ދުބާއީ އެކްސްޕޯ 2020 ގެ ތެރެއަށް 15،000 ދިރުހަމާއި އިތުރު ފައިސާ އާއި އެކު ގެއްލުނު ވޮލެޓެއް އޭގެ ހައްގުވެރި ފަރާތަށް ރައްދު ކޮށްދީފި އެވެ.
ކޮންމެ ފަސް އަހަރަކުން އެއް އަހަރު ކުރިއަށް ގެންދާ އެންމެ ގިނަ ދުވަސްވީ އަދި އެންމެ ބޮޑު ބައިނަލްއަޤްވާމީ އެގްޒިބިޝަންގައި މި ވޮލެޓް އަމާނަތް ތެރިކަމާއި އެކު ދުބާއީގެ ފުލުހުންނާއި ހަވާލު ކޮށްފައިވަނީ އެމިރޭޓްސްގެ ރައްޔިތެއް ކަމުގައިވާ ޚާލިދް މުހައްމަދު އަލް ޙުސްނީ އެވެ.
ދުބާއީ ފުލުހުންނާ އޭނާ ހަވާލުކރި ވޮލެޓުގައި 15،000 ދިރުހަމް އާއި އިތުރު ފައިސާ އާއި ލިޔެކިޔުންތައް ހުރިކަަމަށް ރިޕޯޓުތައް ވަނީ ބުނެފަ އެވެ.
ދުބާއީގެ ފުލުހުން ބުނީ އެ ވޮލެޓް، އޭގެ ވެރިފަރާތަށް ރައްދު ކޮށްދީފައިވާ ކަމަށެވެ.
ދުބާއީގެ ފުލުހުންގެ އިސްވެރިން ބައިވެރިވި ރަސްމިއްޔާތެއްގައި ވަނީ ޙުސްނީގެ ތެދުވެރިކަމާއި ރިވެތި އަޚްލާޤަށް ތައުރީފުކޮށް އެކަމުގެ އަގުވަޒަންކޮށް ލިޔުމެއް އަރުވާފަ އެވެ.
ޙުސްނީ ވަނީ މި ޝަރަފަށްޓަކައި ފުލުހުންނަށް ޝުކުރު އަދާ ކުރައްވައި އާންމުންނަށް މެސެޖެއް ވެސް ދީފައެވެ.
އޭނާގެ މެސެޖުގައި "އަބަދުވެސް ޒިންމާދާރުކަމާއި އަމާނާތްތެރިކަން އިސްކޮށް، އަމާނާތްތެރިވާށެވެ." ބުނެފައި ވެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބަޔަަކު ދުބާއީ އެކްސްޕޯ 2020 ޒިޔާރަތް ކުރަމުން ދެއެވެ. މިއީ އޮކްޓޯބަރު 2021 އިން މާރޗް 2022 އަށް ދުބާއީގައި ކުރިއަށް ގެންދާ އެގްޒިބިޝަނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް