އިޒްރޭލުން ހިންގާ ގަތުލްއާންމާއި ދެކޮޅުކަން އަޔަލެންޑުން ދެވަނަ މެޗުގައިވެސް ހާމަކޮށްދީފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ކުރިން ވެސް ދެ ޓީމުގެ ކުޅުންތެރިން އެއް ބަޔަކު އަނެއް ބަޔަކާ ސަލާމްނުކޮށް ދަނޑަށް ނުކުމެއްޖެއެވެ. މީގެ ހަފުތާއެއް ކުރިން އަޔަލެންޑ...

05 Oct 2026 | 06:22
އަޔަލެންޑު ކުޅުންތެރިން އިޒްރޭލުގެ ގައުމީ ސަލާމް ކިޔަމުން ދިޔައިރު އިސްޖަހައިގެން --

އަޔަލެންޑު ކުޅުންތެރިން އިޒްރޭލުގެ ގައުމީ ސަލާމް ކިޔަމުން ދިޔައިރު އިސްޖަހައިގެން --

ޔުއެފާ ނޭޝަންސް ލީގުގައި ރޭ އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ކުރިން ވެސް ދެ ޓީމުގެ ކުޅުންތެރިން އެއް ބަޔަކު އަނެއް ބަޔަކާ ސަލާމްނުކޮށް ދަނޑަށް ނުކުމެއްޖެއެވެ.

މީގެ ހަފުތާއެއް ކުރިން އަޔަލެންޑުން 3-0 ގެ ނަތީޖާއަކުން އިޒްރޭލު ބަލިކުރި މެޗުގައި ވެސް ދެ ޓީމުގެ ދެމެދުގައި ސަލާމްކުރުމެއް ނެތެވެ.

ދެވަނަ މެޗުގައި ކެޕްޓަނުންގެ ގޮތުގައި ތިބީ ކުރީ ހަފުތާގެ ކެޕްޓަނުންނާ ތަފާތު ދެ ކުޅުންތެރިން ކަމަށްވާ ކައިމިން ކެލެހާ އާއި ދޮރް ޕެރެޓްޒް ކަމުގައި ވިޔަސް ކޮއިން ޓޮސް އަށް ފަހު އެ ދެ ކެޕްޓަނުން ވެސް ސަލާމެއް ނުކުރެއެވެ.

އިޒްރޭލުގެ ޤައުމީ ސަލާމް ކިޔަމުންދިޔަ ވަގުތު އަޔަލެންޑުގެ ކުޅުންތެރިން އިސްޖަހައިގެން ތިބީ އިހުތިޖާޖެއްގެ ގޮތުގައެވެ. ރޭގެ މެޗު ނިމުނީ 1-1 ން ދެ ޓީމު އެއްވަރުވެގެންނެވެ.

މީގެ އިތުރުން ޔުއެފާގެ ހުއްދައާ އެކު އޮކްޓޫބަރު ހަތެއްގެ ހަމަލާތަކުގައި މަރުވި މީހުންގެ ހަނދާނުގައި އިޒްރޭލު ޓީމުން ކަޅު ބޭންޑު އެޅިއެވެ. އަޔަލެންޑު ޓީމުން ވެސް ކަޅު ބޭންޑު އެޅީ މެދުއިރުމަތީގެ ހަމަނުޖެހުމުގައި ގެއްލިފައިވާ ހުރިހާ ފުރާނައެއްގެ ހަނދާނުގައެވެ.

ހޮނިހިރު ދުވަހު ބޭއްވި މެޗުގެ ކުރީގެ ޕްރެސް ކޮންފަރެންސް ގައި ވެސް ހިތްހަމަ ނުޖެހުންތަކެއް ހިނގި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެ ހިތްހަމަ ނުޖެހުން އުފެދުނީ ފްލައިދުބާއީ ބޯޓު ވައްޓާލަން އުޅުނު ހާދިސާ އާއި ގުޅޭގޮތުން އަޔަލެންޑުގެ ކޯޗާއި އިޒްރޭލު ނޫސްވެރިއަކު ސުވާލު ކުރުމުންނެވެ.

މި ދެ ޓީމު ހަފުތާއެއްގެ ތެރޭ ދެ ފަހަރަށް ބައްދަލުކުރި އިރު ދެ މެޗުގައި ވެސް ކުޅިވަރާ ވަކި ނުކެނޑޭ ސިޔާސީ ނުތަނަވަސް ކަމެއް ފެނިގެން ގޮސްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް