ޗެމްޕިއަންސް ލީގް: މޮރާޓާގެ ލަނޑުތަކާއި އެކު ޔުވެންޓަސް ފަސޭހަ މޮޅެއް ހޯދައިފި

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ ހަންގޭރީގެ ފެރެންކްވަރޮސް އާއި ވާދަކުރި މެޗު ފަސޭހަކަމާއި އެކު ކާމިޔާބު ކޮށް ގްރޫޕުގެ ދެވަނަގައި ހަމަޖެހިލައިފިއެވެ. ފެރެންކްވަރޮސްގެ ދަނޑުގައި ކުޅުނު މ...

04 Nov 2020 | 23:45

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ ހަންގޭރީގެ ފެރެންކްވަރޮސް އާއި ވާދަކުރި މެޗު ފަސޭހަކަމާއި އެކު ކާމިޔާބު ކޮށް ގްރޫޕުގެ ދެވަނަގައި ހަމަޖެހިލައިފިއެވެ.

ފެރެންކްވަރޮސްގެ ދަނޑުގައި ކުޅުނު މި މެޗު ޔުވެންޓަސްއިން ކާމިޔާބު ކުރީ 1-4 ގެ ނަތީޖާއަކުންނެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ މި މެޗުގައި ކުޅެފައިވާއިރު، މިއީ މި ސީޒަނުގައި ރޮނާލްޑޯ ކުޅުނު ފުރަތަމަ ޗެމްޕިއަންސް ލީގު މެޗެވެ. ޔުވެންޓަސްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، އެޓީމުން މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ މެޗުގެ 7 ވަނަ މިނެޓުގައެވެ. ކުއަޑްރާޑޯގެ އެހީތެރިކަމާއި އެކު މި ލަނޑު ޔުވެންޓަސްއަށް ކާމިޔާބު ކޮށްދިނީ މި މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި އަލްވާރޯ މޮރާޓާއެވެ.

މި ލަނޑާއި އެކު ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ޔުވެންޓަސްއިން ނިންމާލިއިރު، އެޓީމުގެ ދެވަނ ލަނޑު ޖަހާ ލީޑު ފުޅާކުރީ މެޗުގެ 60 ވަނަ މިނެޓުގައި ފުރަތަމަ ލަނޑުވެސް ޖަހައިދިން އަލްވާރޯ މޮރާޓާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އޭނާ މި ލަނޑު ޔުވެންޓަސްއަށް ޖަހައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ ދިން ޕާހަކުންނެވެ. މެޗުގެ ތިންވަނަ ލަނޑު72 ވަނަ މިނެޓުގައި ޑިބާލާ ކާމިޔާބު ކޮށްދިންއިރު، ޔުވެންޓަސްގެ ހަތަރުވަނަ ލަނޑަކީ ފެރެންކްވަރޮސް ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

މި ގްރޫޕުގައި ރޭ ކުޅުނު އަނެއް މެޗަކީ ބާސެލޯނާ އަދި ޑިނަމޯ ކިއޭވް ބައްދަލުކުރި މެޗެވެ. މި މެޗު 1-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ބާސެލޯނާއެވެ.

މި ނަތީޖާތަކާއި އެކު ގްރޫޕް ޖީގެ އެއްވަނަ 9 ޕޮއިންޓާއި އެކު ބާސެލޯނާ އޮތްއިރު، ޔުވެންޓަސް އޮތީ 6 ޕޮއިންޓާއި އެކު ގްރޫޕުގެ ދެވަނާގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް