ހދ. ކުމުންދޫގައި މިހާރު ކުރިއަށްދާ "ކޭވައިއެސް ވިމެންސް ފުޓްސަލް ލީގް 2020" ގައި އިއްޔެ އާ ރޭ ކުޅުނު މެޗުތައް ސީއެސްސީ ވުމަންސް އާއި ޒީރު ސްޓަރސް ކާމިޔާބުކޮށްފި އެވެ.
އެރަށުގައި ކަނބަލުންނަށް ޚާއްސަކޮށްގެން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗު ސީއެސްސީ ވުމަންސް އިން ކާމިޔާބު ކުރީ ސަންދިޔާ އާ ވާދަކޮށް 2 ލަނޑު 1 ލަނޑުން ނެވެ.
މި މެޗުގައި ސީއެސްސީ ވުމަންސްގެ ލަނޑުތައް ޖަހައިދިނީ ޖާރޒީ ނަމްބރު 8 ނައުފާ އިބްރާހިމް އާއި ޖާރޒީ ނަމްބަރު 23 ރިޔާސާ މޫސާ އެވެ. ސަންދިޔާގެ ލަނޑަކީ ސީއެސްސީ ވުމަންސްގެ ނައުފާ އިބްރާހިމްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މި މެޗުގެ ކްއީން އޮފް ދަ މެޗުގެ މަގާމަށް ހޮވުނީ ސީއެސްސީ ވުމަންސް ގެ ޖާރޒީ ނަމްބަރު 27 އާލާ އަހްމަދު އެވެ.
މި މުބާރާތުގައި ރޭ ކުޅުނު މެޗު ޒީރު ސްޓަރ އިން ކާމިޔާބު ކުރީ އެފްސީ ރެހެންދި އާ ވާދަކޮށް 0-1 ގެ ނަތީޖާއަކުން ނެވެ.
މި މެޗުގެ ހަމައެކަނި ލަނޑު ޖަހައިދީ، ކްއީން އޮފް ދަ މެޗުގެ މަގާމު ހޯދީ ޒީރު ސްޓަރ ގެ ހަނީފާ ޢަބްދުﷲ އެވެ.
މި މުބާރާތަކީ ކުމުންދޫ ޔޫތް ސްޕޯޓްސް (ކޭ.ވައި.އެސް)ގެ ފަރާތުން މި މަހުގެ ތިންވަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.
ނަސްރުގެ ދުވަހާ ވެސް ގުޅުވައިގެން ބާއްވާ މި މުބާރާތުގައި މިއަހަރު ވަނީ 5 ޓީމަކުން ބައިވެރިވެފަ އެވެ.
މި މުބާރާތާއި ބެހޭ ގޮތުން ކުމުންދޫ ޔޫތް ސްޕޯޓްސް އިން ބުނީ މި މުބާރާތަކީ އެ ޖަމިއްޔާގެ ހަރަކާތްތައް 2011 ވަނަ އަހަރުން ފެށިގެން ހުއްޓިފައި އޮތުމަށް ފަހު، ހަރަކާތްތައް އަލުން ފެށުމުގެ ގޮތުން ކުރިއަށް ގެންދާ ފުޓްސަލް މުބާރާތެއް ކަމަށެވެ.
މި މުބާރާތުގައި ކޮންމެ ދުވަހަކުވެސް ދެ މެޗު ކުޅުމަށް ވަނީ ނިންމާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް