ޔޫރަޕްގައި ކޯވިޑްގެ ހާލަތު މިހާރު ގޯސްވަމުން ދަނީ ފަރުވާކުޑަކަމުން: ޑަބްލިއުއެޗްއޯ

ޔޫރަޕްގެ ގައުމުތަކުގައި އަނެއްކާވެސް ކޯވިޑްގެ ހާލަތު ގޯސްވާން ފަށާފައިވަނީ ގައުމުތަކުން ފަރުވާކުޑަ ކުރާތީ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ. ޑަބްލިއުއެޗްއޯއިން ޔޫރަޕަ...

05 Nov 2021 | 06:10

ޔޫރަޕްގެ ގައުމުތަކުގައި އަނެއްކާވެސް ކޯވިޑްގެ ހާލަތު ގޯސްވާން ފަށާފައިވަނީ ގައުމުތަކުން ފަރުވާކުޑަ ކުރާތީ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

ޑަބްލިއުއެޗްއޯއިން ޔޫރަޕަށް ކަނޑައަޅާފައި ހުންނަވާ ވެރިޔާ ހެންސް ކްލަޖް ވިދާޅުވީ ޔޫރަޕްގެ ގައުމުތަކުގައި ކޯވިޑުގެ ހާލަތު އަނެއްކާވެސް ވަރަށް ބޮޑަށް ގޯސްވާން ފަށާފައިވާ ކަމަށެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވުން ކަމަށް ވިދާޅުވި އެވެ.

ކްލަޖް ވިދާޅުވީ އަވަސް ފިޔަވަޅުތަކެއް ނާޅައިފި ނަމަ އަންނަ ފެބްރުއަރީގެ ނިޔަލަށް ޔޫރަޕްގެ ގައުމުތަކުން ކޯވިޑްގައި މަރުވާ މީހުންގެ އަދަދު ބައި މިލިއަނަށް އަރާނެ ކަމަށެވެ. އޭނާ ވިދާޅުވީ ޔޫރަގެ ހާލަތު ދޭތެރެ ދޭތެރެއިން ގޯސްވަނީ ގައުމުތަކުން ފަރުވާކުޑަކަމުންނެވެ.

ޔޫރަޕްގައި ކޯވިޑް ހާލަތު މިފަހަރު ގޯސްވާން ފަށާފައިވާ މައިގަނޑު ސަބަބުތައް ކަމަށް އޭނާ ފާހަގަ ކުރެއްވީ ވެކްސިން ޖެހޭ އަދަދު މަދުކަމެވެ. ކްލަޖް ވިދާޅުވީ މި ފަހަކުން ވެކްސިން ޖަހާ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އެގޮތުން ސްޕެއިިންގަ 80 ޕަސެންޓު މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރިޔަސް ފްރާންސްގައި 68 ޕަސެންޓުގައި އެ އަދަދު އުޅޭއިރު ޖަރުމަނުގައި އުޅެނީ 66 ޕަސެންޓުގައި ކަމަށެވެ.

އާންމު ސިއްހަތު ރައްކާތެރި ކުރުމަށް ކުރިން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަކީވެސް ކޯވިޑް ފެތުރުން އިތުރުވެފައިވާ މުހިންމު ސަބަބެއް ކަމަށް ވިދާޅުވި އެވެ. އެގޮތުން މާސްކު ނާޅާ އުޅުން ހުއްދަ ކުރުމާއި އިޖްތިމާއީ ގައިދުރުކަން އުވާލުން ފަދަ ކަންކަން ފާހަގަ ކުރެއްވި އެވެ.

ޔޫރަޕްގައި ކޭސްތައް އިތުރު ހާލަތު ގޯސްވާނަމަ އެއީ ދުނިޔެއަށް އަނެއްކާވެސް ވަރުގަދަ އިންޒާރެއް ކަމަށް ޑަބްލިއުއެޗްއޯއިން ބުނެ އެވެ.

މިހާރު އާންމުކޮށް ކޮންމެ ދުވަހަކު ސްޕެއިނުން 34،000 އަށްވުރެ ގިނަ މީހުން ޕޮސިޓިވްވެ އެވެ. އިނގިރޭސިވިލާތުގައި އެ އަދަދު 37،000 ގައި އުޅޭއިރު އެ ގައުމަށް ކޯވިޑްގެ ހަތަރުވަނަ ރާޅު އެރުމާއި ވަރަށް ގާތް ކަމަށް ސިއްހީ ތަޖުރިބަކާރުން ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް