މިރުހަކީ ތަރުކާރީގެ ބާވަތެކެވެ. ދުނިޔޭގެ ކޮންމެ ގައުމަކަށް ބެލިނަމަވެސް މިރުހަކީ އޭގެ ޑިމާންޑު އިންތިހާއަށް ބޮޑު އެއްޗެކެވެ. އަޅުގަނޑުމެންގެ ރާއްޖޭގައި ވެސް މިރުހަކީ ދިވެހިން ގިނައިން ބޭނުންކުރާ ފަސޭހައިން ލިބެން ހުންނަ ބާތަކަށް ވަނީ ވެފައެވެ. އަހަރެމެން ދިވެހިން ޒަމާނުއްސުރެ މިރުސް ބޭނުންކުރާ ގިނަ ގޮތްތަކެއް ހުރެއެވެ. އެގޮތުން އާންމުކޮށް ކުޅި ބާވަތުގެ ކޮންމެ ވައްތަރެއްގެ ކާއެއްޗެއް ތައްޔާރުކުރި ނަމަވެސް މިރުސް ބޭނުންކުރެއެވެ.
ކަން މިހެން ހުރިނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ހީވެފައި އޮންނަ ގޮތުގައި މިރުހަކީ ހަށިގަނޑަށް އެކަމުގެ ނޭދެވޭ އަސަރު ކުރުވާ ކަމެކެވެ. އެހެންނަމަވެސް މިރުސް ކެއުމަކީ ހަށިގަނޑަށް ސިއްހީ ގޮތުން އެތައް ފައިދާއެއް ލިއްބައިދޭ ކަމެއްކަން އެންމެ ފަހުގެ ދިރާސާތަކުން މިވަނީ ދައްކާފައެވެ. އެގޮތުން މިރުހަކީ މީގެއިން ހަކަތަ،ފައިބާރ،ޕުރޮޓީން،ފެޓް އަދި ވިޓަމީންސް ގިނަ އަދަދަކަށް ލިއްބައިދޭ ބާވަތެކެވެ.
މިރުސް ކެއުމަކީ ބަރުދަން ލުއި ކުރުމަށް ވެސް އެހީތެރިވެދޭ ކަމެކެވެ. އެގޮތުން މިރުސް ކެއުމުން، މެޓަބޮލިޒްމް އަވަަސްކޮށްދެއެވެ. އަދި މިކަމުގެ ސަބަބުން ބަރުދަން ލުއިކުރުމަށް އިތުރު އެހީއެއް ލިބިގެންދެއެވެ. އެހެންކަމުން ބަރުދަން ލުއި ކުރަން ބޭނުންވާނަމަ، މިރުސް ކެއުން ގިނަކޮށްލާށެވެ. އެހެންނަމަވެސް މާ ގިނައިން މިރުސް ކެއުމަކީ ހަށިގަނޑަށް ގެއްލުން ލިބިދާނެ ކަމެއްކަން ހަނދާނުގައި ބެހެއްޓުމަކީވެސް މުހިއްމު ކަމެކެވެ.
އާދަކޮށް މިރުސް ކެއުމަކީ، ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދޭ ކަމެކެވެ. އެގޮތުން އާއްމުކޮށް މިރުސް ކާނަމަ، ހާޓް އެޓޭކް އަދި ހާޓް ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.
އެމެރިކަން އެސޯސިއޭޝަން ފޮރ ކެންސަރ ރިސާޗްއިން ދާދި ފަހުން ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި، ގިނައިން މިރުސް ކާ މީހުންނަށް ކެންސަރު ޖެހުމުގެ ފުރުސަތު ކުޑައެވެ. މިރުހުގައި ހުންނަ ބައެއް މާއްދާތަކަކީ ކެންސަރ ސެލްތައް މަރާލާ އެއްޗެއްކަން އެދިރާސާއިން ވަނީ ދައްކާފައެވެ.
މީގެ އިތުރުން މިރުހަކީ ހުޅުތައް ދުޅަވުން ފަދަ ކަންކަމާއި ވިދިގެން އުފެދޭ ދުޅަ ތިރިކޮށްދޭ އެއްޗެކެވެ. އަދި މިއީ ތަދުފިލުވާދޭ އެއްޗެކެވެ. މިރުސް ބޭނުންކުރުމުން ދުޅަތިރިކޮށްދީ، ތަދުކަނޑުވައިދެނީ އޭގައި ހިމެނޭ “ކެޕްސައަސިން” ގެ ސަބަބުންނެވެ.
މިރުހަކީ ވިޓަމިން ސީ އިން މުއްސަދި އެއްޗެކެވެ. ގަވާއިދުން ވިޓަމިން ސީ ހިމެނޭ ކާނާ ބޭނުންކުރުމަކީ ބަލިތަކުން ދުރުކޮށްދީ، ފްރީ ރެޑިކަލްތަކުގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުން ކުޑަކޮށޮދޭނެ ކަމެކެވެ.
މިރުހުގައި ވިޓަމިން އޭ އަދި ވިޓަމިން ސީ ފަދަ މުހިއްމު ވިޓަމިންތައް ހުރެއެވެ. ވިޓަމިން އޭ ލޮލުގެ ފެނުމަށް އެހީތެރިވެދޭއިރު، ވިޓަމިން ސީ އަކީ ލޯފުސްވުމުން މިންޖުކޮށްދޭ މާއްދާ އެކެވެ. މިރުހުގައި ގިނަ އަދަދަކަށް ކެލްސިއަމް ހުންނަކަން ފާހަގަ ކުރެވެއެވެ. ކެލްސިއަމް އަކީ ކަށިތަކާ ދަތްތައް ވަރުގަދަކޮށްދޭ މާއްދާ އެކެވެ.
ދިރާސާތަކުން ދައްކާގޮތުގައި މިރުހުގެ އެކި ބާވަތްތަކުގެ ތެރެއިން ސިއްހީ ގޮތުން އެންމެ ގިނަ ފައިދާތައް ހަށިގަނޑަށް ލިއްބައިދެނީ ފެހި މިރުހުންނެވެ. އެހެންކަމުން ކެއުން އެންމެ ރަނގަޅީ ފެހި މިރުހެވެ. ފެހި މިރުހުގައި ގިނަ އަދަދަކަށް ވިޓަމިސް ސީ އެކުލެވިގެންވެއެވެ. އޭގެ ސަބަބުން، ލޮލުގެ ފެނުން ރަނގަޅުކޮށްދެއެވެ. އަދި ގައިގެ ހަން ރީތި ކޮށްދިނުމުގެ އިތުރަށް، ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަ ކޮށްދިނުމަށްވެސް ފެހި މިރުސް އެހީތެރި ވެދެއެވެ.
މީގެ އިތުރުން، ފެހި މިރުހުގައި އެކުލެވިގެންވާ އެންޓިބެކްޓީރިއަލް މާއްދާތަކުގެ ސަބަބުން، ހަމަށް ޖެހޭ އިންފެކްޝަންތަކުން މީހާ ސަލާމަތް ކޮށްދެއެވެ. މިނޫނަސް ގިނަ ފައިދާތަކެއް މިރުސް ކެއުމުން ހަށިގަނޑަށް ލިބެއެވެ. އެހެންކަމުން އާއްމުކޮށް މިރުސް ކެއުމަކީ، ކުރެވޭ ވަރަށް ރަނގަޅު ކަމެއްކަމަށްދިރާސާތަކުންދައްކައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް