ކޮލަމް ކުލަ: ބިރުވެރި މަންޒަރުތަކެއް، ހައްލެއް ނެތް!

އަނެއްކާވެސް މާރާމާރީ އާއި ވައްކަމާއި ފޭރުމުގެ ދުވަސްވަރެކެވެ. ކޮވިޑުގެ ބަލިމަޑުކަމުގެ ތެރެއިން މިފަދަ ގޭންގު ކުށްތައް މަދުވެފައި އޮންނަތާ ދުވަސްތަކަކަށް ފަހު އެއް ފަހަރާ ދެ ހާދިސާ އެވެ. ޅަ ފުރާގެ ކުދ...

05 Nov 2020 | 02:38

އަނެއްކާވެސް މާރާމާރީ އާއި ވައްކަމާއި ފޭރުމުގެ ދުވަސްވަރެކެވެ. ކޮވިޑުގެ ބަލިމަޑުކަމުގެ ތެރެއިން މިފަދަ ގޭންގު ކުށްތައް މަދުވެފައި އޮންނަތާ ދުވަސްތަކަކަށް ފަހު އެއް ފަހަރާ ދެ ހާދިސާ އެވެ. ޅަ ފުރާގެ ކުދިބަޔަކު ހިންގި ބޮޑު ދެ ކުށެކެވެ.

އެއް ހާދިސާ ހާމަވެގެން ދިޔައީ، މިދިޔަ ހަފްތާފައި އާއްމުވި ވީޑިއޯއަކުންނެވެ؛ މާލޭގައި ހުންނަ ރެޑްވޭވްގެ ގުދަނަކަށް ގޭންގެއްގެ ބަޔަކު ވަދެ އެ ތަނުގައި ހުރި ވަރަށް ގިނަ ތަކެއްޗަށް ގެއްލުންދީ، ތަނުގެ ބިދޭސީއަކާ މާރާމާރީ ހިންގި މަންޒަރު ފެންނަ ވީޑިއޯ އެކެވެ. ޖެހިލުމެއް ނެތި ރޯމާދުވާލު އެތައް ބައެއްގެ ކުރިމަތީގަ އެވެ. މަރުތޭލަ އާއި ދަގަނޑުބުރިން ހަމަލާދީ، ބައެއްގެ އަގުބޮޑު މުދަލަށް ގެއްލުން ދިނީ އެންމެންގެ ކުރިމަތީގަ އެވެ. އެ ސަރަހައްދުގައި އުޅުނު އެންމެން ތިބީ ބިރުން ގޮތްހުސްވެފަ އެވެ.

މީގެ ދެވަނަ ހާދިސާއަކީ މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ބޭންކް އޮފް ސިލޯން ކުރިމަތިން، ބޭންކަށް ޖަމާކުރަން ގެންދިޔަ ފައިސާ ފޮށިގަނޑަކަށް އަމާޒުކުރި ހަމަލާ އެވެ. ރޫޓު ފިހާރައިގެ އެ ފައިސާ ފޮށި ފޭރިގަންނަން އުޅުނީ ދެ ސައިކަލެއްގައި ދިޔަ ހަތަރު މީހަކު ވެގެންނެވެ. ތޮށްޖެހިފައިވާ މާލޭގެ އެންމެ ކާރޫބާރޫ ބޮޑު މަގުގައި، ދުވާލު މެންދުރު އެންމެ މީހުން ގިނަ ގަޑީގަ އެވެ. އެއްވެސް ބިރެއް، ޖެހިލުމެއް ނެތި އެވެ. މި ހާދިސާގައި ވެސް އެ ހިސާބުގައި ތިބި ގިނަ އާއްމުންނަށް އަވަސްވެގަނެވުނީ އަމިއްލަ ފުރާނަ އަތްމައްޗަށްލައިގެން، އަވަހަށް އެ ތަނުން ދުރަށް ވީހާ ވެސް ދުރަކަށް ދިއުމަށެވެ.

އެންމެން ވެސް މި ދެ ހާދިސާއާ މެދު ކަންބޮޑުވުން ފާޅުކުރި އެވެ. އެކަމަކު، އެއް ބަޔަކަށް ގޯސްވީ އެ ސަރަހައްދުގައި ތިބި އާއްމުންނެވެ. އެ ގޭންގުތަކަށް ހުރަސް އަޅަން އެ ތަނުގައި ތިބި މީހުން ކަމެއް ނުކުރުން އެއީ މައްސަލައެއްގެ ގޮތުގައި ފާހަގަކުރި އެވެ.

އެކަމަކު، ހަގީގަތަކީ ގޭންގުތައް ދެކެ އާންމުން ބިރުގަނެ އެވެ. އަމިއްލަ ނަފްސަށް ހަމަލާއެއް އަރާފާނެތީ އެވެ. ހަމަ އެއާ އެކު، ގިނަ މީހުންނަށް ވިސްނިފައި އޮންނަނީ ވެސް، ގޭންގުތަކަށް ކޮންމެވެސް ގޮތަކުން ހިމާޔަތް ލިބޭ ކަމެވެ. ސިޔާސީ ޕާޓީތަކާއި ސަލާމަތީ ބާރުތަކާއި، ނުވިތާކަށް ކޯޓުތަކުގެ ތެރޭގައި ވެސް ގޭންގުތަކަށް ހިމާޔަތްދޭ ބަޔަކު އަބަދު ވެސް ތިބޭކަން އެއީ "އެންމެން ދަންނަ ބޮޑު ސިއްރެކެވެ". ބައެއް ފަހަރަށް ގޭންގެއްގެ މީހަކު ހައްޔަރު ވެސް ނުކުރެވެ އެވެ. ހައްޔަރު ކުރެވުނަސް، ދައުވާކުރެވޭ ހިސާބަށް މައްސަލަ ދިޔަކަ ނުދެ އެވެ. ދައުވާކޮށްފި ނަމަ، ކޯޓުތެރެއިން ކޮންމެވެސް ގޮތަކުން ދޫވާނެ އެވެ. ހުރިހާ ލެވެލްއެއްގައި ވެސް ގޭންގުތަކަށް އޮންނަނީ ހިމާޔަތެވެ!

ކޮންމެ ފަހަރަކު ވެސް ގްރޫޕު މާރާމާރީ އާއި ހަމަނުޖެހުންތައް އިތުރުވުމާ އެކު، އެއް ބަޔަކު އަނެއް ބަޔަކަށް އިނގިލި ދިއްކުރަން ފަށަ އެވެ. ސަރުކާރުން ޒިންމާ އިން ރެކެން ކުރެވޭނެހާ ކަމެއް ކުރެ އެވެ. އިދިކޮޅު ފަރާތްތަކުން ކުރަނީ އެ މީހުންގެ ރަސްމީ މަސައްކަތެވެ؛ އެކަން ވެސް ހަމައެކަނި ސަރުކާރުގެ ބޮލަށް ކަނޑާލުމެވެ. ފުލުހުން ގޯސް ކުރުމެވެ. ކަމާ ބެހޭ ވެރިންގެ އިސްތިއުފާ އަށް ގޮވުމެވެ.

ކޮންމެ ބައެއްގެ މައްސަލައަކުން ވިޔަސް، ރާއްޖޭގައި ގޭންގުތައް އުފެދި މި ވަނީ ރަނގަޅަށް ވެސް ވަކި ހިއްޕާލާފަ އެވެ. ޅަކުދިންގެ ވިސްނުން ގޭންގުތަކާ ދިމާލަށް އެނބުރެން ޖެހޭ ސަބަބުތައް ގިނަ އެވެ. އިޖުތިމާއީ މައްސަލަތަކުގެ ތެރޭގައި އެ ކުދިން ތާށިވުމަކީ އެ ކަމުގެ ބިންގާ ކަމަށް ބުނެވި ދާނެ އެވެ. ތޮއްޖެހިފައިވާ މާލޭގައި އުޅެން މަޖުބޫރުވުމުން ނުއުފެދި ނުދާނެ މައްސަލަތަކުގެ ތެރޭގައި އެ ކުދިން އެ ތިބީ ޣަރަގު ވެފަ އެވެ. އަލިފާން ފޮއްޓެއް ކަހަލަ ކުދިކުދި ތަންތަންކޮޅުގައި އުޅެން ޖެހުމުން ދެން ނުކުންނަން ޖެހެނީ މަގުމައްޗަށެވެ. ރައްޓެއްސަކާ ދިމާކޮށްލަން ވިޔަސް ނޫނީ ލޯބިވެރިޔާއާ އެއްކޮށް ވަގުތު ހޭދަކޮށްލަން ވިޔަސް އެ ނޫން ގޮތެއް ނޯވެ އެވެ. އަބަދު ކޮފީ އަށް އަރާނެހާ އަތްމަތި ތަނަވަސް ނުވުމުން ތިބެން ޖެހެނީ ކަންކަން މަތީގަ އެވެ. އެހެން ނުކުމެ އުޅުމުގެ ތެރޭގައި ދިމާ ވަނީ ގޭންގުތަކުގެ މީހުންނާ އެވެ. އެ ކުދިންގެ ޅަ ސިކުނޑިތަކަށް އެ ހިސާބުން ސަވާރު ވާން ފަށަ އެވެ.

ގޭންގުތަކުގެ ލީޑަރުން އެ މީހުންގެ އަމިއްލަ ބޭނުމަށް ޅަކުދިންގެ ސިކުނޑި ތަކާކުޅެ، އެ ވަސްވާސްތަކުގައި އެ ކުދިން ޖެހިގެން ގޮސް، މުޅި ހަޔާތް ބަރުބާދުވެގެން ދާއިރު، އެ ކަމުގެ އަސަރު މުޅި މުޖުތަމައަށް ފޭދިގެން ނުދާނެކަން ޔަގީން ކުރުން އެއީ މުޅި ދައުލަތުގެ ޒިންމާއެކެވެ. ރާއްޖޭގެ ހާލަތު ގޯހުން ގޯހަށް ދިޔައިރު، އެ މަސްއޫލިއްޔަތު މިހާތަނަށް އަދާ ކުރެވިފައެއް ނެތެވެ. މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ފަރުވާ ދޭ ނިޒާމު ވަނީ ވިއްސިވިހާލި ވެފަ އެވެ. ގޭންގުތަކަށް ޒުވާން ފުރައިގެ ކުދިން ލެނބޭ ސަބަބުތައް ނައްތާލަން މަސައްކަތް ކުރާނެ ކަމަށް ކޮންމެ ކެމްޕޭނެއްގައި ހުރިހާ ޕާޓީއަކުން ވައުދުވިޔަސް، އެ ކަމަށް އަމަލީ ސިފައެއް ގެނައުމުގެ ބަދަލުގައި ފެންނަނީ އިޖުތިމާއީ އެ މައްސަލަތައް ބޮޑު ވާން ދޫކޮށްލާ ތަނެވެ. ގޭންގު ކުށްތައް ހުއްޓުވަން އުޅެއުޅެ ވެސް އެކަމެއް ނުވި އެވެ. އެކަމަކު، ކުރަން ބޭނުންވާ އެހެން ހުރިހާ ކަމެއް ކޮންމެ ސަރުކާރަކުން ވެސް ކުރެ އެވެ.

ސިޔާސީ ކަންކަމުގައި މުޅި ގައުމު އަރައިރުން ވާން ތިއްބާ ކުށުގެ އަވައިގައި ޖެހި ޖީލެއް ހަލާކުވެގެން މިއޮށްގެން ދަނީ އެވެ. ރޯމާ ދުވާލު ގޭންގުތަކުން އާންމުންގެ ތެރޭގައި އެކޮށްލާ ކަންކަން އެއީ ވަރަށް ބޮޑު ހިމާޔަތެއް އެ މީހުންނަށް އޮތީމަ ކުރެވޭ ކަންކަން ކަމާ މެދު ޝައްކެއް ނެތެވެ. އެ ހިމާޔަތް ނުދޭ ހިސާބަށް ކަންކަން ގޮސް، ޅަ ޖީލު ސަލާމަތްކުރެވޭނެ މަގެއް ހޯދަންޖެހެ އެވެ. އެހެން ނޫނީ، ރާއްޖެ އަކީ "ލޯލެސް" ގައުމަކަށްވުން އޮންނާނީ މާ ދުރަކު ނޫނެވެ!

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް