ރޯދައިގެ ކުރިން އިންތިހާބު ބާއްވަން މިމަހު 31ގެ ކުރިން ގާނޫނު އިސްލާހު ކުރަންޖެހޭ

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު މިއަހަރުގެ ރޯދަ މަސް ފެށުމުގެ ކުރިން ބޭއްވޭނީ އެންމެ ލަސްވެގެން މިމަސް ނިމުމުގެ ކުރިން އިންތިހާބާ ބެހޭ ހާއްސަ ...

06 Jan 2021 | 02:56

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު މިއަހަރުގެ ރޯދަ މަސް ފެށުމުގެ ކުރިން ބޭއްވޭނީ އެންމެ ލަސްވެގެން މިމަސް ނިމުމުގެ ކުރިން އިންތިހާބާ ބެހޭ ހާއްސަ ގާނޫނަށް އިސްލާހު ގެނެސްގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

މިއަހަރުގެ ރޯދަ މަސް އަންނާނެ ކަމަށް ބެލެވެނީ އޭޕްރިލް 13 ން މެއި 12 އަށެވެ. ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ކައުންސިލް އިންތިހާބު ފަސް ކުރަން ޖެހުމާއި ގުޅިގެން ފާސްކުރި އިންތިހާބާ ބެހޭ ހާއްސަ ގާނޫނު ބުނާ ގޮތުން ކައުންސިލް އިންތިހާބު މިއަހަރުގެ މެއި 10 ވަނަ ދުވަހުގެ ކުރިން ބާއްވަން ޖެހޭނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެ މުއްދަތަށް ބަލައި ރޯދައި ކުރިން އިންތިހާބު ބޭއްވޭނެ އިންތިޒާމް ހަމަޖެއްސުމަށް އިންތިހާބާއި ބެހޭ ގާނޫނު އިސްލާހު ކުރުމަށް މަޖިލިހަށް ޑްރާފްޓެއް ހުށަހެޅުމުގެ މަސައްކަތް ކޮމިޝަނުން ކުރަމުންދާ ކަމަށެވެ. އެ ކޮމިޝަނުގެ މެމްބަރު އިސްމާއިލް ހަބީބު ވިދާޅުވީ އީސީން މަޖިލީހަށް ފޮނުވާ ޑްރާފްޓަށް އިސްލާހު ގެނެސް އެންމެ ލަސްވެގެން މިމަހުގެ 31 ގެ ކުރިން ގާނޫނު ފާސްކޮށްގެން ނޫނީ ރޯދައިގެ ކުރިން އިންތިހާބު ނުބޭއްވޭނެ ކަމަށެވެ.

ކައުންސިލް އިންތިހާބު އިތުރަށް ލަސް ނުކޮށް އަވަހަށް ބޭއްވުމަށް ވެރިކަން ކުރާ އެމްޑީޕީ އާއި އިދިކޮޅުން އޮތީ ތައްޔާރަށެވެ. އެކަމަކު ކޯވިޑް-19 އާއި ގުޅިގެން އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތުމުން އިންތިހާބު ބޭއްވޭނީ ރައްޔިތުންގެ މަޖިލީހުން ޖަލްސާއެއް ބާއްވައިގެންނެވެ.

މަޖިލީސް މިވަގުތު ޗުއްޓީގައިި އޮތް އިރު އިންތިހާބު އަވަސް ކުރުމަށް ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދައުރުން ބޭރުގައި ބާއްވާ ޖަލްސާ މިމަހުގެ 15 ވަނަ ދުވަހު ބޭއްވޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް