ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕް: ޒެނިތްއަށް ހަނި މޮޅެއް، ޝައިނިންގ ސްޓާރ އަށް ބޮޑު މޮޅެއް

ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި މިހާރު ކުރިއަށްދާ ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ރޭ ކުޅުނު މެޗުތައް ސްޕޯޓްސް ކްލަބް ޒެނިތް އާއި ސްޕޯޓްސް ކްލަބް ޝައިނިންގ ސްޓާރ ކާމިޔާބުކޮށްފި އެވެ. ކްލަބް ...

05 Nov 2021 | 07:02

ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި މިހާރު ކުރިއަށްދާ ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ރޭ ކުޅުނު މެޗުތައް ސްޕޯޓްސް ކްލަބް ޒެނިތް އާއި ސްޕޯޓްސް ކްލަބް ޝައިނިންގ ސްޓާރ ކާމިޔާބުކޮށްފި އެވެ.

ކްލަބް މެޓްރިކްސް އާ ވާދަކޮށް ޒެނިތް މެޗު ކާމިޔާބުކުރީ ހަނި މޮޅަކުން ނެވެ. އެއީ 35 ޕޮއިންޓު 32 ޕޮއިންޓުން ނެވެ. މި މެޗުގެ ކްއީން އޮފް ދަ މެޗުގެ މަގާމު ހޯދީ މެޓްރިކްސްގެ ފާތިމަތު ނަޝްފާ އަފީފް އެވެ.

ޝައިނިންގ ސްޓާރ މެޗު ކާމިޔާބުކުރީ ލޮރެންޒޯ އާ ވާދަކޮށް 52 ޕޮއިންޓު 18 ޕޮއިންޓުން ނެވެ. މި މެޗުގެ ކްއީން އޮފް ދަ މެޗުގެ މަގާމު ހޯދީ ޝައިނިންގ ސްޓާރގެ އަދާ އާމިރު އެވެ.

މި މުބާރާތުގައި މިއަދާއި މިރޭ ވެސް މެޗުތައް ކުޅުމަށް ވަނީ ތާވަލުކޮށްފަ އެވެ.

އެގޮތުން މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޔޫތް ޔުނައިޓެޑާއި ކޭވައިއާރްސީ އެވެ. މިރޭ ކުޅޭ ފުރަތަމަ މެޗުގައި މަހިބަދޫ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރާއިރު، ދެވަނަ މެޗުގައި ވާދަކުރާނީ ޔުނައިޓެޑް ޔުނިޓީ އާއި މެޓްރިކްސް އެވެ.

މިއަހަރުގެ މުބާރާތުގައި 10 ޓީމު ބައިވެރިވެފައިވާ އިރު، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް ދެ މެޗު ކުޅުމަށް ވަނީ ތާވަލުކޮށްފަ އެވެ.

ފުރަތަމަ މެޗު 19:45 ގައި ފަށާނެ އެވެ. އަދި ދެވަނަ މެޗު ފަށާނީ 21:30 އެވެ.

ހުކުރު ދުވަހު 3 މެޗުު ކުޅުމަށް ވަނީ ނިންމާފަ އެވެ. އެއީ ހަވީރު 16:30 އަދި ރޭގަނޑު ދެ މެޗެވެ.

މުބާރާތުގައި ބައިވެރިވި 10 ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ އިރު، މި މުބާރާތް މި ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެ އެވެ.

ނޮވެމްބަރ 10 ވަނަ ދުވަހުގެ ރޭ ކުޅޭ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ގްރޫޕް އޭގެ އެއްވަނަ ޓީމާއި ގްރޫޕް ބީގެ ދެވަނަ ޓީމެވެ. އަދި ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ ގްރޫޕް ބީގެ އެއްވަނަ ޓީމާއި ގްރޫޕް އޭ ގެ ދެވަނަ ޓީމެވެ.

މި މުބާރާތުގެ މެޗުތައް ބެލުމަށް ހިލޭ ހުޅުވާލާފައިވީ ނަމަވެސް ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައި ވާންޖެހޭނެ އެވެ. އަދި ކޮވިޑުން ރައްކާތެރިވުމަށް އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް އެސޯސިއޭޝަނުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

މީގެ އިތުރުން މާސްކު އަޅައިގެން ތިބުމަށް އެސޯސިއޭޝަނުން ވަނީ އެދިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް