އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ކުރީގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެންގުމަށް ފަހު ކެންސަލްކޮށްފި އެވެ.
އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައި އޮތީ މިއަދު ހަވީރު 5:00 އަށެވެ. ޝުޖާއު ފުލުހަށް ހާޒިރު ކުރަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ނަސްރުގެ ދުވަސް ފާހަގަ ކުރަން އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ގުޅިގެން ބޭއްވި "ބަޑި ބުރާސްފަތި" ޖަލްސާ އާއި ގުޅިގެންނެވެ.
މިއަދު ހާޒިރުވާން އެންގުމަށް ފަހު ކެންސަލް ކުރި ސަބަބެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި ދެން އޭނާ ހާޒިރުވާން ޖެހޭ ދުވަސް އަދި ނާންގާކަމަށް ޝުޖާއު ވިދާޅުވި އެވެ.
އެ ޖަލްސާ ކުރިޔަށް ދަނިކޮށް އެރޭ ފުލުހުންގެ ބެލުމުގެ ދަށަށް ޝުޖާއު ގެންދިއުމަށް ފަހު ދޫކޮށްލީ ހަތަރު ގަޑިއިރު ފަހުންނެވެ. ފުލުހުން ބުނީ އެރޭ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އޮންލައިންކޮށް އެ ޖަލްސާ ބޭއްވުމުގެ ހުއްދަ އެޗްޕީއޭއިން ދީފައި ވަނިކޮށް އެޗްޕީއޭގެ ގައިޑްލައިނާއި ހިލާފަށް ގިނަ ބަޔަކު އެއްތަނަކަށް އެއްވެގެން ޖަލްސާ ކުރިޔަށް ގެންދާތީ ދެ ފަހަރު ނަސޭހަތް ދިނުމަށް ފަހު ރަނގަޅު ނުކުރުމުން ޖަލްސާ އިންތިޒާމް ކުރުމުގައި އިސްކޮށް އުޅުއްވި ބޭފުޅަކަށް ވާތީ ކަމަށެވެ.
ޝުޖާއު ފުލުހަށް ހާޒިރު ކުރަން ނިންމާފައި އޮތީ ހަ ތުހުމަތެއް ކޮށްފައި އެވެ. މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަން ނިންމާފައި އޮތީ އެ ކަންކަމަށް ލިޔުމުން ޖަވާބު ދިނުމަށެވެ.
ފުލުހުންގެ ޝުޖާއުގެ މައްޗަށް ކުރާ ތުހުމަތުތަކާއި ގުޅިގެން އޭނާ ވިދާޅުވީ ތުހުމަތުތަކުގެ ތެރޭގައި އަމުރަށް ނުކިޔަމަންތެރިވުމާއި ވާޖިބަށް ހުރަސްއެޅުމާއި އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފުވުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ. އެއީ، އަސްލެއް ނެތް ތުހުމަތުތަކަކަށްވާތީ އިންކާރު ކުރައްވާފައިވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް