ސަންޔާ މަލޯތްރާ އިންޑިއާގެ މުމްބާއީގެ އެންމެ އަގުބޮޑު ސަރަހައްދު ކަމަށްވާ ޖޫހޫއިން އެޕާޓްމެންޓެއް ގަނެފި އެވެ.
ސަންޔާ އަކީ 2016 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ދަންގާލް" އިން ބޮލީވުޑަށް ނުކުމެ ވިދާލި ތަރި އެކެވެ. އޭގެ ފަހުން ގިނަ ފިލްމުތަކެއް އޭނާއަށް ލިބިފައިވެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ސަންޔާ އާ އެޕާޓްމެންޓު ގަނެފައިވަނީ 14.3 ކްރޯޑު އިންޑިއަން ރުޕީސް އަށެވެ. އަދި ޑިއުޓީގެ ގޮތުގައި 71.3 ލައްކަ ރުޕީސް ދައްކާފައިވެ އެވެ.
ސަންޔާ އެތަން ގަނެފައިވަނީ މިދިޔަ މަހު މެދުތެރޭގައި އެވެ. އޭނާ ގަތް އެޕާޓްމެންޓަށް މިހާރު ދިރިއުޅުން ބަދަލުކޮށްފައިވާއިރު ސަންޔާ އަކީ މިހާރު ބޮލީވުޑްގެ ތަރި ރިތިކް ރޯޝަންގެ އަވައްޓެރި އެކެވެ.
ރިތިކް އުޅެނީ އެ އިމާތުން ދެ އެޕާޓްމެންޓު ގަނެގެންނެވެ. ކޮންމެ އެޕާޓްމެންޓެއް ގަންނަން އޭނާ 100 ކްރޯޑު ރުޕީސްއާއި ގާތް ކުރާ އަދަދެއް ހަރަދުކޮށްފައިވާއިރު އެ ދެ އެޕާޓްމެންޓު އެއްކޮށްލައި މިހާރު ވަނީ ޑިޒައިނަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ. ރިތިކް ގަތް އެޕާޓްމެންޓުންގައި ޓެރަސް އޮންނަ އިރު ޕާކިން އޭރިއާއަށް ވަކިން ފޭބޭގޮތަށް ހަދާފައި ހުރެ އެވެ.
މިއީ ސަންޔާ ބޮލީވުޑަށް ނުކުތްފަހުން އޭނާ ގަތް ދެވަނަ އެޕާޓްމެންޓެވެ. ފުރަތަމަ ދާއިރާއަށް ނުކުތް އިރު އެއް ކޮޓަރީގެ އެޕާޓްމެންޓެއް ކުއްޔަށް ހިފައިގެން އުޅުނު ސަންޔާ ފުރަތަމަ އެޕާޓްމެންޓެއް ގަތީ 2018 ވަނަ އަހަރު އެވެ.
ސަންޔާ އެންމެ ފަހުން ފެނިގެން ދިޔައީ މިދިޔަ އަހަރު ރިލީޒް ކުރި ފިލްމު "ލުޑޯ" އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް