މި ސަރުކާރުން ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ދެނީ ދީނާ ހިލާފު ވާހަކަ ދައްކާކަން ކަމަށް މަވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން އެންމެ މަތީ ދަރަޖައަށް ކަށްވަރުކޮށްދީފައިވަކަމަށް ވިދާޅުވުމުން، އެއަށް ރައްދުދީ މިއަދު ކުރެއްވި ޓުވީޓެއްގައި ސައީދު ވިދާޅުވީ، ހިޔާލު ފާޅު ކުރުމުގައި ދީނާއި ހިލާފު އެމްޑީއެންގެ ވާހަކަތަށް ސަރުކާރުން ދަނީ ވަރަށް ފާޅުގައި ފުރުސަތު ދެމުން ކަމަށެވެ. އެނޫން އެހެން ހިޔާލެއް ފާޅު ކުރާނަމަ އެ ހިޔާލަކީ ހަރުކަށި ފިކުރު ކަމަށް ސަރުކާރުން ދެކޭ ކަމަށް އިމްރާން ޓެގް ކުރައްވައި ކުރެއްވި ޓުވީޓުގައި ސައީދު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ދީނާ ދެކޮޅު ނޫން ހުރިހާ ހިޔާލެއް ފާޅު ކުރުމުގެ މިނިވަންކަން އޮތީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓާ ޖެނެރަލް މައިމޫނާ އަބޫބަކުރުގެ އަތްފުޅު މަތީގައި ކަމަށެވެ.
އިމްރާނާށް ރައްދުދީ ޓުވީޓު ކުރެއްވިއިރު ނަސްރު ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިދިކޮޅު ކޯލިޝަނުން ބޭއްވި އެއްވުން ފުލުހުން ވަނީ ރޫޅާލައިފަ އެވެ. އަދި ޕީއެންސީގެ ނައިބު ރައީސާއި އިދިކޮޅު ކޯލިޝަންގެ އެކްޓިވިސްޓެއް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން އެއްވުން ރޫޅާލީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް އެއްވުން ބޭއްވުމުންނެވެ. ޝުޖާއު ހައްޔަރުކުރީ އެ އެއްވުން އިންތިޒާމު ކުރުމުގައި އިސްކޮށް ހުރުމުގެ ސަބަބުންނެވެ.
ރޭގެ ވަގުތެއްގައި ޝުޖާއު ހައްޔަރުން ދޫކޮށްލިއިރު އޭނާއަށް ހަ ތުހުމަތެއް ފުލުހުން ވަނީ ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް