ޝާހު މަރުގެ ޝަރީއަތް އަވަސްކޮށްދިނުމަށް އެދިއްޖެ

ތ. ގުރައިދޫ ގައި ދިރިއުޅޭ ބިދޭސީ ބައެއްގެ މެދުގައި ހިނގި މާރާމާރީގައި މަރުވި ޝަހު އަލޮމްގެ ޝަރީއަތް އަވަސް ކޮށްދިނުމަށް އެ މައްސަލައިގައި ދައުވާ އުފުލޭ ބާބުލް މިއާ ޝަރީއަތުގައި އެދިއްޖެ އެވެ. ޝާހު މަރ...

05 Nov 2020 | 06:50

ތ. ގުރައިދޫ ގައި ދިރިއުޅޭ ބިދޭސީ ބައެއްގެ މެދުގައި ހިނގި މާރާމާރީގައި މަރުވި ޝަހު އަލޮމްގެ ޝަރީއަތް އަވަސް ކޮށްދިނުމަށް އެ މައްސަލައިގައި ދައުވާ އުފުލޭ ބާބުލް މިއާ ޝަރީއަތުގައި އެދިއްޖެ އެވެ.

ޝާހު މަރާލާފައިވަނީ މިއަހަރުގެ މެއި މަހުގެ21 ވަނަ ދުވަހުގެ ދަންވަރު އެވެ. އެ މައްސަލައިގައި ބާބުލްއަށް ދައުލަތުން އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މިހާކު މެރުމުގެ ދައުވާ އެވެ.

ކްރިމިިނަލް ކޯޓުގައި މިއަދު ބޭއްވި ޝާހު މަރުގެ މައްސަލައިގެ އަޑު އެހުމުގައި ބާބުލް ބުނީ، ޝާހުގެ މަރާ ގުޅިގެން އޭނަ ހައްޔަރުކުރި ފަހުން އާއިލާ ދެ މީހެއް މަރުވެފައިވާ ކަމަށެވެ. އަދި އެ ދެ މީހުންގެ މޫނު ވެސް ފެނިފައި ނުވުމުން، ޝަރީއަތް އަވަސް ކޮށްދިނުމަށް އެދޭ ކަމަށެވެ. ތަރުޖަމާނެއްގެ އެހީގައި ވާހަކަ ދައްކަމުން ބާބުލް ބުންޏެވެ.

މިއަދުގެ އަޑު އެހުމަކީ ހެކިންގެ ހެކިބަސް ނެގުމުގެ ގޮތުން ބޭއްވި އަޑުއެހުމެކެވެ. އަޑު އެހުމުގައި ބާބުލްގެ ދިފާއީ ވަކީލު ވަނީ ކަންބޮނޑުވުންތަކެއް ފައުޅުކޮށްފަ އެވެ.

ދައުލަތުގެ ހަރަދުގައި ބާބުލްއަށް ހަމަޖެއްސި ވަކީލު ވިދާޅުވީ، އޭނަގެ މުވައްކިލާ މުއާމަލާތް ކުރެވޭނެ ގޮތް ދައުލަތުން ހަމަޖައްސައިދީފައި ނުވުމުން، އެކަން ހަމަޖައްސައިދިނުމަށް ގާޒީ ކައިރިން އެދިވަޑައިގެންފަ އެވެ. އަދި ތަރުޖަމާނަކާ ނުލާ ބާބުލްއާ މުއާމަލާތް ކުރަން އުދާގޫ ކަމަށާއި އެހެންކަމުން ބޭނުންވާ އެންމެ ފުރިހަމަ ގޮތުގައި ބާބުލްއާ މުއާމަލާތް ނުކުރެވޭ ކަމުގެ ކަންބޮނޑުވުން ވަނީ ފައުޅުކޮށްފަ އެވެ.

މީގެ އިތުރުން ޝާހުގެ މަރުގެ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ބައެއް ހެކިންނަކީ ބާބުލް ދިފާއުގައި ހުށަހަޅާފައިވާ ހެކިންނަށް ވުމުން މި މައްސަލަ އާއި ގުޅޭ ގޮތުން އޭނާ އާއި ތަރުޖަމާނެއްގެ އެހީއާއެކު މަޝްވަރާ ކުރުމަށް ވަގުތު ބޭނުންވާ ކަމަށް ވަކީލު ވަނީ ވިދާޅުވެފަ އެވެ.

ދިފާއި ވަކީލުގެ ވާހަކަތަކަށް ފަހު ދައުލަތުން ވިދާޅުވީ، ބައެއް ހެކިންގެ ހެކި ބަސް ވީހާވެސް އަވަހަކަށް ނަގަން ބޭނުންވާ ކަމަށެވެ. އަދި އެގޮތަށް ބޭނުން ވަނީ ދައުލަތުން ހުށަހަޅާ ހެކިންނަކީ ފިލައިގެން ހިނގައިދާނެ ހެކިންނަށް ވާތީ ކަމަށެވެ.

ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންނަނީ ބާބުލް އާއެކު އެއްގެއެއްގައި ދިރިއުޅޭ ބަންގްލަދޭޝް މީހުންނާއި ބާބުލް އާއީ ޝާހް އަލަމްގެ ރައްޓެހިންގެ ގޮތުގައި ތިބި ބަންގްލަދޭޝް މީހުނެވެ.

ދިފާއީ ވަކީލުގެ ވާހަކަތަކާ ގުޅިގެން ދައުލަތުން ވިދާޅުވީ، ދިފާއީ ވަކީލަށް ތަރުޖަމާނާއެކު ވަގުތު ދިނުމަށް އެއްވެސް އިއުތިރާޒެއް ނެތް ކަމަށާއި އަދި ހެކިންގެ ހެކިބަސް ދެން އޮންނަ މަޖިލީހަކު ނެގުމަށް އިއުތިރާޒެއް ވެސް ނެތް ކަމަށެވެ.

ދެ ފަރާތުގެ ވާހަކަ އަޑު އެހުމަށްފަހު ގާޒީ ވިދާޅުވީ، މިއަދުގެ ޝަރީއަތުގައި ހެކިބަސް ނުނަގާނެ ކަމަށެވެ. އަދި ހެކިބަސް ނަގާނީ ދެން އޮންނަ އަޑު އެހުމެއްގައި ކަމަށެވެ. އިތުރަށް ގާޒީ ވިދާޅުވީ، ބާބުލް ވަކީލު މައްސަލައަށް ފުރިހަމައަށް ތައްޔާރުވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މިއަދުގެ ޝަރީއަތުގައި ހެކިބަސް ނުނަގައި ދެން އޮންނަ އަޑުއެހުމެއްގައި ހެކިބަސް ނަގާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ދައުވާއަށް ބާބުލް މިއާގެ ވަކީލު ފުރިހަމައަށް ތައްޔާރުވުމަށް ވެސް އެ ދިވަޑައިގަތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް