ޔޫއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި ރޭ ޖަރުމަންގެ އާރްބީ ލެއިޕްޒިގް އަތުން ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ ބަލިވެއްޖެއެވެ.
ރެޑްބުލް އެރީނާގައި ލެއިޕްޒިގްއާއި ދެކޮޅަށް ރޭ ކުޅުނު މެޗުން ޕީއެސްޖީ ބަލިވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ޕީއެސްޖީގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިގެން ނުދިޔަނަމަވެސް މި މެޗގެ ފުރަތަމަ ލަނޑު ޖަހާ ލީޑުނެގީ އެޓީމުންނެވެ. މެޗު ފެށިގެން ހަވަނަ މިނެޓުގައި މިލަނޑު ޕީއެސްޖީއަށް ޖަހައިދިނީ އެންޖެލް ޑިމާރިއާއެވެ. މިލަނޑަށްފަހު ވެސް ޕީއެސްޖީއަށް ލީޑު ފުޅާކޮށްލުމަށް ވަނީ ޕެނަލްޓީއެއް ވެސް ލިބިގެން ގޮސްފައެވެ. ނަމަވެސް ޑިމާރިއާ ފޮނުވާލި މި ޕެނަލްޓީ ލެއިޕްޒިގްގެ ކީޕަރު ވަނީ ދިފާޢުކޮށްފައެވެ.
ލެއިޕްޒިގްގެ ފުރަތަމަ ލަނޑުޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެންދަނިކޮށް މެޗުގެ 41 ވަނަ މިނެޓުގައި ކްރިސްޓޮފާ ކުންކޫ އެވެ. މެޗުފެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު، ދެޓީމު އެއްވަރުގަ އޮތް ނަމަވެސް، މެޗުގެ ފަހު ހާފު ފެށިގެން 57 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ލެއިޕްޒިގް ވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެމިލް ފޯސްބާއެވެ.
ރޭގެ ބައްޔަކީ މިސީޒަންގެ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ ވި ދެވަނަ ބައްޔެވެ. ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޕީއެސްޖީ އޮތީ ގްރޫޕްގެ ތިންވަނާގައެވެ. އެއްވަނާގައި އޮތް މެންޗެސްޓާރ ޔުނައިޓެޑަށާއި ދެވަނަގައި އޮތް ލެއިޕްޒިގަށް ޖުމްލަ ހަ ޕޮއިންޓް ލިބިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް