ބައެއް ނޫސްތަކުގައި ބަދުއަހުލާގީ ޢަމަލުތަކަށް ހިތްވަރު ލިބޭ ކޮންޓެކްޓް ޝާއިއު ކުރޭ!

ފަހަކަށް އައިސް ބައެއް މީޑިއާތަކުން ބަދުއަޚްލާޤީ ޢަމަލުތަކާއި ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިތްވަރު ލިބޭފަދަ މޭރުމުން ކޮންޓެންޓް ތައްޔާރުކޮށް ޝާއިޢުކުރާކަން ފާހަގަވެފައިވާ ކަމަށް މޯލްޑިވްސް...

05 Nov 2020 | 13:55

ފަހަކަށް އައިސް ބައެއް މީޑިއާތަކުން ބަދުއަޚްލާޤީ ޢަމަލުތަކާއި ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިތްވަރު ލިބޭފަދަ މޭރުމުން ކޮންޓެންޓް ތައްޔާރުކޮށް ޝާއިޢުކުރާކަން ފާހަގަވެފައިވާ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފި އެވެ.

އެ ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ޤާނޫނުގެ ދަށުން ޢަމަލުކުރަމުން އަންނަ "ދިވެހި މީޑިއާގެ ހަމަތަކާއި އަޚްލާޤީ މިންގަނޑު" ގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، "ބަރަހަނާ މަންޒަރާއި ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިތްވަރުދޭ ވާހަކަތަކާއި އެފަދަ ކަންކަން ސިފަކޮށްދޭ އެއްވެސް އެއްޗެއް ޝާއިޢުކުރުމުން ދުރުހެލިވާނެއެވެ."

މީޑިއާ ކައުންިސލުން ބުނީ އެ ގާނޫނުގެ ދަށުން ޚަބަރާއި މަޢުލޫމާތު ޝާއިޢުކުރުމުގައި، ޢާންމު އިޖުތިމާޢީ މިންގަނޑުތަކަށް ނުފެތޭ، ހަޑި ހުތުރު ބަސްބޭނުންކުރުމުން ދުރުހެލިވާނެ ކަމަށެވެ. އެބަޔާނުގައި ބުނެފައިވަނީ އިންޓަނެޓްގެ ޒަރިއްޔާއިން ވެބްސައިޓާއި، މީސްމީޑިއާގެ އެކި ވަޞީލަތްތައް ބޭނުންކޮށްގެން ޚަބަރާއި މަޢުލޫމާތު ފެތުރުން ފުޅާވެފައިވާ ޒަމާނެއްގައި، ބަރަހަނާ މަންޒަރާއި ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިތްވަރުދޭ ވާހަކަތަކާއި އެފަދަ ކަންކަން ސިފަކޮށްދޭ އަޚްލާޤީގޮތުން ދަށްފެންވަރުގެ ލިޔުންތައް ޢާންމުވުމުގެ ސަބަބުން ފުރާވަރުގެ ކުދިންނަށް ނޭދެވޭ އަސަރުކުރާކަމުގެ ކަންބޮޑުވުން އެ ކައުންސިލާއި ކަމާއި ގުޅޭ އިދާރާތަކުން ކުރަމުންދާ ކަމަށެވެ.

ދިވެހި މީޑިއާގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކުންވެސް އަބަދުވެސް އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތައި، އިންސާނީ ޙައްޤުތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު އިޖުތިމާޢީ އަޚްލާޤް ދަމަހައްޓައި ޒިންމާދާރުކަމާއެކު ނޫސްވެރިކަމުގެ ޕްރޮފެޝަނަލިޒަމް ދަމަހައްޓަންޖެހޭ ކަމަށް ބުންޏެވެ. މީގެ އިތުރުން މުޖުތަމަޢުގެ އާންމު މަސްލަހަތު ހިމާޔަތްކުރަންޖެހޭކަން ފާހަގަކުރި އެވެ.

މުޖުތަމަޢުގައި ރުޅިވެރިކަމާއި ފިތުނަ ފަސާދަ އުފެއްދުމާއި އަޚްލާޤީގޮތުން ދަށުދަރަޖައިގެ ވާހަކަތަކާއި ލިޔުންތަކަކީ ނޫސްވެރިކަމުގެ އަހުކާގީ ހަމަތަކާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ. އެހެންކަމުން ނޫސްވެރިކަމުގެ ނަމުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްގެންވިޔަސް އަދި ނުކޮށްވިޔަސް މިދެންނެވި މަތިވެރި އުސޫލުން ބޭރުން މީޑިއާގެ އެކި ވަސީލަތްތައް ހިންގަމުން ދިއުމަކީ މިކައުންސިލަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ އެވެ.

އެ ކައުންސިލުން ބައެއް ނޫސްތަކުގަިއ ޖަހާ މިފަދަ ލިޔުންތަކުގެ ސަބަބުން ހުރިހާ ނޫށްތަކާއި ނޫސްވެރިންގެ އަގުވެއްޓޭ ކަމަށެވެ. އެހެން ކަމުން ދިވެހި މީޑިއާގެ ހަމަތަކާއި އަޚްލާޤީ މިންގަނޑާއި މުޖުތަމަޢުގެ ޢާއްމު އަޚްލާޤީ މިންގަނޑުގެ ބޭރުން އަނިޔާވެރިކަމާއި ރުޅިވެރިކަމާއި ނަފުރަތު އުފެއްދުމަށް ޢަމަލުކުރާ މީޑިއާތަކާއި، ބަދުއަޚްލާޤީ ޢަމަލުތަކަށް ހިތްވަރުދީ އެފަދަ ކަންކަމަށް މަގުފަހިވާފަދަ ގޮތަކަށް ޢަމަލުކުރާ މީޑިއާތަކާމެދު މި ކައުންސިލުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅުއަޅާނެ ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް