ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންގެ އަދަދު 100 އާއި ގާތްކޮށްފިއެވެ.
އީސީން އެންމެ ފަހުން ނެރެފައިވާ މައުލޫމާތަށް ބަލާއިރު ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ވާދަކުރާ އިތުރު 16 ކެންޑީޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައި އެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ ހަ ކެނޑޭޓުންނާއި، އަމިއްލަ ގޮތުން ވާދަކުރާ އަށް ކެންޑިޑޭޓަކާއި ޕީޕެމްއާއި ޖޭޕީގެ ކެންޑިޑޭޓެކެވެ.
މިއާއި އެކު ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވާދަކުރާ ކެންޑިޑޭޓުުންގެ ތެރެއިން ނަން އަނބުރާ ނެގި ކެންޑީޑޭޓުންގެ އަދަދު ވަނީ 99 އަށް އަރާފައި އެވެ. އޭގެ ތެރޭގައި ގިނައީ އެމްޑީޕީ އާއި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަ ކުރާ މީހުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރިން ބުނީ ކައުންސިލް އިންތިހާބުގެ ތާރީހު ކަނޑައެޅި އިންތިޒާމްތައް ހަމަޖެހުމުގެ ކުރިން ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެ ފުރުސަތު ބަންދު ކުރުމުގެ 10 ދުވަސް ކުރިން އިއުލާނު ކުރާނެ ކަމަށެވެ.
އެމްޑީޕީން ވަނީ އެ ޕާޓީއަށް ނިސްބަތްވާ ގިނަ ކެންޑިޑޭޓުންތަކެއް ނަން ނަގަމުންދާތީ ކަންބޮޑުވުން ފާޅުކޮށް ނަން އަނބުރާ ނުގެންދިއުމަށް އެދިފައި އެވެ.
ކޯވިޑް-19 އާއި ގުޅިގެން ފަސްކުރި ކައުންސިލް އިންތިހާބު ބޭއްވުމަށް މިހާރު މަސައްކަތް ކުރަމުންދަނީ އަންނަ އަހަރުގެ މާޗް މަހުގެ ހަ ވަނަ ދުވަހު އެވެ. އެ ދުވަހު އިންތިހާބު ބޭއްވޭނީ މިމަހުގެ 15 ދުވަހުގެ ކުރިން ކޯވިޑާއި ގުޅިގެން ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި ނަމަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް