ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ އޭޕްރިލް މަހުގެ ތިން ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުން ފަސް ކުރަމުން ދަނީ ކޯވިޑް-19 އާއި ގުޅިގެން އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތުމުންނެވެ. މިއީ ކައުންސިލް އިންތިހާބު ބާއްވާނެ ތާރީހެއް އިއުލާނު ކުރި ތިން ވަނަ ފަހަރެވެ.
އޭޕްރިލް ތިނެއްގެ އިންތިހާބު ބާއްވަން ނިންމިކަން އިއުލާނު ކުރެއްވީ އީސީގެ ރައީސް އަހުމަދު ޝަރީފެވެ. ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފަސް ކުރެވިފައިވާ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އެ ދުވަހު ބާއްވަން ނިންމީ ކޮމިޝަނުން މިއަދު ބޭއްވި ބައްދަލުވުމުގައި ކަމަށެވެ.
އީސީން ބުނީ ކައުންސިލް އިންތިހާބު ބޭއްވުމަށް އިންތިހާބާ ބެހޭ ހާއްސަ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުގެ ޑްރާފްޓް އެކުލަވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ. އަދި އެ ތާރީހުގައި އިންތިހާބު ބޭއްވުމަށް މިމަހުގެ 31ގެ ކުރިން އެ ގާނޫނަށް އިސްލާޙު ގެންނަން ޖެހޭނެ ކަމަށް ބުނެ އެވެ.
https://twitter.com/ShareefRangondi/status/1346736205354844160
ކައުންސިލް އިންތިހާބު އަވަސް ކުރުމަށް މަޖިލީހުގެ ޖަލްސާއެއް ދައުރުން ބޭރުގައި ބޭއްވުމުގެ މަޝްވަރާތައް ދަނީ ކުރެވެމުންނެވެ. އަދި މި ޖަލްސާ ބޭއްވުމަށް ސަރުކާރާއި އިދިކޮޅު ޕާޓީތަކުން ވަނީ ތާއީދު ކޮށްފައި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިމަހުގެ15 ވަނަ ދުވަހު ދައުރުން ބޭރުގައި ބާއްވާ ޖަލްސާ ބޭއްވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް