ރޫޓުގެ ފައިސާ ފޭރުން ހުއްޓުވި ސެކިއުރިޓީ ގާޑުގެ އަގު ވަޒަންކޮށްފި

ރޫޓު ފިހާރައިން ބޭންކް އޮފް ސިލޯނަށް ޖަމާކުރަން ގެންދިޔަ ފައިސާތައް ފޭރެން މަސައްކަތް ކުރި މީހުން ހުއްޓުވި ސެކިއުރިޓީ ގާޑުގެ އަގުވަޒަން ކުރުމަށް ފުލުހުން ހަލްފާއެއް ބާއްވައިފި އެވެ. ހެލްމެޓް އަޅައިގެނ...

05 Nov 2020 | 07:34

ރޫޓު ފިހާރައިން ބޭންކް އޮފް ސިލޯނަށް ޖަމާކުރަން ގެންދިޔަ ފައިސާތައް ފޭރެން މަސައްކަތް ކުރި މީހުން ހުއްޓުވި ސެކިއުރިޓީ ގާޑުގެ އަގުވަޒަން ކުރުމަށް ފުލުހުން ހަލްފާއެއް ބާއްވައިފި އެވެ.

ހެލްމެޓް އަޅައިގެން ސައިކަލުތަކެއްގައި ދިޔަ ގްރޫޕަކުން މަސައްކަތް ކުރީ ވޭނުން ފައިސާތައް ހިފައިގެން ފައިބާ ގަޑީގައި ފޭރިގަންނާށެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.

އެ ފޭރުން ހުއްޓުވުމުގައި އެންމެ އިސް ދައުރެއް އަދާ ކުރީ އެބްސޮލިއުޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަން ޕްރައިވެޓް ލިމިޓެޑްގެ ސެކިއުރިޓީ ގާޑު އަޙްމަދު ހަސަން މަނިކެވެ. ފުލުހުން ވަނީ މިއަދު އޭނާ ކުރި މަަސައްކަތުގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުމެއް ދީފައި އެވެ.

މި ރަސްމިއްޔާތުގައި އަހުމަދު ހަސަން އާއި ސެޓްފިކެޓް ހަވާލުކޮށްދެއްވުމަށް ފަހު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ ދިވެހިންގެ ތެރޭގައި މަދުންނަމަވެސް މިކަހަލަ ކަންކަން ހުއްޓުވަން މަސައްކަތްކުރާ މީހުން އުޅޭ ކަމީ އުފާ ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި މިފަދަ ބޮޑެތި ހާދިސާ ތަކުގައި ފުލުހުންނަށް ވެސް އެހީތެރިކަން ފޯރުކޮށްދެމުންދާކަން ފާހަގަކުރައްވައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ދޭ އެއްބާރުލުމަށް ޝުކުރު އަދާ ކުރެއްވި އެވެ.

އެ ހަފްލާގައި ފުލުހުންގެ ބައެއް އޮފިސަރުންނާއި، އެބްސޮލިއުޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަން ޕްރައިވެޓް ލިމިޓެޑްގެ އިސްވެރިންގެ އިތުރުން ރޫޓްގެ ފަރާތުން ބައިވެރިވިއެވެ.

އަހުމަދު ހަސަން މަނިކު ކުރި ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް މީގެ ކުރިން ރޫޓުންވެސް އޭނާއަށް ވަނީ ހަދިޔާއެއްގެ ގޮތުގައި 50،000 ރުފިޔާ ދީފައި އެވެ. އަދި އެ ދުވަހު ފޭރުން ހުއްޓުވުމަށް މަސައްކަތް ކުރި އެ ފިހާރައިގެ މުވައްޒަފުންނަށްވެސް އަގުވަޒަންކޮށް ފައިސާ ދީފައިވެ އެވެ.

ރޫޓުން އެ ދުވަހު ޖަމާކުރަން ގެންދިޔައީ ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ އެވެ. މި މައްސަލައިގަ ފުުލުހުން ވަނީ މިހާތަނަށް ހަތް މީހަކު ހައްޔަރުކޮށްފައި އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް