ޖިނާއީ ބޮޑެތި މައްސަލަތަކަށް 24 ގަޑިއިރު ތެރޭގައި ޕްރޮސެކިއުޓަރުން އައްޔަން ކުރަނީ

ޖިނާއީ ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކުރާނެ ޕްރޮސެކިއުޓަރުން 24 ގަޑިއިރު ތެރޭގައި އައްޔަން ކުރާނެ އުސޫލެއް ގާއިމްކޮށްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފިި އެވެ. ޕީޖީ އޮފީހުން ނ...

05 Nov 2020 | 08:15

ޖިނާއީ ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކުރާނެ ޕްރޮސެކިއުޓަރުން 24 ގަޑިއިރު ތެރޭގައި އައްޔަން ކުރާނެ އުސޫލެއް ގާއިމްކޮށްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފިި އެވެ.

ޕީޖީ އޮފީހުން ނެރެނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެއް ދުވަސް ތެރޭގައި ޕްރޮސެކިއުޓަރުން އައްޔަން ކުރާނީ ޖިނާއީ ބޮޑެތި މައްސަލަތަކާއި މުޖުތަމައުގެ އާންމު މަސްލަހަތު މަތީ މިންވަރަކަށް ހިމެނޭ މައްސަލަތަކުގައި ކަމަށެވެ. މި އުސޫލު ގާއިމް ކުރީ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ފުލުހުންނާއި ގުޅިގެން ތަހުގީގު މަރުހަލާގައި މަސައްކަތް ކުރާނެ ގޮތާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ލަފާގެ މަތިން ނެވެ.

މި އުސޫލަށް އަމަލު ކުރަން ފެށުމުން ޖިނާއީ ބޮޑެތި މައްސަލަތަކާއި މުޖުތަމައުގެ އާންމު މަސްލަހަތު މަތީ މިންވަރަކަށް ހިމެނޭ މައްސަލަތަކުގައި މީހަކު ހައްޔަރުކުރުމާއެކު އެމައުލޫމާތު ފުލުހުންގެ ޕޯޓަލަށް އަޕްޑޭޓް ކުރާ ވަގުތު ޕީޖީ އޮފީހަށް އެ މައުލޫމާތު ލިބޭނެ އެވެ. ޕީޖީ އޮފީހުން ބުނީ މި އޮންލައިން ޕޯޓަލް މެދުވެރިކޮށް ވަގުތުން ވަގުތަށް މައުލޫމާތާއި ލަފާ ބަދަލުކުރެވޭނެ ނިޒާމެއް ގާއިމް ކޮށްފައިިވާ ކަމަށެވެ.

އެ އުސޫލާ އެކު މައްސަލައިގެ ތަހުގީގު ޓީމާއި ޕްރޮސިކިއުޓަރުނާ ދެމެދުގައި ދެކެވޭ ވާހަކަތަކާއި، މައްސަލައިގެ ތަހުގީގުކޮށް ޕްރޮސިކިއުޓަރުން ދެއްވާ ލަފާ ލިޔުމުން ފެންނާން އޮންނާނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ޖިނާއީ ބޮޑެތި މައްސަލަތަކުގައި ފުލުހުންނާއި ޕްރޮސިކިއުޓަރުން އެއްކޮށް ކުރާ މަސައްކަތް، މިހާރަށްވުރެ އަވަސްވެ ހަރުދަނާ ވާނެ އެވެ. އަދި މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް އެއްގޮތަކަށް އަމަލު ކުރެވިގެންދާނެ ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް