މޯލްޑިވްސް އިމިގްރޭޝަންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލާފައިވާ "ސްޓްރެޓެޖިކް ޕްލޭން 2020-2024" ތަޢާރަފްކޮށްފިއެވެ.
މި އިސްތިރާޖީ ޕްލޭން ތަޢާރަފްކޮށްދެއްވީ މިކަމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަންގެ ހެޑް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓު، އަލްއުސްތާޛު ފައްޔާޒް އިސްމާއިލްއެވެ.
މި ޕްލޭންގެ މަޤްސަދަކީ، ދުރު ރާސްތާ އަމާޒަށް ވާސިލުވުމަށްޓަކައި ޙިކުމަތްތެރިކަމާއެކު މަސައްކަތްތައް ރާވާ، އިމިގްރޭޝަންގެ ޚިދުމަތްތައް އިތުރަށް ތަރައްޤީ ކުރުމަށް ގެންނަންޖެހޭ ބަދަލުތަކާއެކު ކަމާއިގުޅުންހުރި އިދާރާތަކާއި ގުޅިގެން، މި ޕްލޭނާ އެއްގޮތަށް އިމިގްރޭޝަންގެ މަސައްކަތްތައް ތަންފީޒުކުރުމެވެ.
މި އިސްތިރާޖީ ޕްލޭނަކީ ސަރުކާރުގެ 'ސްޓްރެޓެޖިކް އެކްޝަން ޕްލޭން' ތަންފީޒުކުރުމަށްޓަކައި ސަރުކާރުގެ ވަޢުދުތަކާއި އެއްގޮތްވާނޭހެން އެކުލަވާލާފައިވާ ޕްލޭނެކެވެ. އަދި މި އިސްތިރާޖީ ޕްލޭންގައި މައިގަނޑު ހަތަރު ދާއިރާއަކަށް އަލިއަޅުވާލާފައިވާނެއެވެ.
އެގޮތުން އިމިގްރޭޝަންގެ ޚިދުމަތްތައް ލާމަރުކަޒީކޮށް ހަމަހަމަކަމާއިއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމާއި، އިމިގްރޭޝަން އޮފިސަރުންގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން ތަމްރީން ޕްރޮގްރާމްތަކާއި ތަޢުލީމީ ފުރުސަތުތައް ފަހިކޮށްދިނުމާއި، ވައިގެ މަގުންނާއި ކަނޑުގެ މަގުން ރާއްޖެ އަންނަ އަދި ރާއްޖެއިން ފުރާ ފަރާތްތަކަށް އިމިގްރޭޝަން ކްލިއަރެންސް ދިނުމުގެ ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމަށާއި، ރާއްޖޭގެ މައިގްރޭޝަން ނިޒާމް އިތުރަށް ތަރައްޤީކޮށް އިންސާނީ ވަގުފާރި ހުއްޓުވުމަށްޓަކައި މަސައްކަތް ކުރާނެ އަމާޒުތައް ކަނޑައަޅާފައިވެއެވެ.
މި ރަސްމިއްޔާތުއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، އަލްއުސްތާޛު ފައްޔާޒް އިސްމާއިލް ވިދާޅުވީ، މުވައްސަސާތަކުން ސަރުކާރުގެ އިސްތިރާޖީ އެކްޝަން ޕްލޭނާ އެއްގޮތަށް އެމުވައްސަސާތަކުގެ އެކްޝަން ޕްލޭންތައް ތަޢާރަފްކޮށް، އެ ޕްލޭނުގެ ދަށުން މަސައްކަތް ކުރަމުން ދަނީ މީގެކުރިން ކޮށްފައިނުވާ މިންވަރަށް ކަމަށެވެ.
"އަދި މިފަދަ މަސައްކަތްތައް މުހިންމުވަނީ، މިކަންކަމުގެ ސަބަބުން އަޅުގަނޑުމެން އެންމެންނަށް ވެސް ކުރިޔަށް ދާންވީ މިސްރާބު ވަރަށް ސާފުކޮށް އެނގެން އޮތުން. އަދި އަޅުގަނޑުމެން މިސްރާބުން ކައްސާލައިގެން ދާނަމަ އެކަން ދެނެގަނެވޭނެ ފުރުސަތު، އިސްތިރާޖީ އެކްޝަން ޕްލޭނެއް އޮތުމުން ފަސޭހަވެގެންދާނެ." މިނިސްޓަރ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙުމަދު ހުސައިން ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލުވުމުގެ މުހިންމުކަމާއި މި ޕްލޭނާ އެއްގޮތަށް ކަންތައްތައް ތަންފީޒުކުރުމުގެ މުހިންމުކަމަށެވެ.
އެގޮތުން ކޮންޓްރޯލަރ ވިދާޅުވި ގޮތުގައި މި އިސްތިރާޖީ ޕްލޭނަކީ ފާއިތުވި 12 އަހަރުގެ ތެރޭގައި މޯލްޑިވްސް އިމިގްރޭޝަނުން ޝާޢިއުކުރެވޭ ފުރަތަމަ އިސްތިރާޖީ ޕްލޭނެވެ. ކޮންޓްރޯލަރ އިތުރަށް ވިދާޅުވީ އިމިގްރޭޝަނުން ކުރާ މަސައްކަތްތަކަކީ އަބަދުވެސް ދުރާލާ ވިސްނާ، ރާވައިގެން ކުރެވޭނެ ކަންކަމަށް ވުމަކީ މުވައްސަސާއަށް އަންނަ އިތުރު ހަރުދަނާކަމެއް ކަމަށެވެ.
އިމިގްރޭޝަންގެ މަޤްސަދަކީ، ދުރުރާސްތާ މަންޒިލަކަށް ވާސިލްވުމަށް ރޭވުންތެރިކަމާއެކު މަސައްކަތްކޮށް، ޤާބިލު އޮފިސަރުންތަކެއް ބިނާކޮށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް