މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ދ. ކުޑަހުވަދޫއަށް

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ދ. ކުޑަހުވަދޫއަށް ކަމަށް މޫސުމާއި ގައުމީ އިދާރާގެ ރެކޯޑުތަކުން ދައްކައިފި އެވެ. މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް...

06 Jan 2021 | 06:11

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ދ. ކުޑަހުވަދޫއަށް ކަމަށް މޫސުމާއި ގައުމީ އިދާރާގެ ރެކޯޑުތަކުން ދައްކައިފި އެވެ.

މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް އިއްޔެ އޮތީ މުޅި ރާއްޖެއަށް ވައިޓް އެލާޓު ނެރެފައި އެވެ. އަދި މި ހަފްތާގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ ކަމަށާއި މޫސުން ރަނގަޅުވާން ފަށާނީ މާދަމާ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެ އެވެ.

އެ އިދާރާގެ ރެކޯޑުތައް ދައްކާ ގޮތުން އިއްޔެ ކުޑަހުވަދޫއަށް އިއްޔެ 84.3 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭވެހިފައިވަނީ ކުޅުދުއްފުށީ ސިޓީއަށެވެ.

އެ ސިޓީއަށް 72.9 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. އަދި ހއ. ކެލާއަށް 66.5 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. ދެން އެންމެ ގިނައިން ވާރޭވެހިފައިވާ ބ. ދަރަވަންދޫއަށް 51.5 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.

މެޓް އޮފީހުން ބުނީ މިހާރު ރާއްޖެއަށް ކުރަމުން ދަނީ އިރުވައި މޫސުމުގެ ދެ ނަކަތް ބެދޭ ވިއްސާރަ ކަމަށެވެ. އެއީ ފުރަހަޅަ ނަކަތުން އުތުރުހު ހަލަ ނަކަތަށް ބަދަލުވާ ވިއްސާރަ ކަމަށެވެ.

ކުރިޔަށް އޮތް ސައްވީސް ގަޑިއިރު ރާއްޖޭގެ މޫސުމަށް ބަލާއިރު އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެ އެވެ. އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރެވެހޭނެ ކަމަށް ލަފާކުރާއިރު ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުކުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

އާންމުކޮށް ވައި ޖެހޭނެ ކަމަށް ލަފާ ކުރަނީ ހުޅަނގާއި ހުޅަނގުއުތުރުން، އެންމެ ދެކުނު އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި އެވެ. އަދި މެދުރާއްޖެ ތެރެއާއި ދެކުނުގެ އެހެން ހިސާބުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެ އެވެ.

އުތުރުގެ ސަރަހައްދަށް އިރާއި އިރުދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. މެޓް އޮފީހުން ބުނީ ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، އެހެން ސަރަހައްދުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ އެވެ.

މެޓް އޮފީހުން ވަނީ ބޯކޮށް ވާރޭވެހި ގުގުރާނެތީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް