޓާފް އަޅައި ނުދީގެން ޔޫތް މިނިސްޓްރީ އާއި ދެކޮޅަށް ނުރުހުން ފާޅު ކުރުމުގެ ގޮތުންނެވެ. އެ ތަނުގައި ރޯކޮށްލީ މިދިޔަ ހޯމަ ދުވަހުގެ ރޭ އެވެ.

މިކަމާއި ގުޅިގެން ޔޫތް މިނިސްޓަރު މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވިލިނގިލީގައި ބޭނުން ކުރަމުން އައި ފުޓްސެލް ދަނޑުގެ ބަދަލުގައި ބޮޑު ފުޓުބޯޅަ ދަނޑެއް އަޅަން ނިންމައި އެ މަސައްކަތް ކުރިޔަށް ދާކަމަށެވެ. މަސައްކަތް ނުނިމި ލަސްވަނީ ކޯވިޑް-19 އާއި ގުޅިގެންނާއި ސަބް ބޭސް ރަނގަޅު ކުރަން ޖެހުމުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އާ ދަނޑެއް އެޅުމުގެ މަސައްކަތް ކުރިޔަށް ދާތީ ފުޓްސެލް ދަނޑުގައި ޓާފު ނާޅާނެ ކަން އެ ރަށު ކައުންސިލަށް މީގެ ކުރިން އަންގާފައިވާނެ ކަމަށެވެ. އެގޮތަށް ނިންމީ ފުޓްސެލް ދަނޑު ނެތް ރަށްރަށުގައި އެ މަސައްކަތް ކުރުމަށް ކަމަށް ވިދާޅުވި އެވެ.

https://twitter.com/AhmedMahloof/status/1346684083913457665

ވިލިނގިލީ ޓާފް ދަނޑުގައި ރޯކޮށްލި މައްސަލައިގަ މަހުލޫފު މީޑިއާގައި ވިދާޅުވީ ކަމަކާ ހިތްހަމަ ނުޖެހިގެން ދަނޑުގައި ރޯކޮށްލުމަކީ އެކަމަށް އޮތް ހައްލެއް ނޫން ކަމަށެވެ. އެހެން ކަންތައް ކުރި ނަމަވެސް ސަރުކާރުން އެކަމުގެ ޕްރެޝަރެއް ނުނަގާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަލިފާން ރޯކޮށްލުމުން ފުޓްސެލް ދަނޑުގައި އަޅާފައިވާ މެޓުގެ 80 ޕަސެންޓު ވަނީ އަނދާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް