އަމާޒަކީ މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކީ އިންޑިއާއަށް ހެދުން ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވާ އިންޑިއާއިން ރާއްޖެއަށް 905،65 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. އެއީ ރާއްޖެއަށް މިދިޔަ އަހަރު އައި ޓޫރިސްޓުންގެ 11.3 ޕަސެންޓެވެ.
މިކަމާއި ގުޅިގެން އިންޑިއާ ހައި ކޮމިޝަނުން ބުނީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އިންޑިއާގެ ބައިވެރިވުން މިހާ ބޮޑުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ދެ ގައުމުގެ ދެމެދުގެ ގުޅުން އިތުރަށް ބަދަހިވެފައިވާތީ ކަމަށެވެ. އަދި ކޯވިޑްގެ ހާލަތުގައި ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް އިންޑިއާއިން ވެދެވެން އޮތް އެހީތެރިކަމާއި ގުޅޭގޮތުން ދެ ގައުމުގެ ފޮރިން މިނިސްޓަރުންގެ މެދުގައި ކުރެވުނު މަޝްވަރާތަކުގެ ނަތީޖާ ކަމަށެވެ.
އިންޑިއާ ހައި ކޮމިޝަނުން ބުނީ ރާއްޖެއަށް އަންނަ އިންޑިއާ ޓޫރިސްޓުން އެންމެ ބޮޑަށް އިތުރުވާން ފެށީ 2019 ވަނަ އަހަރު ދެ ގައުމުގެ ދެމެދު ސޮއި ކުރި ބައިލެޓަރަލް ވިސާ-ފްރީ އެގްރިމެންޓުގެ ސަބަބުން ކަމަށެވެ. އޭގެ ފަހުން ކޯވިޑާއި ގުޅިގެން ގައުމުތަކުގެ ބޯޑަރު ބަންދު ކުރުމާއި ގުޅިގެން އިންޑީއާ އާއި ރާއްޖެ އާއި ދެމެދު މިދިޔަ އަހަރު އޮގަސްޓުގައި ގާއިމް ކުރެވުނު 'އެއާ ޓްރެވަލް ބަބްލް' މުހިންމު ރޯލެއް އަދާ ކުރަމުންދާ ކަމަށެވެ.
މި ޓްރެވަލް ބަބްލް ދަށުން އިންޑިއާގެ ހަތަރު އެއާލައިނަކުން ދަނީ އިންޑިއާގެ އެކި ސިޓީތަކުން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ. އެ އެއާލައިންތަކަކީ އިންޑިގޯ، ސްޕައިސް ޖެޓް، އެއާ އިންޑިއާ އަދި ގޯ އެއާ އެވެ.
އިންޑިއާ ހައިކޮމިޝަނުން އިތުރަށް ބުނީ އިންޑިއާގައި ރާއްޖެ އިޝްތިހާރު ކޮށް ޓޫރިޒަމް ޕްރޮމޯޓު ކޮށްދިނުމުގެ ގޮތުން އެ ހައިކޮމިޝަނާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ވެބިނާތަކާއި އަދި ވާޗުއަލް އިވެންޓްތައް ރާވައި ހިންގާ، ދިވެހި ޓްރެވަލް އޭޖެންޓުންނާއި އިންޑިއާގެ ޓްރެވަލް އޭޖެންޓުން ގުޅުވައިދީފައި ވާނެ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އިންޑިއާގެ މަޝްހޫރު އެތައް ތަރިންނާއި ސެލެބްރިޓީން ވަނީ ދިވެހިރާއްޖެއަށް ޒިއާރަތްކުރަން ފަށާފައި ކަމަށް ބުނެ އެވެ.
ޓްރެވަލް ބަބްލްގެ ދަށުން ރާއްޖެއަށް ދަތުރު ކުރާ އިންޑިއާގެ ހަތަރު އެއާލައިނުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ބާއްވަނީ އިންޑިއާގެ މުމްބާއި، ދިއްލީ، ބެންގަލޫރު، ކޮޗިން، ޗެންނާއި އަދި ޓްރިވެންޑްރަމް އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް