އަހާ ފޯރަމްގައި މިނިސްޓަރު ބައިވެރިވެވަާދއިގެންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
މާލެއާއި ހުޅުމާލެއާ ދެމެދު ސްކޫލް ކުދިންނަށް ޚާއްޞަ ބަސް ދަތުރުތަކެއް ތައާރަފުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ "އަހާ" ފޯރަމުގެ އަށް ވަނަ އެޕިސޯޑުގައި ރޭ ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ ބަހުގެ ހިދުމަތް ދޭނެ ގޮތެއް ކަނޑައެޅުމަށް ސްކޫލްތަކުގެ ހިންގުމާ ހަވާލުވެ ތިބި ފަރާތްތަކާއި ބެލެނިވެރިންނާ މަޝްވަރާކުރައްވާނެ ކަމަށެވެ. އޭގެފަހުން "ސްކޫލް ފްރެންޑްލީ" ގެ ނަމުގައި ހަމައެކަނި ދަރިވަރުން އުފުލުމަށް ޚާއްޞަ ބަސްތަކެއް ދެ ސިޓީ ގުޅުވައިދޭ ގޮތަށް ތައާރަފުކުރައްވާނެ ކަމަށެވެ.
އެ ޚިދުމަތުގެ އިތުރުން ހުޅުމާލޭ ފުރަތަމަ އަދި ދެ ވަނަ ފިޔަވަހިން މާލެއަށް ވަޒީފާއަށް އަންނަ މީހުންނަށާއި ޓްރެފިކް ބާރު ބޮޑުވާ ގަޑިތަކުގައި ދެކޮޅަށް ދަތުރުކުރާ ފަރާތްތަކަށް ވަކި ބަސް ރޫޓުތަކެއް ކަނޑައެޅުއްވުމަށް ރާއްވަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ހުޅުމާލެއިން ވެލާނާގެ ސަރަހައްދަށާއި ގްރީން ޒޯނަށް ވަކި ގަޑިތަކެއް ބަހުގެ ދަތުރުތައް ބާއްވަވާނެ ކަމަށް ވިދާޅުވިއެވެ.
ސައީދު ފާހަގަކުރެއްވި ގޮތުގައި މި ބަދަލުތައް ގެންނަވަނީ ސައިކަލާއި ކާރުގައި އޮފީސްތަކާއި ސްކޫލުތަކަށް ދާ ފަރާތްތައް މަދުކުރެއްވުމުގެ މަގުސަދުގައި އެވެ.
އޭނާ ވިދާޅުވީ ބްރިޖާއި ހައިވޭގައި އޮންނަ ލިމިޓޭޝަންއާ އެއްކޮށް ޖާގަ ބޮޑުކުރެވެން އިތުރަށް ނޯންނާތީ އާއި މާލެ ސަރަހައްދަށް މީހުން އިތުރުވެފައި އޮތް ނިސްބަތަށް ބަލާއިރުގައި މިހާރު ފެންނަ އެންމެ އެކަށީގެންވާ އެއް ހައްލަކީ މާސް ޓްރާންސްޕޯޓް މިހާރަށް ވުރެ ބޮޑަށް މޮބިލިޓީގެ ތެރެއަށް ގެނެވޭނެ އެއްޗަކަށް ހަދައި އެއަށް ބޭނުންވާ ސެކިއުރިޓީ އާއި ކޮމްފޯޓް ގެނެސްދިނުން ކަމަށެވެ.
މީގެ އިތުރުން މާލޭގެ ތޮއްޖެހުން ކުޑަކުރެއްވުމުގެ ގޮތުން ހެވީ ވެހިކަލްތަކާއި މުދާ އުފުލާ އުޅަނދުފަހަރު ދުއްވޭނެ ވަކި ގަޑިތަކެއް ކަނޑައެޅުއްވުމާ ގުޅޭ ގޮތުން ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ވެސް ރޭ ސައީދު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް