އިސްލާމް ދީނުގެ އިލްމާ ދުރުވެއްޖެނަމަ ރޫހާނީ ކާނާތައް މަދުވެ، ފަގީރުވާނެ: ޚުތުބާ

އިސްލާމް ދީނުގެ އިލްމާ ދުރުވެއްޖެނަމަ އޭނާއަށް ބޭނުންވާ ރޫހާނީ ކާނާތައް ދާނީ މަދުވަމުން ފަގީރުވަމުން ކަމަށް ހުކުރު ޚުތުބާގައި ބުނެފި އެވެ. "އިސްލާމް ދީނުގެ މަތިވެރި ނިއުމަތް" މި މައުޟޫއަށް ރާއްޖޭގެ ހު...

05 Nov 2021 | 08:25

އިސްލާމް ދީނުގެ އިލްމާ ދުރުވެއްޖެނަމަ އޭނާއަށް ބޭނުންވާ ރޫހާނީ ކާނާތައް ދާނީ މަދުވަމުން ފަގީރުވަމުން ކަމަށް ހުކުރު ޚުތުބާގައި ބުނެފި އެވެ.

"އިސްލާމް ދީނުގެ މަތިވެރި ނިއުމަތް" މި މައުޟޫއަށް ރާއްޖޭގެ ހުރިހައި ކަންކޮޅުތަކުގައި ކުރިއަށް ގެންދިޔަ ހުކުރު ޚުތުބާގައި ބުނީ މާތް ﷲ ރާއްޖެއަށް އިސްލާމީ ނޫރުގެ އަލިކަން މިންވަރު ކުރެއްވުމުގެ މަތިވެރި ނިއުމަތަށް ޝުކުރުވެރިވުމަކީ އެންމެންގެ ވާޖިބެއް ކަމަށެވެ.

އެ ނިއުމަތަށް ޝުކުރުވެރިވުމަކީ މި ލޮބުވެތި ވަތަނުގައި އެދީނުގެ ޝިއާރުތައް ފާޅުކޮށް ދަމަހައްޓަން މަސައްކަތް ކުރުން ކަމަށާއި މި ގައުމަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވާތީއާއި ސައްތައިން ސައްތަ ސުންނީ ގައުމަކަށްވާތީ އެކަމާވެސް ހަސަދަވެރިވާ ބަޔަކު އުޅޭ ކަމަށް ވެސް ބުނެފައި ވެއެވެ.

"މިހާރަކަށް އައިސް މި ގައުމުގެ ބައެއް މީހުންގެ ފުށުން މީހުންގެ މުދަލަށް ގެންލުންދިނުމާއި މީހުން މެރުމާއި އަނިޔާވެރި އަމަލުތައް ހިންގުމަށް ގޮވާލުމާއި ދީނާމެދު ނަފުރަތު އުފެއްދުމުގެ އަމަލުތައް ފަދަ އިސްލާމް ދީނާ ދެކޮޅު އަމަލުތައް ފެންނަމުންދޭ. އެއީ އިސްލާމް ދީނަށް ކުރެވޭ ވަރަށް ބޮޑު އިހާނެތިކަމެއް. ކިތަންމެ މަދުން ނަމަވެސް، ފާޅުގައި އިސްލާމް ދީނަށް ފުރައްސާރަ ކުރާ ބަޔަކު އުޅޭ ކަމީ ހިތާމަހުރި ކަމެއް." ޚުތުބާގައި ބުންޏެވެ.

މީގެ އިތުރުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ގައުމުގެ އަމްނުއަމާންކަން ދެމެހެއްޓުމަށް ހެދިފައިވާ ގާނޫނުތަކުގެ ދަށުން، އިސްލާމް ދީނާ މެދު ޝައްކު އުފައްދައި، އިސްލާމް ދީނަށާއި އިސްލާމީ ޝިއާރުތަކަށް ޖޯކު ޖަހައި ދީނުގައި ކަނޑައަޅުއްވާފައިވާ ހައްދުތަކާ މެދު ޝައްކު އުފެއްދުން ފަދަ ކުށްވެރި އަމަލުތައް ހިންގާ ފަރާތްތައް ހޯދައި، ފިޔަވަޅު އަޅައި، އެފަރާތްތަކުގެ ގާނޫނީ ޒިންމާ އަދާކުރުމަށް ވެސް ކަމާ ގުޅުން ހުރި މުއައްސަސާތަކަށް ވަނީ ޚުތުބާގައި ގޮވާލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް