ރާއްޖޭގައި އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިއަހަރުގެ މާޗް 12 ވަނަ ދުވަހު އިއުލާނު ކުރީ ކޯވިޑް-19 އާއި ގުޅިގެންނެވެ. އެ މުއްދަތު އިތުރު ކުރަމުން ގޮސް ނޮވެމްބަރު ފަސް ވަނަ ދުވަހު އިތުރު ކުރި އެއް މަސްދުވަހުގެ މުއްދަތު ހަމަވެފައިވަނީ މިއަދުގެ ނިޔަލަށެވެ.
ހެލްތް މިނިސްޓު އަހުމަދު ނަސީމް ސޮއި ކުރައްވާ މިއަދު ނެރުއްވާފައިވާ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޯވިޑް-19 ފެތުރުމުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށެވެ. ކޯވިޑް-19ގެ ނުރައްކާ ކުޑަކޮށް، އާއްމުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރަން ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ލަފާދެއްވާފައިވާ ކަމަށެވެ.
އެހެންވެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަންނަ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ. މިއީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރި 10 ވަނަ ފަހަރެވެ.
ރާއްޖެއިން އެންމެ ފުރަތަމަ ކޯވިޑަށް މީހަކު ޕޮސިޓިވްވީ ހަތެއް މާޗްގައި އެވެ. އޭގެ ފަހުން ޕޮސިޓިވްވެފައިވަނީ ރިސޯޓުތަކުގައި ތިބި ޓޫރިސްޓުންނާއި ރާއްޖެެއިން ބޭރުން އައިސް ކަރަންޓީންގައި ތިބި ދިވެހިންތަކެކެވެ.
މާލޭގައި ބަލި ފެތުރެމުންދާކަން އެނގުނީ އޭޕްރިލް 15 ގައި އެވެ. އޭގެ ފަހުން އަތޮޅު ތެރެއިންވެސް ބަލި ފެނިފައިވެ އެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް 13،159 މީހަކު ޕޮސިޓިވްވެފައިވެ އެވެ. އަދި މި ބަލީގައި 47 މީހަކު މަރުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް