ރާއްޖެއިން ގަތަރާއި އެކު އަލުން ސިޔާސީ ގުޅުން ގާއިމް ކުރަން ނިންމައިފި

ދިވެހި ރާއްޖެއިން ގަތަރާއި ސިޔާސީ ގުޅުން ކަނޑާލިތާ ތިން އަހަރު ފަހުން އަލުން ގުޅުން ގާއިމްކުރަން ނިންމައިިފި އެވެ. މިކަން ހާމަ ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި އެވެ. މިނ...

06 Jan 2021 | 07:44

ދިވެހި ރާއްޖެއިން ގަތަރާއި ސިޔާސީ ގުޅުން ކަނޑާލިތާ ތިން އަހަރު ފަހުން އަލުން ގުޅުން ގާއިމްކުރަން ނިންމައިިފި އެވެ.

މިކަން ހާމަ ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި އެވެ.

މިނިސްޓަރުގެ ޓުވީޓުގައި ވިދާޅުވީ ގަތަރާއި އެކު އަލުން ސިޔާސީ ގުޅުން ގާއިމްކުރުމާ ބެހޭ ގޮތުން އެގައުމުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސުލްތާން ބިން ސާދު އަލް މުރައިޚީ އާއިއެކު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އެއީ ކާމިޔާބު މަޝްވަރާއެއްކަން ފާހަގަ ކުރައްވަމުން ވިދާޅުވީ އެ ގައުމާ އެކު އަލުން ގުޅުން ގާއިމުކުރަން ރާއްޖެ އިން ނިންމާފައިވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ ސައުދީ އަރަބިއްޔާގައި އޮތް ގަލްފު ސަމިޓަށް ފަހު، ގައުމުތަކުން އެއްބަސްވި އެއްބަސްވުންތަކަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔާ ކަމަށެވެ.

ގަތަރާއި އެކު ސިޔާސީ ގުޅުން ރާއްޖެއިން ކަނޑާލި ނަމަވެސް ވިޔަފާރީގެ ގުޅުން ކަނޑާލާފައެއް ނުވެ އެވެ. އެގޮތުން ރާއްޖޭގައި ދިވެހިންނާއި ގުޅިގެން ގަތަރުގެ ކުންފުނިތަކަށް ވިޔަފާރިކުރުމުގައި އެއްވެސް ހުރަހެއް ކުރިމަތިވެފައެއް ނުވެ އެވެ.

https://twitter.com/abdulla_shahid/status/1346720725013561345

ރާއްޖެއިން ގަތަރާއި އެކު ސިޔާސީ ގުޅުން ކަނޑާލީ 2017 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެވެ. އޭރު ގަތަރާއި އެކު ސިޔާސީ ގުޅުން ކަނޑާލީ ސައުދީން ގުޅުން ކަނޑާލުމުންނެވެ.

ސައުދީގެ ނިންމުމަށް ތާއީދުކޮށް ގަތަރާއި ސިޔާސީ ގުޅުން ކަނޑާލި ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން، މިސްރު، ޔޫއޭއީ، ބަހްރެއިން ހިމެނެ އެވެ. ރާއްޖެ ފިޔަވާ އެހެން ގައުމުތަކުން ވަނީ ވިޔަފާރީގެ ގޮތުންވެސް ދަތިކުރުމުގެގެ ފިޔަވަޅުތައް އަޅާފައި އެވެ.

އެ ދެ ގައުމުގެ ގުޅުން ބަދަހިވަމުން އަންނަ އިރު މިހާރު ވަނީ ސައުދީ އާއި ގަތަރު ގުޅޭ އެއްގަމު ބޯޑަރުތައް ހުޅުވާލާފައި އެވެ. އަދި މި ހަފްތާތެރޭގައި ވަޔާއި ކަނޑުގެ ބޯޑަރުވެސް ހުޅުވާލާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ސައުދީން ގަތަރާއި އެކު އޮތް ގުޅުންތައް ކަނޑާލީ އެ ގައުމުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ އެވެ. އަދި ސައުދީން 13 ކަމަކަށް ޑިމާންޑު ކުރި އިރު އޭގެ ތެރޭގައި އަލްޖަޒިރާ ޗެނަލް އުވާލުން ހިމެނެ އެވެ.

އެކަމަކު ސައުދީގެ އެއްވެސް ޑިމާންޑަކަށް ގަތަރުން މިހާތަނަށް ތަބާވެފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް