ދައުރުން ބޭރުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމުގެ މަޝްވަރާތައް ފަށައިފި އެވެ.
މިދިޔަ އަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް ނިންމައި މިދިޔަ ޑިސެމްބަރު ހަ ވަނަ ދުވަހުން ފެށިގެން މަޖިލީސް އޮތީ ޗުއްޓީގައި އެވެ. ދެން މަޖިލީހުގެ ޖަލްސާތައް ފަށާނީ މިއަހަރުގެ ފުރަތަމަ ދައުރާއި އެކު އަންނަ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
އެކަމަކު ދައުރުން ބޭރުގައި މި މަހު ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ކުރަމުން ދަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ބޭއްވުން އަވަސް ކުރުމަށެވެ. ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައި އޮތުމުން އިންތިހާބު ބޭއްވެން އޮތީ މިދިޔަ އަހަރު މަޖިލީހުން ފާސްކުރި އިންތިހާބާ ބެހޭ ހާއްސަ ގާނޫނު އިސްލާހު ކޮށްގެންނެވެ.
މަޖިލީހުގެ ސުޕާ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ބައެއް މަޖިލީސް މެމްބަރުން މީޑިއާގައި ވިދާޅުވީ ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުމާއި ގުޅޭގޮތުން މެމްބަރުންނާއި މަޝްވަާރާ ކުރަމުންދާ ކަމަށެވެ. އަދި މިވަގުތު ގިނަ މެމްބަރުން މާލޭގައި ނެތް ނަމަވެސް މި ހަފްތާ ނިމުމުގެ ކުރިން ޖަލްސާ ބާއްވާނެ ތާރީހަކާއި ގުޅޭގޮތުން ގޮތެއް ނިންމޭނެ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަަސައްކަތް ކުރަމުން ދަނީ މިމަހުގެ 15 ވަނަ ދުވަހު ދައުރުން ބޭރުގައި ޖަލްސާ ބޭއްވުމަށެވެ.
ދައުރުން ބޭރުގައި ޖަލްސާ ބާއްވަން އިދިކޮޅުން ސިޔާސީ ޕާޓީތަކުގެ މަޖިލީސް މެމްބަރުންވެސް ވަނީ ތާއީދުކޮށްފައި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބާއި ބެހޭ ހާއްސަ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުގެ ޑްރާފްޓު އެކުލަވާލައި މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި މަހުގެ 31ގެ ކުރިން އެ ގާނޫނަށް އިސްލާހު ގެނެސްދީފި ނަމަ މިއަހަރުގެ ރޯދަ މަހުގެ ކުރިން ކައުންސިލް އިންތިހާބު ބޭއްވޭނެ ކަމަށެވެ.
މިހާރު އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުން ދަނީ އޭޕްރިލް ތިން ވަނަ ދުވަހު އިންތިހާބު ބޭއްވުމަށެވެ. މިއަހަރު ރޯދަ މަސް ފެށޭނެ ކަމަށް ކަލަންޑަރުގައި ބުނަނީ އޭޕްރިލް މަހުގެ 13 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް