ސީގަލް ކެފޭގެ އައުޓްލެޓެއް ހުޅުމާލޭގައި ހުޅުވައިފި

މަޝްހޫރު ސީގަލް ކެފޭގެ އައުޓްލެޓެއް ފުރަތަމަ ފަހަރަށް މާލެއިން ބޭރުގައި ހުޅުމާލޭގައި ހުޅުވައިފި އެވެ. ހުޅުމާލޭ އައުޓްލެޓް ހުޅުވާފައިވަނީ ފޭސް އެކެއްގެ ފިތުރޯނު މަގުގައި ހުންނަ އައިރާ ރެސިޑެންސަސްގައި ...

05 Oct 2026 | 10:42
ހުޅުމާލޭ ސީގަލް ކެފޭ -- ފޮޓޯ: ސީގަލް ގްރޫޕް

ހުޅުމާލޭ ސީގަލް ކެފޭ -- ފޮޓޯ: ސީގަލް ގްރޫޕް

މަޝްހޫރު ސީގަލް ކެފޭގެ އައުޓްލެޓެއް ފުރަތަމަ ފަހަރަށް މާލެއިން ބޭރުގައި ހުޅުމާލޭގައި ހުޅުވައިފި އެވެ.

ހުޅުމާލޭ އައުޓްލެޓް ހުޅުވާފައިވަނީ ފޭސް އެކެއްގެ ފިތުރޯނު މަގުގައި ހުންނަ އައިރާ ރެސިޑެންސަސްގައި އެވެ. ސީގަލް ގްރޫޕުން ބުނީ ސީގަލް ކެފޭގެ އައުޓްލެޓެއް ހުޅުމާލޭގައި ހުޅުވުމަކީ އެ ބްރޭންޑުގެ ދިގު ތާރީހުގައި ހާސިލް ކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ.

ސީގަލް ގްރޫޕުގެ މާކެޓިން މެނޭޖަރު އާމިނަތު ޞަލާޙް ވިދާޅުވީ ސީގަލް ކެފޭއަކީ އެތައް ބައެއްގެ ދިރިއުޅުމާއި ހަނދާންތަކާއި ގުޅިފައިވާ ތަނެއް ކަމަށެވެ. އޭނާ ވިދާޅުވީ އެތައް އަހަރެއް ކުރިން ކުޑަކުދިންގެ ގޮތުގައި ސީގަލަށް ދިޔަ ކުދިން މިއަދު ބޮޑުވެ އާއިލާ ގޮވައިގެން އެ ކެފޭއަށް ދާއިރު އުންމީދު ކުރަނީ އެ މަންޒަރު ހުޅުމާލޭ ކެފޭއިންވެސް ފެނުން ކަމަށެވެ.

ހުޅުމާލެ ސީގަލްއިން މާލެ ކެފޭގެ މަޝްހޫރު ރަހަތަކާ އެކު އާ ބާވަތްތައް ވެސް ލިބެން ހުންނާނެ އެވެ. އޭގެ ތެރޭގައި މަގުބޫލު ސީގަލް އައިސް ކްރީމް އެންމެ މުހިންމު ބައެއްގެ ގޮތުގައި މެނޫގައި ހިމެނެ އެވެ.

ބޮޑެތި މީހުންނަށާއި ކުޑަކުދިންނަށް ވެސް ޚާއްޞަ މެނޫއެއް ތައްޔާރުކޮށްފައިވާއިރު ޢާއިލާތަކާއި ރައްޓެހިންނަށް ހިތްފަސޭހަ މާޙައުލެއް ލިބޭ ގޮތަށް އެ ތަން ފަރުމާކޮށްފައިވާ ކަމަށް ސީގަލް ގްރޫޕުން ބުނެފައިވެ އެވެ. ހުޅުމާލޭގައި އައުޓްލެޓެއް ހުޅުވުމުގެ އެންމެ ބޮޑު ބޭނުމަކީ ހުޅުމާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާ ސީގަލް ކެފޭގެ ގިނަ ދުވަސްވީ ކަސްޓަމަރުންނާއި ގާތަށް ޚިދުމަތް ގެނައުމުގެ އިތުރުން އާ ޖީލަކަށް ސީގަލް ތަޢާރަފްކުރުމެވެ.

ހުޅުމާލޭ ސީގަލް ކެފޭ -- ފޮޓޯ: ސީގަލް ގްރޫޕް

ސީގަލް ކެފޭ ފުރަތަމަ ހިންގީ 1980 އިގެ ކުރީކޮޅު "ގެބިއާނޯ" ގެ ނަމުގައި މާލޭ ސީގަލް ކެފޭ ހިންގާ ތަނުގައި އެވެ. އެތނުގެ ނަން ސީގަލް ކެފޭގެ ނަމަށް ބަދަލު ކުރީ 1990 އިގެ ކުރީކޮޅު އެވެ.

އޭގެ ފަހުން ޖީލުތަކެއް ވަންދެން އެ ތަން ވެފައި ވަނީ ރައްޓެހިންނާ ބައްދަލުކޮށް ޢާއިލީ ކެއުންތައް ބާއްވައި ޚާއްޞަ މުނާސަބަތުތައް ފާހަގަކުރާ ނުވަތަ ހަމައެކަނި އައިސް ކްރީމެއް ބޯލަން ވަންނަ ތަނަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް