ކަނޑިންމައިން ކޯވިޑްގައި މީހަކު މަރުވި މައްސަލަ ފުލުހަށް ހުށަހަޅައިފި

ދ. ކަނޑިންމަ ރިސޯޓުގައ މަސައްކަތް ކުރި މުވައްޒަފަކު ކޯވިޑް-19 ޖެހިގެން މަރުވި މައްސަލަ ފުލުހަށް ހުށަހަޅައިފި އެވެ. ކޯވިޑް ޖެހިގެން މަރުވެފައިވަނީ އެ ރިސޯޓުގައި މަސައްކަތް ކުރި އުމުރުން 60 އަހަރުގެ އާދ...

05 Nov 2020 | 18:51

ދ. ކަނޑިންމަ ރިސޯޓުގައ މަސައްކަތް ކުރި މުވައްޒަފަކު ކޯވިޑް-19 ޖެހިގެން މަރުވި މައްސަލަ ފުލުހަށް ހުށަހަޅައިފި އެވެ.

ކޯވިޑް ޖެހިގެން މަރުވެފައިވަނީ އެ ރިސޯޓުގައި މަސައްކަތް ކުރި އުމުރުން 60 އަހަރުގެ އާދަމް ނަސީރު އެވެ. އޭނާ މަރުވީ ހުން އައިސްގެން އުޅޭތާ 10 ދުވަސް ފަހުން ހާލު ސީރިއަސްވެގެން ދ. ކުޑަހުވަދޫ އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މިދިޔަ ހުކުރު ދުވަހުގެ ރޭ އެވެ.

މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އެ ރިސޯޓުގެ މުވައްޒަފަކު ކޯވިޑްގައި މަރުވާން ޖެހުނު ގޮތާއި ގުޅޭގޮތުން މައުލޫމާތު އެއްކުރުމަށް އެޗްއީއޯސީގެ ޓީމެއް މިމަހުގެ ދެ ވަނަ ދުވަހު އެ ރިސޯޓަށް ދިޔަ ކަމަށެވެ. އަދި އެ ޓީމް މިއަދު އެނބުރި މާލެ އައިސް އެއްކޮށްފައިވާ މައުލޫމާތުތައް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަރުވާފައިވާ ކަމަށެވެ.

އަދި އެ ހޯދުންތައް ބެއްލެވުމަށްފަހު، އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު މިރޭގެ ވަގުތެއްގައި މައްސަލަ ފުލުހުންނަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އެ މައުލޫމާތުތަކާއި ގުޅޭ އިތުރު ތަފްސީލެއް ޑރ. ނަޒްލާ ނުދެއްވަ އެވެ.

ނަސީރު ކޯވިޑަށް ޕޮސިޓިވްކަން އެނގުނީ މަރުވި ފަހުން ހެދި ޓެސްޓުންނެވެ. މި މައްސަލައިގަ އެ ރިސޯޓުގެ ބައެއް މުވައްޒަފުންނާއި އާއިލާއިން ބުނަމުން ދަނީ ހުން އަންނަން ފެށީން ސުރެ ރަށަށް ނުވަތަ މާލެ ފޮނުވައި ދިނުމަށް އޭނާ ރިސޯޓުގެ މެނޭޖްމެންޓުގައި އެދުނު ކަމަށެވެ.

އަދި ފަހުން ކޯވިޑްގެ އަލާމާތްތައް ކަމަށްވާ ރަހަ ނުލުމާއި ވަސް ނުދުވުން ފަދަ ކަންކަން ދިމާވާ ވާހަކަވެސް ރިސޯޓު ކްލިނިކު ޑޮކްޓަރު ކައިރީ ބުނި ކަމަށްވެ އެވެ. އެކަމަކު އިތުރު ފަރުވާއަށް ފޮނުވުމުގެ ބަދަލުގައި ޕެނަޑޯލް ދިނުމަށް ފަހު ފޮނުވާލަނީ ކަމަށްވެ އެވެ.

މި މައްސަލައިގަ ކަނޑިންމަ ރިސޯޓުގެ މެނޭޖްމެންޓުން ބުނީ ނަސީރުގެ ފަރުވާގެ ކަންކަމުގައި އިހުމާލުވެފައި ނުވާނެ ކަމަށެވެ.

ނަސީރުގެ މަރާއި ގުޅިގެން އެ ރިސޯޓު މޮނިޓަރިންގެ ހާލަތަށް ގެނެސް މީހުން އަރައި ފޭބުން ވަނީ މަނާކޮށްފައި އެވެ. އަދި އެ ރިސޯޓަށް ބުކިން ހަދައިގެން ރާއްޖެ އަންނަމުންދާ ހުރިހާ ޓޫރިސްޓުން އެހެން ރިސޯޓުތަކަށް ފޮނުވަމުންދާ ކަމަށް ރިސޯޓާއި ހަވާލާދީ ޑރ. ނަޒްލާ ވިދާޅުވި އެވެ.

އެޗްއީއޯސީ އާއި ދ. އަތޮޅު ހޮސްޕިޓަލް ހުޅިގެން އެ ރިސޯޓުގެ ހުރިހާ މުވައްޒަފުން ކޯވިޑަށް ޓެސްޓު ކުރަން ވަނީ ނިންމާފައި އެވެ. މިހާތަނަށް އެ ރިސޯޓުން 50 މީހުން ޕޮސިޓިވްވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 49 މުވައްޒަފުންނާއި އެއް ޓޫރިސްޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް