ހިނގާދިޔަ ކަންތަކަށްފަހު ޒާރާގެ މޫޑު މުޅިން ބަދަލުވެއްޖެއެވެ. އިމްރާނަށް އެކަން ފާހަގަކުރެވޭތީ ތަކުރާރުކޮށް ޒާރާ ކުރެން އަހައިފިއެވެ. ޒާރާ ބޭނުންވީ އިމްރާނަށް ހަޤީގަތް ކިޔާދޭށެވެ. ނާޒިމާ އަކީ ޒާރާގެ މަންމަ ނޫންކަން ބުނެދޭށެވެ. އެކަންތައް ވީގޮތް ފެށުނީއްސުރެ ނިޔަލަށް އިމްރާނަށް ޒާރާ ކިޔައިދިނެވެ. ބައްޕަގެ ހިތްދަތި މާޒީ އާއި ޒާރާއާ މެދު ނާޒިމާ ކަންތައްކުރި އިހާނެތި ގޮތްތަކެވެ. އެހެންނަމަވެސް އެ ހުރިހާ ކަމެއް އިމްރާން މަންމައަށް އަންގާކަށް ޒާރާވެސް އަދި އިމްރާނުވެސް ބޭނުމެއް ނުވިއެވެ. އިތުރު ހިތްހަމަނުޖެހުމެއް ދެއާއިލާ މެދުގައި އޮންނަން ބޭނުން ނުވާތީއެވެ.
ޒާރާގެ ފަރާތުން އިވުނު ވާހަކަތަކާ ނާޒިމާގެ ހަރަކާތްތައް ގުޅުވާލެވުމުން އިމްރާންގެ ހިތް ބިރުގަންނަންފެށިއެވެ. ޒާރާގެ ދެމައިންނަށް ކުޑަނަމަވެސް ގެއްލުމެއް ލިބޭތަން ދެކޭކަށް އިމްރާންގެ ހިތަކަށް ކެތެއް ނުވާނެއެވެ.
ހުކުރު ދުވަހެއްގެ މެންދުރު ކެއުމުގެ ވަގުތެވެ. އެންމެންތިބީ ކާމޭޒު ކައިރީގައެވެ. ހަސީނާ ތަށިމަތި ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުން ދިޔައެވެ. ޒާރާއަށް މީރުވެގެން ހަދާފައިހުރި ބިރިޔާނީ ޒާރާގެ ތައްޓަށް އަޅައިދިނީ އިމްރާނެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ.
''ކޮބާ........ދަރިފުޅު ވިހަން ދާނެތަނެއް ދަރިފުޅުމެން ނިންމައިފިންތަ.....'' އަލިބެ ބަލާލީ ޒާރާގެ މޫނަށެވެ. އިމްރާން ގާތުގައި އެވާހަކަ އެ ދެމަފިރިން ދައްކާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ޒާރާއަށް އަތް ޖައްސާލެވުނީ ހަތްމަހަށްދާ އޭނާގެ ބަނޑުގައެވެ. ދަރިފުޅު އެވަގުތު ތޮޅެލި ކަމުގެ އިހްސާސް ކުރެވުމުން ބޭއިޚްތިޔާރުގައި އަތްޖައްސާލެވުނީއެވެ. އަމިއްލައަށް ތަޖުރިބާ ކުރެވުމުން ނޫނީ އެއީ ކިހާ އުފާވެރި އިހްސާސެއް ކަމެއް ނޭނގޭނެއެވެ. ކިހާވަރެއްގެ އުފާވެރިކަމެއް އެ އިހްސާސުން ހިތަށް ލިބިދޭހެއްޔެވެ. ދަރިފުޅު ބަނޑުން ތޮޅެލާ ކޮންމެ ފަހަރަކު ޒާރާގެ ކެތްތެރިކަން ކޮޅުންލައެވެ. ދަރިފުޅު އަމިއްލަ ލޮލުން ދެކިލުމުގެ އެދުން ހިތުގައި އާވެގަނެއެވެ.
''އިމްރާން......ދަރިފުޅުމެން އަދިވެސް ގޮތެއް ނުނިންމަންތަ......'' ސަރީފާ އިމްރާންގެ ތައްޓަށް ޖޫސް އަޅައިދެމުން ބުންޏެވެ. އިމްރާން އިންތިޒާރު ކުރަމުން އައި ވަގުތު ޖެހުނީކަން އޭނާއަށް އެނގުނެވެ. އެވާހަކަ އަލުން ދައްކަން މިއީ އެންމެ ރަނގަޅުވަގުތެވެ.
''އެންމެފުރަތަމަ މާލެ ބަދަލުވާންވީ...... މިހާރު ހަދަންފެށި ގެ ވެސް އެހެރީ ނިމިފަ .....އެހެންނޫނަސް ޒާރާ ރަނގަޅު ޑޮކްޓަރަކަށް ދެއްކޭނީވެސް މާލޭގަ ތިބެގެންނު........މަންމަ ނުވޭވިއްޔަ މިކޮޅަށް އައިގޮތަށް ދާހިތެއް....... ދޯ ބައްޕާ.....'' އިމްރާން ނިކަން މޮޅަށް އޭނާ ބޭނުންވާގޮތް ހުށައެޅިއެވެ. ކުރިން އެވާހަކަ ދެއްކި ދުވަހުވެސް، ހަދަންފަށާފައިވާ ގެ އެއްކޮށް ނުނިމޭތީ ކަމަށްބުނެ ސަރީފާ އެރަށުން ދާން އިންކާރު ކުރިއެވެ. ސަބަބަކީ ރައްފުށުގެ ދިރިއުޅުން މާބޮޑަށްވެސް ސަރީފާއަށް ކަމުދަނީއެވެ. މާލޭގެ ކާރޫބާރޫ ބޮޑު، ހަލަބޮލި މާހައުލަށްވުރެ ރަށްފުށުގެ ހަމަހިމޭން މާހައުލު ކިތައްމެހާވެސް ސަރީފާއަށް ކަމުދެއެވެ.
''ދަރިފުޅު ތިބުނީ ވަރަށް ރަނގަޅު ވާހަކައެއް....... ރަނގަޅު ޑޮކްޓަރުން ތިބީ މާލޭގަ...... އެހެންނޫނަސް މިހާރު ރަނގަޅުވާނީ ޒާރާ މާލޭގަ އިނުން...... '' އަލިބެ ވާހަކަދެއްކީ އިމްރާންގެ ވާހަކައަށް ބާރުލިބޭގޮތަށް ކަމަށް ވުން އެއީ އިމްރާނަށް ލިބުނު ވަރަށްބޮޑު ހިތްހަމަޖެހުމަކަށް ވިއެވެ.
''ދެން ދަރިފުޅުމެން ބޭނުންގޮތެއް ތީގަ އޮންނާނީ...... މާލެ ބަދަލު ވިޔަސް މި ގެ ވިއްކާ ނުލާ ބަހައްޓަންވާނެ..... މަންމަ ދޭތެރެ ދޭތެރެއިން އަންނާނަން މިރަށަށް....... އެހެން ނޫނަސް ޒާރާ ވެސް ހިތްހަމަޖެހޭނެ މިރަށުގަ ގެއެއް ހުރީމަ..... ނޫންތަ ދަރިފުޅާ.......'' ސަރީފާ ޒާރާއަށް ބަލާލީ ނުހަނު ލޯބިންނެވެ. އިމްރާނާ ޒާރާ ކައިވެނި ކުރީއްސުރެ މިއަދާ ޖެހެންދެންވެސް ސަރީފާގެ ފަރާތުން ލިބެމުންދާ އަޅާލުމާ ލޯތްބަކަށް އެއްވެސް ބަދަލެއް ނާދެއެވެ. މުދަލާ ފައިސާ ކިތަންމެ ގިނަކަމުގައިވިޔަސް ސަރީފާގެ ކިބައިން އެއްވެސް ބޮޑާކަމެއް، ކިބުރުވެރިކަމެއް ނުފެނެއެވެ.
''މަންމަމެން ބޭނުންގޮތެއް ....... ދަންޏާ ދާން ޖެހޭނެ ބަނޑަށް އަށްމަސް ނުވަނީސް..... އެހެންނޫނީ އުނދަގޫވާނެ ....... ނަރުހެއް ނެތި ހިޔެއްނުވޭ އޭރުން ދަތުރު ކުރެވޭނެ ހެނެއް..... އެހެންނޫނަސް ފުރަތަމަފަހަރު ވީމަ ޑޮކްޓަރުން ބުނެފައިވާ ދުވަހަށްވުރެ އަވަސްވެސް ވެދާނެ.......'' ޒާރާ އޭނާއަށް ލިބިފައިވާ އިލްމު ކިތަންމެ ރަނގަޅަކަށްވެސް ބޭނުންހިފައެވެ. މާބަނޑު ދުވަސްވަރު ކުރަންޖެހޭ ކަސްރަތުތައް ބަރާބަރަށް ކުރުމާއި ކެއުމުގައި ހިމަނަންޖެހޭ ބައިތައް، ދުވަހީ ކާނާގައި ހިމެނުމަށް ޒާރާ ސަމާލުކަން ދެއެވެ. ނަތީޖާއެއްގެ ގޮތުން ބަރުދަން ހުންނަންޖެހޭ އެންމެ ރަނގަޅު މިންގަނޑުގައި ހިފެހެއްޓެއެވެ.
މާލެއަށް ބަދަލުވާން ނިންމިހިސާބުން ފެށިގެން އިމްރާނުގެ ކުޑަކުޑަ އާއިލާ އެކަމުގެ ތައްޔާރީތައް ވާންފަށައިފިއެވެ. ފިހާރައިގެ ހުރިހާކަމެއް ޒައިދާ ހަވާލުކުރިއެވެ. ގެއާއި ގޯތިތެރެ ބަލަހައްޓަން ހަވާލުކުރާނެ މީހަކާ ދޭތެރޭގައި ގޮތެއް ނިންމުން އުނދަގޫވީ، އެކަމުގައި އިމްރާނާއި އިމްރާން މަންމަގެ ޚިޔާލު ތަފާތުވުމުންނެވެ. ސަރީފާ ބޭނުންވީ ގެއާއި ގޯތި ބަލަހައްޓަން ނާޒިމާ އާއި ހަވާލުކުރާށެވެ. އެހެންނަމަވެސް އިމްރާން އެކަމާ ރުހޭގޮތް ނުވުމުން އެންމެފަހުން ސަރީފާ އިމްރާން އެދޭގޮތަށް އެކަންވެސް ކުރަން ނިންމިއެވެ. ހަސީނާ އާއި ގެއާއި ގޯތި ހަވާލުކުރީ މަހު މުސާރައަށް އެކަން ކުރާގޮތަށެވެ. އެގޮތަކީ އިމްރާންވެސް އަދި ޒާރާވެސް ބޭނުންވި ގޮތެވެ.
ދުވަސްތައް ފާއިތުވަމުންގޮސް އެރަށުގައި އިމްރާނުގެ އާއިލާ މަޑުކުރާނެ އެންމެ ފަހު ދުވަހަށް އިރު އަރައިފިއެވެ. ދަތުރު އޮތީ ހަވީރުކަމުން، ހެނދުނުއްސުރެ ގޭތެރެ ފެންނަނީ ނުހަނު ހަލަބޮލިކޮށެވެ. ސަރީފާ ދަންނަ ގާތް މީހުން ހަދިޔާ ބަދިޔާ ހިފައިގެން ގެއަށް ޒިޔާރަތް ކުރަމުން ދިޔައެވެ. އަނެއްކޮޅުން އެއްޗިހި ޕެކްކުރުމާ ރައްކާ ކުރަންޖެހޭ އެއްޗިހި ރައްކާކުރުމުގެ ކަންތައްތައްވެސް ކުރިއަށް ދިޔައެވެ.
އެކި ކަންކަމުގައި އެހީތެރިވުމުގެ ނަމުގައި ނާޒިމާވެސް އެ ގޭތެރޭގައި ހަރަކާތްތެރި ވަމުން ދިޔައެވެ. ރަނގަޅު ދަނޑިވަޅަކަށް ބަލަމުން، ކަޅި އުކަމުން ދިޔައީ ޒާރާ އެކަނި ވާނެ ވަގުތަކަށް ކުރެވޭ އިންތިޒާރެއްގެ ބޮޑުކަމުންނެވެ. ނާޒިމާ ތަދުބީރުކުރި ހުރިހާކަމެއް ތަގުދީރުގެ އަތުން ފުޑުފުޑުވެ ވެއްޔާމޮޑެވިގެން ދާތަން ދެކެން ހަމަޖެހިލައިގެން ހުރެވޭނީ ކިހިނެއް ހެއްޔެވެ. ގިނަ ލާރިތަކެއް ލިބި، އަތްމަތި ތަނަވަސްވެ އެހެން ދިރިއުޅުމަކަށް ދެވިދާނެކަމަށް ކުރަމުންއައި ފޮނި އުންމީދުގެ ހުޅުކޮޅުތައް ނިވެމުން ކަނިވަމުން ދާތަން ފެންނަމުން ދަނީ ނާޒިމާ ހީވެސް ނުކުރާފަދަ ގޮތަކަށެވެ. އެންމެ ފަހުގެ ހުޅުކޮޅު ނިވުނަ ނުދޭން އޭނާ މަސައްކަތް ކުރާނެއެވެ. ޒައިދަށް ވިޔަފާރި ހަވާލު ކުރިނަމަވެސް އެއިން އެއްވެސް މިންވަރެއް ޒައިދަށް އަމިއްލަ ކޮށްދިންނަމަވެސް ނާޒިމާ އުފާވީހެވެ. އޭގެ ބަދަލުގައި އެމީހުންނަށް ހުރިހާ މަންފާއެއް ލިބޭގޮތަށް، ހުރިހާކަމެއް ޒައިދު އަމިއްލައަށް ބޮލުގައި އަޅައިގެން އެކަމާވެސް ނާޒިމާ އެހުންނަނީ ހިތްހަމަ ނުޖެހި ރުޅިއައިސް ކުދިކުދިވާ ވަރު ވެފައެވެ.
ޒާރާހުރީ ލޯގަނޑު ކުރިމަތީގައި ހުއްޓިލައިގެންނެވެ. އިމްރާނު ބޭރަށް ނިކުތީ ޒާރާ ތައްޔާރުވެލައިގެން ނިކުތުމަށް ބުނެފައެވެ. ދަނޑިވަޅުބަލަންހުރި ނާޒިމާ ވަގުތު ނަގާނުލާ ކޮޓަރިއަށް ދެމިގަތެވެ.
''ދަރިފުޅު ފުރަނީތަ......... މަންމަ ކަމަކު ކިޔަންކަމަށް........'' ނުހަނު ލޯބިން ޒާރާގެ މޫނަށް ބަލާލަމުން ނާޒިމާ އިސްޖަހާލިއެވެ.
''ބުނޭ.............'' ބުރުގާ ރަނގަޅުކޮށްލަމުން ޒާރާ ލޯގަޑުން ބަލާލީ ނާޒިމާގެ މޫނަށެވެ.
''ދަރިފުޅު ވިހަން ކައިރިވެފަ އިނީމަ ......... އެހާދުރަށް ދާތީ ދެރަވަނީ........ މިވަގުތު ދަރިފުޅާއެކު މަންމަ ނުގެންދިޔަސް ދަރިފުޅު ވިހަންވާއިރަށް މަންމަ ގެންދާށޭ ބުނަންވެގެން މިއައީ....... ބައްޕަވެސް ކިހާ ބޭނުންވާނެ ދަރިފުޅު ވިހަންވާއިރަށް މާލެދާން.......'' ނާޒިމާގެ އަޑުގައިވާ އިންތިހާ ދަރަޖައިގެ މޮޅިވެރިކަން ޒާރާއަށް ފާހަގަ ކުރެވުނެވެ.
''ދަރިފުޅާ ދޭތެރޭގައި މަންމައަށް ކަންތައް ކުރެވިފައިހުރީ މުޅިން ރަނގަޅަކަށް ނޫންކަން މަންމަވެސް ގަބޫލުކުރަން...... އެކަމަކު ދަރިފުޅަށްވެސް އެނގޭނެ މަންމަގެ ސަބަބުންކަން މިއަދު ދަރިފުޅަށް ތި އުފާވެރި ދިރިއުޅުން ލިބިފައި ތިއޮތީ....... މަންމަ ދެރަވޭ މިހާރު...... ޒާރާ ތުއްތު އިރުއްސުރެ މަޔަކުފަދައިން ބަލާ ބޮޑުކޮށް ގާބިލް ކުއްޖަކަށް ހަދާފައި ތިޔަހަރީ ހަމަ މަންމަގެ ވެސް ބުރަ މަސައްކަތުން.......އުންމީދުކުރަން ދަރިފުޅު މަންމައަށް........'' ނާޒިމާއަށް ރޮވިއްޖެއެވެ. އަޑުބެދި ދައްކަމުންދިޔަ ވާހަކަ ކުރިއަކަށް ނުގެންދެވުނެވެ.
ޒާރާގެ މަޑުމޮޅި ހިތަށް އެކަމުގެ ސަބަބުން އަސަރުކޮށްފިކަން ކަށަވަރެވެ. ބޭ އިޚްތިޔާރުގައި ނާޒިމާގެ ދެއަތުގައި ޒާރާއަށް ހިފަހައްޓާލެވެނެވެ. ނާޒިމާ އެބުނީވެސް ދޮގެއް ނޫނޭ ޒާރާގެ ހިތަށް އެރިއެވެ. ގޯސްމީހުންވެސް އިސްލާހުވެ ތެދުމަގަށް އެނބުރެއެވެ. ވީއިރު ނަޒިމާވެސް ބަދަލުވެދާނެއެވެ. އެ އަޑުގައި އެހުރީ މީގެކުރިން ދުވަހަކުވެސް ޒާރާއަށް ނާޒިމާގެ ފަރާތުން އިހްސާސް ކުރެވުނު އިހްސާސް ތަކެއް ނޫނެވެ. އެގޮތަށް ނާޒިމާ ދެރަވެ، އެއްވެސް މީހެއްގެ ކުރިމަތީގައި މީގެ ކުރިން އިސްޖަހާލާފައެއް ނުވެއެވެ. ނާޒިމާގެ ލޮލުން ކަރުނައެއް މީގެ ކުރިން ޒާރާ ނުދެކެއެވެ. އެ ދެލޮލުން މީގެ ކުރިން ފެނިފައިވަނީ ނަފުރަތާ ރުޅިވެރިކަން ކަމުގައި ވިޔަސް މިއަދު އެ ދެލޮލުން ޒާރާގެ ކުރިމަތީގައި ކަރުނަ އޮހޮރުވައިފިއެވެ. މަންމަ އަކަށްޓަކައި ދަރިއެއްގެ ހިތުގައި އުތުރި އަރާނެފަދަ އިހުސާސްތަކެއް ޒާރާގެ ހިތުގައި ނާޒިމާއަށްޓަކައި އުފެދިއްޖެއެވެ.
''ދަރިފުޅާ ...... ނުނިމޭތަ.......'' ޒާރާ ލަސްވެގެން ސަރީފާ އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. ނާޒިމާ ދެލޯފޮހެލީ ސަރީފާއަށް ދައްކަންކަމެއް ޒާރާއަށް އެނގޭނީ ކިހިނެއް ހެއްޔެވެ.
''އައްދެ.... ނާޒިމާ ...... ރޮނީތަ........ އެމަންޖެ ނާޒިމާއާ ދުރަށް ދާތީދޯ...... އެކަމާ ކަންބޮޑުވާނެ ކަމެއްނެތް އިރާދަކުރެއްވިއްޔާ ނާޒިމާ ނެތްކަމުގެ އިހްސާސް މަގޭ ޒާރާއަށް ވިޔަކަ ނުދޭނަން......'' ސަރީފާ ނާޒިމާގެ ކޮނޑުގައި އަތްޖައްސާލީ ނާޒިމާއަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. އެހެންނަމަވެސް ސަރީފާގެ އެ ހަރަކާތުގެ ސަބަބުން ނާޒިމާ އިތުރަށް ދެރަވެ ގިސްލެވޭގޮތްވިއެވެ.
''އަހަރެން ދެރަވަނީ އަހަރެންގެ މާމަދަރިފުޅު އުފަންވާއިރުވެސް ކައިރީގަ ނުހުރެވޭނެތީ...... '' ނާޒިމާ ގިސްލުމުގެ ތެރެއިން ވާހަކދެއްކީ ނިކަން އަސަރާއެކުގައެވެ.
''ނޫނޭ..... ތިހެން ވާނެތަ...... ނަޒިމާ ދާންވާނެ މާ ލަސްތަކެއްނުކޮށް...... އަހަރެން އެކޮޅަށްގޮސް ހަމަޔަކަށް އެޅުނީމަ ޓިކެޓް ފޮނުވާނަން.....'' ސަރީފާގެ ހަމްދަރުދީ ނާޒިމާ އުންމީދުކުރިގޮތަށްވުރެ މާ ފުރިހަމައަށް ލިބުނެވެ.
''މާލެގޮސް ޒާރާ އާ ވަކިން ކިހިނެތް އަހަރެން ހުންނާނީ.....'' ނާޒިމާ ދެލޯ ފޮހެލުމަށްފަހު ބަލާލީ ސަރީފާގެ މޫނަށެވެ.
'' ނާޒިމާ ކީއްވެ ވަކިން ހުންނަންޖެހޭނީ........ ޒާރާގެ ގެ ކުޑައެއް ނުވާނެ ނާޒިމާ ހުންނާކަށް..... ނާޒިމާ ބޭނުމިއްޔާ ދަރިފުޅަށް އަހަރުވަންދެންވެސް ހުރެވިދާނެ......'' ސަރީފާ އެބުނީ ކީކޭހެއްޔެވެ. ނާޒިމާ ވިސްނާލިއެވެ. ދިހަބުރީގެ ބޮޑުސިންގާ ގެއެއް ހުރިއިރު އެތަނުގައިވެސް ނާޒިމާއަށް ހުރެވެންވީ ވަކި މުއްދަތަކަށް ހެއްޔެވެ. އެތަނުން ތަންކޮޅެއް ދިނިއްޔާ ވާނީ ކީއްހެއްޔޭ ނާޒިމާގެ ހިތަށް އެރިއެވެ. އެބުނި އެއްޗަކުން ނާޒިމާގެ ހިތަށް ނުތަނަވަސްކަމެއް ވެރިވި ނަމަވެސް ހީކުރިވަރަށްވުރެ ފަސޭހައިން އޭނާގެ ރޭވުން ކާމިޔާބު ވުމުން އުފާކުރިއެވެ. ދެލޯ ފޮހެލަމުން ކޮޓަރިން ނިކުތީ އާއުންމީދުތައެއް ކުރަމުންނެވެ. ދޮރުން ބޭރަށް ނިކުމެވުމާއެކު މޫނުމަތީގައިހުރި އަސަރުތައް މުޅިން ބަދަލުވެއްޖެއެވެ. ތުންފަތްމައްޗަށް ވެރިވެގެންދިޔައީ މަކަރުވެރި ވިހަގަދަ ހިނިތުންވުމެކެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާ ރޭވުންތައް ވަނީ ހަމައެކަނި ނާޒިމާގެ ސިނކުޑީގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް