އަހާ ފޯރަމްގައި މިނިސްޓަރު ވާހަކަ ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
ރަސްމާލޭގައި އީގަލް ހިލްސް ކުންފުނިން ހިންގުމަށް ހަމަޖެހިފައިވާ ބިޔަ މަޝްރޫޢުގެ ސަބަބުން ރާއްޖެ 2040 ވަނަ އަހަރު ތަރައްޤީވެފައިވާ ޤައުމަކަށް ބަދަލުކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިރޭ ވިދާޅުވެއްޖެއެވެ.
"އަހާ" ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ފާއިތުވި 54 އަހަރު ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ގެނެވުނު ޖުމްލަ ވަސީލަތްތަކާ އީގަލް ހިލްސްގެ އެންމެ ޕްރޮޖެކްޓެއް އެއްވަރުވާނެ ކަމަށެވެ. ރާއްޖޭގެ އިޤުތިޞާދު ފުޅާކުރުމަށް ޤައުމުގެ ޠަބީޢަތާ ގުޅޭ ގޮތްތައް ޚިޔާރުކުރަން ޖެހޭ ކަމަށާއި މި ޕްރޮޖެކްޓް ވެސް ކުރިއަށް ގެންދާނީ އެ މޭރުމުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި 170 ރިސޯޓު ހިންގަމުން ދާއިރު ފަތުރުވެރިކަމުން އިޤުތިޞާދަށް ސީދާ ގޮތުން ވަންނަނީ 1.7 ބިލިއަން ޑޮލަރު ކަމަށް ސައީދު ވިދާޅުވިއެވެ. އެއް ސިނާޢަތަކަށް ބަރޯސާވެގެން ޤައުމެއް ތަރައްޤީ ކުރުމަކީ ބޮޑު ނުރައްކަލެއް ކަމަށާއި މިހާރު ކަން ހިނގާ ގޮތުން 2040 ވަނަ އަހަރުގެ އަމާޒު ޙާޞިލެއް ނުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އީގަލް ހިލްސް ޕްރޮޖެކްޓުން އެކަނި އެއް މިލިއަން ޓޫރިސްޓުން އެބަ އިތުރުވޭ. އެއާޕޯޓު ތަރައްގީ ކުރީ 4 ނުވަތަ 5 މިލިއަން އެރައިވަލް ނިއަ ޓާމްގައި އެޗީވްކުރުމަށްޓަކައި" ސައީދު ވިދާޅުވިއެވެ.
99 އަހަރަށް ބިން ކުއްޔަށް ދިނުމުގެ އުސޫލަކީ 2013 އިން 2018 އާ ދެމެދު ފެށިފައިވާ ކަމެއް ކަމަށާއި މިހާރު ވެސް 54 ވަރަކަށް ރިސޯޓު އެ މުއްދަތަށް ކުއްޔަށް ދީފައި އޮތް ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ރައީސް ޔާމީންގެ ސަރުކާރުގައި އެއް ބިލިއަން ޑޮލަރު އިންވެސްޓުކޮށް ބިން ހިއްކައިފި ނަމަ 30 އިންސައްތަ ދާއިމީ ގޮތެއްގައި ފްރީހޯލްޑް އުސޫލުން ދޫކުރާ ގޮތަށް ނިންމި ކަމަށާއި ޖެހިގެން އައި ސަރުކާރުން ޤާނޫނު ބަދަލުކުރީ 99 އަހަރަށް ކުއްޔަށް ދެވޭ ގޮތަށް ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
މި ޕްރޮޖެކްޓާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ފާޅުކުރާ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ސައީދު ވިދާޅުވީ އެއީ ބިރުވެރިކަން އުފެއްދުމުގެ ބޭނުމުގައި ސިޔާސީ ގޮތުން ދައްކާ ވާހަކަ ކަމަށާއި މި މަޝްރޫޢު ކާމިޔާބުވެއްޖެ ނަމަ އިދިކޮޅު ފަރާތްތަކުގެ ސިޔާސީ ޙަޔާތަށް ހިޔަނި އެޅޭނެ ކަމަށެވެ.
"މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ" ގެ ނަމުގައި ރަސްމާލޭގައި ހިންގާ މި މަޝްރޫޢުގެ ކޮމާޝަލް ޓާމްސް އެއްބަސްވުމުގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ އެކު ސަރުކާރުން ސޮއިކުރީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ. އެ އެއްބަސްވުމުގެ ދަށުން ރަސްމާލޭގެ 500 ހެކްޓަރު ބިން އެ ކުންފުންޏަށް ދޫކުރާ އިރު 20 ބިލިއަން ޑޮލަރުގެ މި މަޝްރޫޢާ މެދު ސިޔާސީ ބައެއް ލީޑަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް