ކޯވިޑް-19 ޖެހިގެން މިދިޔަ ހުކުރު ދުވަހުގެ ރޭ މަރުވި ދ. ކަނޑިންމަ ރިސޯޓުގެ މުވައްޒަފު މަރުވި މައްސަލައިގަ ރިސޯޓުގެ އިހުމާލު ވޭތޯ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބަލަން ފަށައިފި އެވެ.
ދ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ އެ ރިސޯޓުގައި މަސައްކަތް ކުރާ އުމުރުން 60 އަހަރުގެ އާދަމް ނަސީރު އެވެ.
އެޗްއާުސީއެމުން މީޑިއާގައި ބުނީ އެ މައްސަލަ އެ ކޮމިޝަނުން ބަލަނީ އަމިއްލަ އިސްނެގުމަށް ކަމަށެވެ. މި މައްސަލަ ބަލަން ކޮމިޝަނުން ނިންމީ ނަސީރު ބަލިވުމުން ޑޮކްޓަރަށް ދައްކައި އިތުރު ފަރުވާ ދިނުމަށް ރިސޯޓުން ބޭރަށް ފޮނުވުމުގައި މެނޭޖްމެންޓުން ފަރުވާ ކުޑަކުރި ކަމަށް ބުނެ މުވައްޒަފުންނާއި އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.
އާއިލާއިން މީޑިއާގައި ބުނެފައިވަނީ ނަސީރު މަރުވެފައިވަނީ ހުން އައިސްގެން އުޅޭތާ 10 ދުވަސް ފަހުން ކަމަށެވެ. އަދި ބަލި ވާން ފެށީންސުރެ އިތުރު ފަރުވާއަށް މާލެ އަށް ނުވަތަ ރަށަށް ފޮނުވައި ދިނުމަށް އެދުނު ނަމަވެސް ފަހު ވަގުތާއި ޖެހެންދެންވެސް ރިސޯޓުގެ މެނޭޖްމެންޓުން ޖަވާބެއް ދީފައި ނުވާ ކަމަށެވެ.
ހުކުރު ދުވަހުގެ ރޭ އޭނާ ކުޑަހުވަދޫއަށް ފަރުވާ ދިނުމަށް ގެންދިޔައީ ހާލު ސީރިއަސް ވެގެން ރިސޯޓު ކްލިނިކްގެ ޑޮކްޓަރުގެ ލަފާގެ މަތިންނެވެ. އޭރުވެސް އޭނާއަށް ވަސް ނުދުވައިި ކާއެއްޗެހީގައި ރަހަ ނުލުން ފަދަ ކޯވިޑްގެ އަލާމާތްތައް ފެންނަތާ ދެތިން ދުވަސް ވެފައިވާ ކަމަށެވެ.
އާއިލާ އާއި މުވައްޒަފުންގެ މި ވާހަކަތައް ރިސޯޓުގެ މެނޭޖްމެންޓުން ވަނީ ދޮގުކޮށްފައި އެވެ.
ނަސީރުގެ މަރުގައި ރިސޯޓުގެ އިހުމާލު އޮތް ކަމަށް އާއިލާގެ އިތުރުން ޓޫރިޒަމް އެމްޕްލޯއީ އެސޯސިއޭޝަން (ޓިމް) އިންވެސް ވަނީ ތުހުމަތުކޮށްފަ އެވެ. މި މައްސަލަ ބަލައި އިންސާފު ހޯދައިދޭން، ރިސޯޓު މުވައްޒަފުންގެ ހައްގުގައި މަސައްކަތްކުރާ އެ ޖަމިއްޔާ އިން ވަނީ ގޮވާލައިފަ އެވެ.
އެ މީހާ މަރުވުމާއި އެކު އެޗްއީއޯސީން ވަނީ ކަނޑިންމަ މޮނިޓަރިންގެ ހާލަތަށް ގެނެސް ރަށަށް އަރައި ފޭބުން މަނާކޮށްފައި އެވެ. އަދި ރިސޯޓުގެ ހުރިހާ މުވައްޒަފުންނާއި ގުޅުން ހުރި ޓޫރިސްޓުން ޓެސްޓު ކުރަމުންދާއިރު މިހާތަނަށް 46 މީހަކު ކަނޑިންމައިން ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް