މަސްތުވާތަކެއްޗާއި އެކު މިދިޔަ ސެޕްޓެމްބަރު މަހު މާލެއިން ހައްޔަރު ކުރި ފަސް މީހަކު އިއްޔެ ކްރިމިނަލް ކޯޓުން ދޫކޮށްލީ އެ މީހުންގެ ފަރާތުން މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ނުފެންނަކަމަށް ބުނެ ކަމަށް ފުލުހުން ބުނެފި އެވެ.
މިދިޔަ ސެޕްޓެމްބަރު 14 ވަނަ ދުވަހު ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހ. ވައިފިނި ހަވަނަ ފަންގިފިލާއިން ހަތް މީހަކު އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއި އެކު ހައްޔަރުކޮށްފައިވެ އެވެ. އެމީހުންގެ ބަންދުގެ މުއްދަތު ނުވަ ފަހަރު އިތުރު ކުރި އިރު އޭގެ ތެރެއިން ދެމީހަކު ފުލުހުން ދޫކޮށްލީ އެކަށީގެންވާ ހެކި ނެތުމުންނެވެ.
ފުލުހުން ބުނީ އަނެއް ފަސް މީހުންނާއި ދެކޮޅަށް ހެކި އެބަހުރި ކަމަށާއި އެމީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް ޕްރޮސެިކއުޓާ ޖެނެރަލްގެ އޮފީހުން މިދިޔަ މަހުގެ 11 ވަނަ ދުވަހު މުއްދަތު އިތުރުމަށް ބޭއްވި ޝަަރީއަތުގައި އެދުނު ކަމަށެވެ. އެކަމަކު އެ ދުވަހު މައްސަލަ ބެއްލިވި ގާޒީ ބަދަލުވެފައި ވާނީ އެ ފަސް މީހުންގެ މުއްދަތަށް ޖަހައިދިނީ 10 ދުވަސް ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އޭގެ ފަހުން އަނެއްކާވެސް މި މަހުގެ ތިން ވަނަ ދުވަހު ފަސް ގަޑިއިރު ވަންދެން އެ މައްސަލައިގަ މުއްދަތު އިތުރު ކުރުމުގެ އަޑުއެހުން ކުރިޔަށް ގެންދިޔަ ކަމަށެވެ. އަދި މުއްދަތު އިތުރު ކުރުމާއި މެދު ގޮތެއް ނިންމާނީ މިމަހުގެ ހަތަރު ވަނަ ދުވަހު ކަމަށް އެ ދުވަހު ނިންމި ކަމަށެވެ.
ފުލުހުން ބުނީ އެމީހުންނާއި ދެކޮޅަށް ހެކި ހުށަހަޅާފައިވަނިކޮށް ކޯޓުން އެ ފަސްމީހުން ދޫކޮށްލީ މުޖުތަމައުގެ ސަލާމަތައް ނުރައްކަލެއް ކުރިމަތިވެދާނެ ސަބަބެއް ނުފެންނަ ކަމަށް ބުނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް