ޔޫއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި ރޭ ޑައިނަމޯ ކިއޭވް އާއި ދެކޮޅަށް ކުޅުނު މެޗުން ހަނިގޮތަކަށް ބާސެލޯނާ މޮޅުވެއްޖެއެވެ.
ބާސެލޯނާގެ އަމިއްލަ ދަނޑުގައި ރޭ ކުޅެވުނު މިމެޗުން ބާސެލޯނާ މޮޅުވެފައިވަނީ 1-2 ގެ ނަތީޖާއަކުންނެވެ.
ބާސެލޯނާއިން ރަނގަޅު ކުޅުމެއް މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑުނެގީ ވެސް ބާސެލޯނާއިންނެވެ. މެޗުގެ ފަސްވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ ކެޕްޓަން މެސީއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. މިޕެނަލްޓީ ކާމިޔާބުކުރީވެސް މެސީއެވެ. މިއީ މިސީޒަންގެ ޗެމްޕިއަންސް ލީގުގައި މެސީ ކާމިޔާބު ކުރި ތިންވަނަ ލަނޑެވެ.
މި ލަނޑަށް ފަހުވެސް ބާސެލޯނާއަށް ލީޑު ފުޅާކުރުމަށް ގިނަ ފުރުޞަތުތަކެއް ލިބުނު ނަމަވެސް ފުރަތަމަ ހާފުު ނިމުނީ އިތުރު ލަނޑެއް ނުފެނި އެއް ލަނޑުގެ ލީޑެއްގައި ބާސެލޯނާ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފަށް ކުޅެން ނިކުމެ، މި ހާފުގެ ކުރީކޮޅު ޑައިނަމޯ ކިއޭވް އަށް ލަނޑު ޖަހާނެ ރަނުގެ ދެ ފުރުޞަތު ލިބިގެންދިޔައެވެ. ނަމަވެސް މި ހަމަލާތަކުގެ ހުރަހަކަށް ވީ ބާސެލޯނާގެ ގޯލް ކީޕަރު ސްޓެގަންއެވެ.
ބާސެލޯނާއިން ދެވަނަ ހާފުގައި ލީޑު ފުޅާކޮށްފައިވަނީ ޖެރާޑު ޕީކޭ ކާމިޔާބުކޮށްދިން ލަނޑަކުންނެވެ. މެޗުގެ 65 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ އަންސޫ ފާޓީގެ ހުރަހަކުން ޕީކޭ ބޮލުން ކާމިޔާބުކޮށްދިން ލަނޑެކެވެ. ވިކްޓަރ ސިގަނޯފް ވަނީ ލަނޑެއްޖަހައި ޑައިނަމޯއަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.
ރޭގެ މޮޅާއެކު ކުޅުނު ތިން މެޗުންވެސް މޮޅުވެ، ބާސެލޯނާއިންވަނީ ގްރޫޕްގެ އެއްވަނަ ދިފާޢުކޮށްފައެވެ. ދެވަނާގައި 6 ޕޮއިންޓާއެކު ޔުވެންޓަސް އުޅޭއިރު، ތިންވަނާގައި އޮތް ޑައިނަމޯއަށާއި، ހަތަރުވަނާގައި އޮތް ފެރެންކްވަރޯއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް