އެމެރިކާގެ ރިޕަބްލިކަން ޕާޓީ މިޑްޓާމް އިންތިޚާބުގައި ބަލިވީ އީރާނާ ދެކޮޅު ހަނގުރާމައިގެ ސަބަބުން ކަމަށް ނައިބު ރައީސް ޖޭ.ޑީ ވެންސް ބުނުމާ ގުޅިގެން އީރާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރް ޣާލީބާފް އޭނާއަށް މަލާމާތް ރައްދުކޮށްފިއެވެ.
ޣާލީބާފް ބުރާސްފަތި ދުވަހު އެކްސްގައި ޝާއިޢުކުރި ޕޯސްޓެއްގައި ވެންސް ސިފަކޮށްފައިވަނީ ޖުވާގައި ބަލިވެ އެކަމަކު މޭޒު ދޫކޮށް ދާން ނުކެރިފައި ހުރި މީހެއްގެ ގޮތުގައެވެ.
"ބޮސް ތައްޔާރުވަމުން ދަނީ ހަނގުރާމައިގެ އައު މަރުޙަލާއަކަށް، އެމެރިކާ އޮތީ އިޒްރޭލު ފުރަތަމައަށް ލާ ސިޔާސަތުގެ އައްސޭރީގައި. ޓެޑް ޓޯކް ދޫކޮށްލާ. ތިޔަ ވާހަކަ ބޮސް ގާތު ބުނަން ނުކެރެނީ ކީއްވެ؟" ޣާލީބާފް ލިޔެފައިވެއެވެ.
މި ބަސްތައް އަމާޒުވި ރިޕަބްލިކަނުން އިންތިޚާބުގައި ބަލިވި ސަބަބުތައް ބަޔާންކޮށް ވެންސް ދިގު ޕޯސްޓެއް ޝާއިޢުކުރި ފަހުންނެވެ. އެ ޕޯސްޓުގައި ވެންސް ބުނީ ވޯޓުލާން ނުނިކުތުމަކީ މައި ސަބަބު ނޫން ކަމަށާއި، 2024 ގައި ޓްރަމްޕާއި ވެންސްއަށް ތާއީދުކުރި ގިނަ ބައެއް މިފަހަރު ޑެމޮކްރެޓުންނަށް ވޯޓު ދިން ކަމަށެވެ. "ބަލިވީ ހަނގުރާމައިގެ ސަބަބުން. އެއްބަސްވިޔަސް ނުވިޔަސް، މިއީ މަދުވެގެން ތެދުވެރި ބަހެއް،" ވެންސް ބުންޏެވެ. ވެންސް އިތުރަށް ފާހަގަކުރީ މަޝްހޫރު އިންތިޚާބީ އެނަލިސްޓެއް ހެދި ޕޯލެއްގައި ހިތްހަމަނުޖެހިފައި ތިބި ޓްރަމްޕް ސަޕޯޓަރުންނަށް އަލުން ރިޕަބްލިކަނުންނަށް ތާއީދުކުރަން ބާރުއެޅޭނީ ކޮން ކަމެއް ކޮށްގެންތޯ ސުވާލުކުރި ކަމެވެ.
ޓްރަމްޕް ވެސް ވަނީ އީރާނާ ދެކޮޅު ހަނގުރާމައިގެ ބައެއް ޒިންމާ ގަބޫލުކޮށްފައެވެ. ރިޕަބްލިކަން ޤާނޫނު ހަދާ މެންބަރުންނާއި ޕާޓީގެ ބައިވެރީންގެ ތެރެއިން ގިނަ ބަޔަކު ބަލި ކުރީ ދިފާޢީ މިނިސްޓަރު ޕީޓް ހެގްސެތުގެ ބޮލުގައި އެޅުވުމަށް ހަލުވިކަމާ އެކު މަސައްކަތް ފަށާފައިވާ އިރު، ޕެންޓަގަންގެ ވެރިޔާ މަގާމުން ވަކިކުރުމަށް ހައުސް ތެރެއިން ވޯޓެއް ނެގުން އަންނަ ހަފުތާގައި ވެސް ކުރިއަށް ހިނގައިދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް