ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަސް ސްޓޮޕްތައް އަޅައިދޭނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނުކޮށްފި އެވެ.
އެޗްޑީސީން ބުނީ ބަސް ސްޓޮޕް އަޅައިދޭން ޝައުގުވެރިވާ ފަރާތްތަކުން ބިޑު ހުށަހެޅުމުގެ ފުުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި 50،000 ރފިޔާ ހުށަހަޅަން ޖެހެ އެވެ.
ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 24 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ނިޔަލަށެވެ.
އެޗްޑީސީން ބުނީ މި މަޝްރޫއާ ގުޅޭ ޕްރީ ބިޑް މީޓިން މިމަހުގެ ނުވަ ވަނަ ދުވަހު ޒޫމް މެދުވެރިކޮށް ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި ސައިޓަށް ޒިޔާރަތް ކުރުން އެދުވަހު އޮންނާނެ ކަމަށް ބުނެ އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށުމާއި އެކު އެޗްޑީސީން ގެންދަނީ އާންމުންނަށް ދަތުރުފަތުރު ކުރަން ފަސޭހަ ގޮތްތަކެއް ވީހާވެސް އަވަހަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ދެވަނަ ފިޔަވައްސާއި ފުރަތަމަ ފިޔަވަހި ގުޅުވަން ހަދާފައިވާ ހަތަރު ބްރިޖުގެ ތެރެއިން އެއް ބްރިޖު އާންމު ދަތުރު ކުރުމަށް ވަނީ ހުޅުވާލާފައި އެވެ.
ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓުތަކުގައި އަންނަ އަހަރު ކުރީ ކޮޅު މީހުންނަށް ދިރިއުޅެން ފެށޭވަރު ވާނެ ކަމަށް އެޗްޑީސީން ބުނެ އެވެ. ގިނަ މީހުން އާބާދުވާން ވާއިރަށް ދެވަނަ ފިޔަވަހީގައި ކުރަން ހަމަޖެހިފައިވާ އިތުުރު މަސައްކަތްތަކުގެ ދަށުން ދެ ސްކޫލް އަޅާނެ ބަޔަކު ހޯދަންވެސް މިދިޔަ މަހުގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީން އިއުލާނު ކުރި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް